11 ޖެނުއަރީ 2017
މި މަހު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އިންތިޚާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މައްސަލާގައި ކޮމިޝަނުން އަމަލުކުރި ގޮތުންނާއި އެކި ފަހަރު އެކި ގޮތަށް ކޮމިޝަނުން އަމަލު ކުރުމާއި އިންތިޚާބުގެ އާ ތާރީޚު އިއުލާން ކުރުން ލަސްކުރުން ވެގެންދިޔައީ ޕާޓީތަކާއި ކެންޑިޑޭޭޓުންގެ ފާޑު ކިޔުން ކޮމިޝަނަށް އަމާޒުވި ކަމަކަށެވެ.
މި މަހު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރި މައްސަލާގައި އިލެކްޝަންސް ކޮމިޝަނަށް އެކި ގޮތްގޮތުން ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. އިންތިޚާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ކުރުމުގެ މައްސަލާގައި ކޮމިޝަނުން އަމަލުކުރި ގޮތުންނާއި އެކި ފަހަރު އެކި ގޮތަށް ކޮމިޝަނުން އަމަލު ކުރުމާއި އިންތިޚާބުގެ އާ ތާރީޚު އިއުލާން ކުރުން ލަސްކުރުން ވެގެންދިޔައީ ޕާޓީތަކާއި ކެންޑިޑޭޭޓުންގެ ފާޑު ކިޔުން ކޮމިޝަނަށް އަމާޒުވި ކަމަކަށެވެ.
އިންތިޚާބުގެ ތާރީޚު އިއުލާން ނުކޮށް ލަސްކުރާތީ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް އަންނަ އޭޕްރީލް 8 ގައި އިންތިޚާބު ބާއްވާނެ ކަން ކޮމިޝަނުން އިއުލާން ކުރުމާ އެކު ކެންޑިޑޭޓުންނާއި ޕާޓީތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެކަމަކު ދެން ކުރިމަތިވީ އެއަށް ވުރެ ބޮޑު ކަމެކެވެ. އިންތިޚާބުގެ އާ ތާރީޚު އިއުލާން ކުރިއިރު ކޮމިޝަނުން ނިންމީ ކުރިން ކުރިމަތިލި ކެންޑިޑޭޓުން ވެސް އަލުން ކުރިމަތިލާން ޖެހޭ ގޮތަށެވެ.
މި މަހު 14 ގައި ބާއްވަން ނިންމި އިންތިޚާބަށް ކުރިމަތިލި 900 އަށް ވުރެ ގިނަ މީހުންގެ ކެންޑިޑެސީ ކޮމިޝަނުން ގަބޫލުކޮށް، އެކަމުގެ ލިޔުން ކޮމިޝަނުން އެ މީހުންނަށް ދިނެވެ. އެކަމަކު އިންތިޚާބުގެ އާ ތާރީޚާ އެކު ކޮމިޝަނުން ނިންމީ އެ ހުރިހާ ކެންޑިޑެސީތަކެއް ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށެވެ. މިކަން ވީ އިދިކޮޅު ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުން އުފުލަން ޖެހޭނެ އިތުރު ބުރައަކަށެވެ.
ސަރުކާރު ހިންގާ ޕީޕީއެމުން މިކަމަށް ފާޑެއް ނުކިޔަ އެވެ. ސަބަބަކީ ކައުންސިލް އިންތިޚާބު މިމަހު ބާއްވަން އުޅުނުއިރު ޕީޕީއެމަށް ތައްޔާރު ނުވެވޭތީ އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކު އޭރު ކުރިމަތިލާފައި ނެތުމުން އެ ޕާޓީގެ އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ގެއްލިގެން ނުދާނެތީ އެވެ. އިންތިޚާބު ފަސްކުރަން ކޯޓުން އެންގީ ވެސް ޕީޕީއެމަށް ތައްޔާރު ނުވެވި އޮތުމުންނެވެ.
އެކަމަކު ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ އެކީ އެއްފަހަރާ ބާތިލް ކުރަން ކޮމިޝަނުން ނިންމުމުން އެކަމުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަ ހުއްޓެވެ.
އިންތިޚާބު ފަސްކުރަން ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިންތިޚާބު ދެ މަހަށް ފަސްކުރާ ވާހަކަ އެވެ. މި މަހުގެ 14 ގައި އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރި ކަމަށް އެ ހުކުމުގައި ބުނެފައެއް ނެތެވެ. އަދި ދެ މަސް ފަހުން ބާއްވަން ޖެހެނީ އާ އިންތިޚާބެއް ކަމަކަށް ވެސް ހުކުމުގައި ބުނެފައެއް ނެތެވެ. ހަމަ އެހެންމެ، އިންތިޚާބާ ގުޅިގެން އެހާތަނަށް އިލެކްޝަންސް ކޮމިޝަނުން ކުރި ކަންކަން ބާތިލްކޮށްފައެއް ވެސް ނެތެވެ.
މިސާލަކަށް ރީ ރަޖިސްޓްރޭޝަނަށާއި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބަލައިގަތް ގަތުމާއި އަދި އޮބްޒާވަރުންނާއި މޮނީޓަރުންގެ ކަންކަމާ ގުޅިގެން ކޮމިޝަނުން ނިންމި އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން އެ ހުކުމުގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ. ހަމައެކަނި އޮތީ ދެ މަހަށް ފަސްކުރަން ޖެހޭ ވާހަކަ އެކަންޏެވެ. އޭގެ މާނައަކީ އިންތިޚާބުގެ އެހެން ކަންކަމާ ގުޅިގެން ކޮމިޝަނުން ނިންމި ހުރިހާ ނިންމުންތަކެއް އަދިވެސް ދެމި އެބައޮތް ކަމެވެ. އެކަންކަމުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލެއް ނެތް ކަމެވެ.
އެކަމަކު ކޮމިޝަނުން ނިންމީ އެ ކޮމިޝަނުން ކުރިން ބަލައިގެންފައި ތިބި ހުރިހާ ކެންޑިޑޭޓުންގެ ކެންޑިޑެސީ އެކީ އެއްފަހަރާ ބާތިލް ކުރުމަށް ފަހު، އަލުން ކުރިމަތިލާން ޖެހޭ ގޮތަށެވެ. މަންދޫބުންނާއި އޮބްޒާވަރުން އަލުން ފޯމް ހުށަހަޅަން ނުޖެހުނަސް ކެންޑިޑޭޓުން އަލުން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.
އީސީގެ ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމެއް:- ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އަލުން ކުރިމަތިލާން ޖެހުނު މައްސަލާގައި އެމްޑީޕީން ވަނީ ކޯޓަށް ދާން ނިންމާފައި --ފޮޓޯ: އިލެކްޝަންސް
އެ މައްސަލާގައި އިދިކޮޅު އެމްޑީޕީން ވަނީ ކޯޓަށް ދާން ނިންމައިފަ އެވެ. އެ އިންތިޚާބަށް މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕާޓީން ބުނަމުންދަނީ ކުރިން ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ނުކުރެވޭނެ ކަމަށާއި މިއީ އާ އިންތިޚާބެއް ނޫން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން ހުރިހާ ކެންޑިޑޭޓުން ވެސް އަލުން ކުރިމަތިލާން ޖެހޭ ގޮތަށް ނިންމީ ޕާޓީގެ ޓިކެޓް ހޯދަން ބާއްވާ ޕްރައިމަރީތަކުގައި ބަލިވާ ކެންޑިޑޭޓުންނަށް އެ އިންތިޚާބެއްގައި އެއްވެސް ގޮތަކުން ވާދަ ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުންނެވެ. މިދިޔަ ޑިސެމްބަރު މަހު އެ އިސްލާހު ގެނައުމުގެ ކުރިން، ކެންޑިޑެސީ ބަލައިގެންފައި ތިބި 900 ކެންޑިޑޭޓުންގެ ތެރޭގައި ޕްރައިމަރީގައި ބަލިވި ބައެއް ފަރާތްތައް ތިބި ކަމަށް އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި އެވެ.
"ކުރިން ކެންޑިޑެސީ ބަލައިގަތް ކެންޑިޑޭޓުންގެ ތެރޭގައި ތިބި ޕްރައިމަރީން ބަލިވި ބައެއް ފަރާތްތައް ވެސް. އެހެންވެ އެގޮތަށް ނިންމީ. އެކަމަކު އޮބްޒާވަރުންނާއި މޮނީޓަރުންނަށް އެ މައްސަލަ ދިމާނުވާނެތީ އެ ފަރާތްތައް އަލުން ހުށަހަޅަން ނުޖެހޭ ގޮތަށް ނިންމީ،" އޮފިޝަލް ވިދާޅުވި އެވެ.
ކޮމިޝަނުން އެގޮތަށް ބުންޏަސް ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ މައުލޫމާތުތަކަކީ އިލެކްޝަންސް ކޮމިޝަންގައި ހުންނާނެ މައުލޫމާތުތަކެވެ. އަދި ކޮމިޝަނުން މިހާރު ވަނީ ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓުންގެ މައުލޫމާތު ޕާޓީތަކުން އެ ކޮމިޝަނާ ހިއްސާކުރަން ޖެހޭ ގޮތަށް އުސޫލެއް ވެސް ހަދައިފަ އެވެ. އެހެންވީއިރު ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވި މީހުންނަކީ ކޮބައިކަން ދެނެގަނެ، އެފަދަ ބަޔަކު ތިބި ނަމަ އެ މީހުން ކެންޑިޑެސީ ވަކިވަކިން ބާތިލް ކުރުމަކީ ކޮމިޝަނަށް އުނދަގޫ ކަމަކަށް ނުވާނެ އެވެ.
އޭގެ ބަދަލުގައި، މަދު ބަޔަކާ ހެދި 900 ކެންޑިޑޭޓުންގެ ކެންޑިޑެސީ އެކީ އެއްފަހަރާ ބާތިލްކޮށްލުމަކީ އެ މީހުންގެ އެތައް ހައްގުތަކެއް ގެއްލިގެންދާނެ ސަބަބެކެވެ.
ކޮމިޝަނުން ބުނެފައިވަނީ ކުރިން ކުރިމަތިލި ކެންޑިޑޭޓުންނަށް ފުރިހަމަކުރަން ޖެހޭ ލިޔުންތައް ހުށަހެޅުމުގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ލިބޭނެ ކަމަށެވެ. އެކަމަކު އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައި، ކުރި އިއުލާނުގައި އެފަދަ އެއްވެސް ލުއިތަކެއްގެ ވާހަކައެއް ނެތެވެ. އޭގައި އޮތީ އާންމު އުސޫލުން އެންމެން ވެސް ފުރިހަމަ ކުރަން ޖެހޭ ލިޔުންތައް ހުށަހެޅުމަށެވެ.
ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން ރާއްޖޭގައި އެންމެ ފަހުން ބޭއްވި އިންތިޚާބަކީ ރިޔާސީ އިންތިޚާބެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ އިންތިޚާބު އަލުން ބާއްވަން ޖެހުނުއިރު، އެންމެ ފުރަތަމަ ކުރިމަތިލި ކެންޑިޑޭޓުންގެ ކެންޑިޑެސީ އެގޮތުގައި ދެމި އޮތެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް، ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު އެ ހުކުމާ އެކު ނެރުނު ގައިޑްލައިން އޮތް ގޮތުން އިލެކްޝަންސް ކޮމިޝަނަށް ޖެހުނީ އިންތިޚާބުތަކާ ގުޅިގެން އެ ކޮމިޝަނުން އަމަލުކުރި އެތައް އިޖްރައާތެއް ބަދަލު ކުރާށެވެ. އެހެން ގޮތަކަށް ބުނާ ނަމަ ހުރިހާ ކަމެއްހެން ސުމަކުން ފަށާށެވެ.
އެކަމަކު އޭރު ވެސް އެއްވެސް ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށް، އަލުން އިންތިޚާބަށް ކުރިމަތިލާކަށް އެ ކޮމިޝަނަކުން ނާންގަ އެވެ. އެކަމަކު ފަހުން ނަން އަނބުރާ ގެންދަން ބޭނުންވި ކެންޑިޑޭޓުންނަށް، ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން އެ ފުރުސަތު ދިނެވެ.
ވަކީލަކު ވިދާޅުވި ގޮތުގައި ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލް ކުރުމަކީ ގާނޫނީ ގޮތުން ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އިތުރު ބަޔަކު ކުރިމަތިލާން ވެސް ފުރުސަތު ދެވިގެންވާނެ ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ. އިންތިޚާބުގެ ތާރީޚު ކޯޓުން ފަސް ކުރުމަކީ އާ އިންތިޚާބެއް އިއުލާން ކުރަންޖެހޭ ސަބަބެއް ކަމަކަށް އޭނާ ދެކެވަޑައެއް ނުގަންނަވަ އެވެ.
"ކޯޓުން ހަމައެކަނި އެންގީ އިންތިޚާބުގެ ތާރީޚު ފަސްކުރަން. އެހެން ކަމަކަށް ކޯޓުން ނެތް އެއްޗެއް ބުނެފައެއް. އެހެންވީމަ އޭރު މުއްދަތު ހަމަވިއިރު ކުރިމަތިލާފައި ތިބި މީހުންނަށް ވާދަ ކުރެވެން ޖެހޭނީ. އެހެން ބަޔަކު ކުރިމަތިލާން އަލުން ހުޅުވައެއް ވެސް ނުލެވޭނެ އެހެން ގޮތަކަށް ކޯޓެއްގެ ނިންމުމެއް ނާންނަހާ ހިނދަކު. އެއީ ދުސްތޫރީ ގޮތުން ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން،" ގާނޫނީ ދާއިރާގައި ހަތް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ އެ ވަކީލް ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުން 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލަ އޭނާ ފާހަގަކުރެއްވި އެވެ.
"އޭރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލްކޮށްފައި އެކި ފަހަރުމަތިން ފަސްވަމުން ފަސްވަމުން ދިޔައިރު ވެސް އަލުން ކުރިމަތިލާކަށް ހުޅުވައެއް ނުލާ. އެންމެ ފުރަތަމަ ކުރިމަތިލި ކެންޑިޑޭޓުން ތިބީ އިންތިޚާބު ނިމުނުއިރު ވެސް،" އެ ވަކީލް ފާހަގަކުރެއްވި އެވެ.
އިންތިޚާބަށް ކުރިމަތިލާން އަލުން ފުރުސަތު ދޭން ނުޖެހުނަސް ވޯޓުލާން އަލުން ރީ ރަޖިސްޓްރީ ކުރުން ފަދަ ކަންކަމަށް އިތުރު ފުރުސަތު ދޭން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ ރިޔާސީ އިންތިޚާބުގެ މައްސަލާގައި އެގޮތަށް އަމަލުކޮށްފައި އޮތުމުންނެވެ.
"ކޮންމެ ގޮތެއް ވިޔަސް މި ހިނގާ މުއްދަތު، ފެބްރުއަރީ އާއި މާޗް އަދި އޭޕްރީލް 8 އާ ހަމައަށް 18 އަހަރު ފުރޭ މީހުން ތިބޭނެ. ރިޔާސީ އިންތިޚާބު މައްސަލާގައި ސުޕްރީމް ކޯޓުން އަމަލުކުރި ގޮތް ގިޔާސް ކުރާ ނަމަ ވޯޓުލާން ރީ ރަޖިސްޓްރީ ކުރަން އިތުރު ފުރުސަތު އޮތުމަކީ މައްސަލައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އިންތިޚާބެއްގައި އެންމެ މުހިންމު ބަޔަކަށް ވާނީ އެ އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުންނެވެ. އިންތިޒާމްތައް ހަމަޖައްސާއިރު ވެސް އެންމެ ގިނަ ފަސޭހަތަކާއި ޚާއްސަ އިމްތިޔާޒުތައް ލިބިގެންވާނީ ކެންޑިޑޭޓުންނަށެވެ. އޭގެ ބަދަލުގައި މިފަހަރު މިކަން މިވީ އޭގެ އިދިކޮޅަށެވެ. މަދު ބައެއްގެ ސަބަބުން، މިފަހަރު ކެންޑިޑޭޓުން އުފުލަން ޖެހުނު ބުރަ މާ ބޮޑެވެ.
"އިންތިހާބަށް ފުލުހުން ވަނީ ފުރިހަމައަށް ތައްޔާރުވެފަ"
ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލައިފި
އީސީ އަށް ހުރަހެއް ނެތް އިރު އިއުލާންނުކުރަނީ ކީއްވެ؟
އިންތިހާބު އިއުލާންކުރާނީ ގާނޫނީ ކަންކަން ސާފުކޮށްފައި
ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ވޯޓު ލާ މީހުންގެ ލިސްޓު ގެޒެޓް ކޮށްފި
ކައުންސިލް އިންތިހާބަށް ކުރިމަތިލުން އޮކްޓޫބަރު 26ގައި
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
ބައި އިލެކްޝަން: 2ޖެހުމާ ހަމައަށް ވޯޓުލީ 17ޕަސެންޓް
އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެން ބޭފުޅެއް!