Roadha Mihaaru
ޝިއާއުގެ މަރު: ތަހުގީގުގެ މުއްދަތު ދަނީ އިތުރުކުރަމުން

ޝިއާއުގެ މަރުގެ ތަހުގީގެއް ނުނިމޭ، ޕީޖީން އަންނަނީ މުއްދަތު ދެމުން

02 އޮކްޓޯބަރ 2022

ހ. ޝީރީންވިލާ ގޭގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގެ މުއްދަތު، ފުލުހުން ބޭނުންވެގެން އިތުރުކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހ. ޝީރީންވިލާ ގޭގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގުގެ މުއްދަތު، ފުލުހުން ބޭނުންވެގެން އިތުރުކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައި އޮއްވައި ފެނުނީ އޮގަސްޓު ހަ ވަނަ ދުވަހުގެ ރޭގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު ހަށިގަނޑަށް ހުރީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ އަލީ ޝާހިލް އެވެ. ޝާހިލް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގު ނުނިމި ދިގުލައިގެން ދިއުމާ ބެހޭ ގޮތުން ސުވާލުކުރުމުން، ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ، އެ އޮފީހުން ގެންދަނީ އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ފުލުހުން އެދިގެން 15 ދުވަހުން 15 އިތުރުކޮށްދެމުން ކަމަށެވެ.

ޝަފީއު ވިދާޅުވި ގޮތުގައި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބެނީ 15 ދުވަސް ކަމަށެވެ. އެކަމަކު، އެ މުއްދަތު ހަމަވެފައިވާއިރު، ފުލުހުން އެދޭ ނަމަ ޕީޖީ އޮފީހަށް 15 ދުވަހުން 15 ދުވަހުން މުއްދަތު އިތުރުކުރެވިދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. މުއްދަތު އިތުރު ކުރެވޭނެ ވަކި ވަރެއް ވެސް ނޯވެ އެވެ.

ޝިއާއުގެ މަރުގެ ތުހުމަތު ކުރެވޭ ޝާހިލް

ޝިއާއުގެ މަރުގެ ތުހުމަތު ކުރެވޭ ޝާހިލް

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ބަންދުކޮށްފައިވާ ޝާހިލް ފުލުހުންގެ ތަހުގީގަށް އެއްބާރުލުމެއް ނުދެ އެވެ. އެހެންވެ، ފުލުހުން އަދިވެސް ގެންދަނީ މައްސަލަ ފުނަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ ޝާހިލް ދިރިއުޅުނު އެޕާާޓްމެންޓުންނެވެ. ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ފުލުހުން އެ ތަނަށް ދިޔަ އިރު ޝާހިލް އެތަނުގައި ހުރި ކަމަށާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން މީގެ ކުރިން ފުލުހުން ވަނީ އޮޓޯޕްސީ ރިޕޯޓެއް ފޮނުވައިފަ އެވެ. އެހެންނަމަވެސް، އެ ރިޕޯޓާ ގުޅޭ މައުލުމާތެއް ފުލުހުން ރަސްމީކޮށް ދީފައި ނުވެ އެވެ. އަދި މައްސަލައިގެ ތަހުގީގު ހިނގަމުންދާތީ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލުމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.