Roadha Mihaaru
އަޒްހާން އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ކައިރިން

އަޒްހާން އެންމެ ފަހުން ފެނުނީ ރެޑްބުލް ދަނޑު ސަރަައްދުން: ފުލުހުން

25 ސެޕްޓެމްބަރ 2022

ހުޅުމާލެ އިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާންއާ އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެއީ ހުޅުމާލެ އިން ސިނަމާލެ ބްރިޖަށް އަރަން ދާއިރު، އޮންނަ ސްކޭޓްކުރާ ސަރަހައްދުގެ ދަނޑެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ އިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒުހާންއާ އެންމެ ފަހުން ފެނުނީ ހުޅުމާލޭގެ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެއީ ހުޅުމާލެ އިން ސިނަމާލެ ބްރިޖަށް އަރަން ދާއިރު، އޮންނަ ސްކޭޓްކުރާ ސަރަހައްދުގެ ދަނޑެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ހ. ބޮނޑިކަނދޮޅުގެ، އަޒުހާން 27، ގެ ޚަބަރެއް މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ނުވެގެން އޭނާގެ އާއިލާ އިން، ޖެހިގެން އައި ހޯމަ ދުވަހުގެ ރޭ 7:00 ހާއިރު ފުލުހުންނަށް ރިޕޯޓުކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށެވެ.

އެއާއެކު، އަޒުހާނާ ގުޅޭ އެކި މައުލޫމާތުތައް ފުލުހުންގެ އެކި ޔުނިޓްތަކާ ހިއްސާކުރިއަސް މިހާތަނަށް ކުރި މަސައްކަތުން ވެސް އެ ޒުވާނާ ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު، އޭނާ އެންމެ ފަހުން ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލިބެލުމުން، ހުޅުމާލެ ފޭސް އެކެއްގައި އޭނާ ހުރި ގެސްޓް ހައުސް އިން ކާރެއްގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރަށް އެރުމަށް ފަހު އެ ތަނުން ފަތިހު 4:53 ހާއިރު ހުދު ކުލައިގެ ޓެކްސީއަކަށް އަރައިގެން އޭނާ ހުރި ގެސްޓް ހައުސް ސަރަހައްދަށް އަނބުރާ ގޮސްފައިވާ ކަމަށް ފެންނަން ހުރި ފުޓޭޖުތަކުގެ އަލީގައި ފުލުހުން ބުންޏެވެ.

އެ ދެ ކާރުގެ ޑްރައިވަރުން މިހާރު ދެނެގަނެވިފައިވާއިރު، އެންމެ ފަހުން އަޒުހާން ފެނިފައިވާ ސަރަހައްދު ވެސް އެނގިފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.

"އަޒުހާން އެންމެ ފަހުން ފެނިފައިވާ ކަމަށް މިހާރު އެނގިފައިވާ ސަރަހައްދަކީ ފޭސް އެކެއްގެ ރެޑްބުލް ދަނޑު ސަރަހައްދެވެ. މީގެ އިތުރުން އަޒްހާން ވައިގެ މަގުން ރާއްޖޭގެ އެހެން އަތޮޅަކަށް އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ނުވާ ކަން ވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވެ އެވެ،" ފުލުހުން ބުންޏެވެ.

އެ އިދާރާއިން މިހާރު އަންނަނީ ރެޑްބުލް ދަނޑު ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

އަޒުހާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު، 9393351 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދެ އެވެ.