Roadha Mihaaru
ނާޒިމްގެ ހުކުމް ވެސް އިސްތިއުނާފުކުރުމުގެ އިޝާރާތެއް

ނާޒިމްގެ އަދަބު ލުއިކުރި ގޮތް ގާނޫނާ ހިލާފް ވާތީ އިސްތިއުނާފުކުރާނެ ކަމުގެ އިޝާރާތެއް

25 ސެޕްޓެމްބަރ 2022

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވުމުމުން ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި އިރު ގާނޫނާ ހިލާފަށް އަދަބު ލުއިކޮށްފައި ވާތީ އެ ނިންމުން އިސްތިއުނާފްކުރައްވާނެ ކަމުގެ އިޝާރާތެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އިއުތިރާފް ވުމުމުން ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި އިރު ގާނޫނާ ހިލާފަށް އަދަބު ލުއިކޮށްފައި ވާތީ އެ ނިންމުން އިސްތިއުނާފްކުރައްވާނެ ކަމުގެ އިޝާރާތެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެއްވައިފި އެވެ.

އަލަމްގީރާ އެކު ގިނަ ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތައް އާންމުވުމާ އެކު އެ ވީޑިއޯތަކުން ފެންނަ ބައެއް މީހުން ހައްޔަރުކުރި އިރު އެންމެ ފުރަތަމަ ހައްޔަރުކުރި ނާޒިމް ކުށަށް އިއުތިރާފުވުމުން އައީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޖެހޭ އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމްކޮށް ގޭބަންދަށް ބަދަލުކުރީ އެވެ.

ބަދުއަހުލާގީ މައްސަލަތަކުގެ ހުކުމް ކޯޓުން އާންމު ނުކުރާތީ، އަދަބު ކަނޑައެޅި ގޮތުގެ ތަފްސީލެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ނާޒިމްގެ އަދަބު ލުއިކުރީ އޭނާ އާންމުކޮށް މާފަށް އެދިފައި ވާތީ އެކަމަށް ވެސް ރިއާޔަތްކޮށްފަ އެވެ.

ނަމަވެސް ޕީޖީ ޝަމީމް އިއްޔެ އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ ގޮތުގައި ގާނޫނުލްއުގޫބާތުގައި އޮންނަ ގޮތުން، ދައުވާ ކުރުމުގެ ކުރިން ކުށަށް އިއުތިރާފުވެ އާންމުންގެ ކިބައިން މާފަށް އެދޭ ނަމަ އަދަބަށް ދެ ދަރަޖައިގެ ލުޔެއް ލިބޭނެ އެވެ. އެކަމަކު، ދައުވާ ކުރި ފަހުން ނަމަ ލިބޭނީ އެއް ދަރަޖައިގެ ލުޔެކެވެ.

ނާޒިމް މާފަށް އެދި ބަޔާނެއް ނެރުނީ ދައުވާކުރިތާ މާ ފަހުން، އޭނާއަށް ހުކުމް ކުރަން އޮތް ދުވަހު އެ ޝަރީއަތް ފަށަން ގާތްވެފައި ވަނިކޮށެވެ.

"ގާނޫނުލްއުގޫބާތުގެ 1106 ވަނަ މާއްދާގައި އޮތީ، ކުށްވެރިޔާ ކުށާ މެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ އެވެ. ދައުވާކުރުމުގެ ކުރިންނަމަ، 2 ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، 1 ދަރަޖައެވެ. ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ޚިލާފު ނަމަ، އެ ނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހެ އެވެ." ޝަމީމްގެ ބްލޮގްގައިވެ އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ ސާބިތުވި ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީއު ވެސް ބަޔާނެއް ނެރެ މާފަށް އެދިގެން އަދަބަށް ލުއި ހޯދަން މަސައްކަތްކުރިކަން އެނގިފައިވެ އެވެ. ނަމަވެސް، އެ މައްސަލައިގައި ނިންމާފައި ވަނީ އެކަމަށް ބިނާކޮށް ލުއި ނުދޭށެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ދައުވާ ކުރި މީހުންގެ މައްސަލަތައް ކްރިމިނަލް ކޯޓުގައި އެކި ގާޒީން ބަލަމުންދާއިރު، އަދަބު ކަނޑައެޅުމުގައި ތަފާތު ބޮޑުކަމުން އާންމުންގެ ޝަކުވާ ބޮޑެވެ.

ޝަމީމް އޭނާގެ ލިޔުއްވުމުގައި ރާއްޖޭގައި ގާނޫނުލްއުގޫބާތުގެ ތާރީހު ހިއްސާ ކުރައްވައި، އުސޫލުތަކަށް ބަދަލު އަންނަމުން ދިޔަ ގޮތް ކިޔާދެއްވާފައިވެ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި 2005 ވަނަ އަހަރު އާ ގާނޫނުލްއުގޫބާތެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، ގާޒީއެއްގެ ވިސްނުމާއި ފިކުރަށް ބިނާ ނުވާ ގޮތަށް، ވަކި އުސޫލެއްގެ ތެރެއިން އަދަބު ކަނޑައެޅުމުގެ އުސޫލުތައް ހިމެނި އެވެ. އޭގެ އިތުރުން، ކުށް ސާބިތުވާކަން ނުވަތަ ނޫން ކަން ކަނޑައެޅުމުގެ މަރުހަލާ އާއި އަދަބު ކަނޑައެޅުމުގެ މަރުހަލާ ވަކިކުރަން ނިންމިކަން ފާހަގަކުރެއްވި އެވެ.

މީގެ ކުރިން، ފަނޑިޔާރުންގެ އަތުގައި އޮތް، އަދަބު ދިނުމުގެ ފުޅާ ބާރު، މިހާރުގެ ގާނޫނުލްއުގޫބާތުން ހަނިކޮށްފައިވާކަން ފާހަގަކުރައްވައި ޝަމީމް ލިޔުއްވާފައި ވަނީ، އަދަބު ދިނުމުގައި ކަށަވަރުކަން ނެތުމާއި، އަދަބުތަކުގެ ވައްތަރުތަކާއި، އަދަބުގެ ތާވަލަކާއި، އަދަބުދޭނެ ގޮތްތަކާއި، އަދަބު ބަދަލުކުރާނެ ގޮތްތައް ވެސް މިހާރު ލިޔެފައި އެބަ ހުރި ކަމެވެ.

އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި އަލަމްގީރްގެ މައްޗަށް ކުރި ބައެއް ދައުވާތައް ސާބިތުވެ އޭނާ ވަނީ ޖަލަށްލާފަ އެވެ. އަދި އޭނާގެ މައްޗަށް ކުރި އިތުރު 40 ދައުވާއަށް އިއުތިރާފުވެފައި ވާތީ އިތުރު އަދަބެއް އަންނާނެ އެވެ. ދައުވާ ލިބުނު ފުލުސް މީހާ އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވާތީ އެއީ ވެސް ގާނޫނުގެ ބޭރުން ފަނޑިޔާރު ކަނޑައެޅުއްވި ބޮޑު އަދަބެއް ކަމަށް ޕީޖީން ދެކޭތީ އެ ނިންމުން އިސްތިއުނާފުކުރަން ވަނީ ނިންމައިފަ އެވެ.