Roadha Mihaaru
އެންމެ ގިނައިން ވާރޭވެހެނީ ދެކުނުގެ ރަށްތަކަށް: ރިޕޯޓް

އެންމެ ގިނައިން ވާރޭވެހެނީ ދެކުނުގެ ރަށްތަކަށް: ރިޕޯޓް

21 ސެޕްޓެމްބަރ 2022

އުތުރުގެ ރަށްތަކަށް ވުރެ ދެކުނުގެ ރަށްތަކަށް ގިނައިން ވާރޭވެހޭ ކަމަށް ރިޕޯޓުތަކާ ހަވާލާ ދެއްވައި އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އުތުރުގެ ރަށްތަކަށް ވުރެ ދެކުނުގެ ރަށްތަކަށް ގިނައިން ވާރޭވެހޭ ކަމަށް ރިޕޯޓުތަކާ ހަވާލާ ދެއްވައި އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި މިދިޔަ ހަފުތާގައި ބޭއްވި "ވިއަވަތި" ކޮންފަރެންސްގައި، ތިމާވެއްޓާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި ދެއްވަމުން އޭނާ ވިދާޅުވީ މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ އަށް ވެސް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި، ފިނި ހޫނުމިނާއި ވާރޭވެހޭ ވަރާއި ރަށް އަދި ފަރުތައް ގިރުމުގެ މައްސަލަތައް ކުރިމަތިވެ، އެކަމުން އަރައިގަތުމަށް ދައުލަތުން ކުރާ ހޭދަ އިތުރުވަމުން ދާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާކުރެއްވި ބައްދަލުވުމުގައި ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި، ރާއްޖޭގެ ފިނިހޫނުމިން ގާތްގަނޑަކަށް ކޮންމެ 10 އަހަރަކުން 0.24 ޑިގްރީ ސެލްސިއަސް އިތުރުވަމުންދާ ކަމަށެވެ. އަދި އައިޑީސީސީގެ ރިޕޯޓުތަކާ ހަވާލާ ދީ، އޭނާ ވިދާޅުވީ ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވުރެ ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ ވަރު އިތުރު ކަމަށެވެ.

ވާރޭވެހޭ ވަރު ވެސް އެއް މަހުން އަނެއް މަހަށް އަދި އެއް އަހަރުން އަނެއް އަހަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން، މޫސުމާ ބެހޭ ގައުމީ އިދާރާގެ ޑޭޓާތަކުން ދައްކާކަން ވެސް ތިމާވެއްޓާ ބެހޭ ވަޒީރު ފާހަގަކުރެއްވި އެވެ. އޭގެ މިސާލަކަށް ނެންގެވީ، ކުރިން ދެ ދުވަހުން ވެހޭ ވާރޭ، މިހާރު އެއް ދުވަހުން ވެހުމެވެ.

ވިއްސާރަ ރެއެއްގައި މީހަކު ސައިކަލު ދުއްވަނީ: އެންމެ ގިނައިން ވާރޭވެހެނީ ދެކުނަށް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވިއްސާރަ ރެއެއްގައި މީހަކު ސައިކަލު ދުއްވަނީ: އެންމެ ގިނައިން ވާރޭވެހެނީ ދެކުނަށް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝައުނާ ވިދާޅުވި ގޮތުގައި ފާއިތުވި އަހަރުތަކުގައި އަހަރަކު 4.2 މިލިލީޓަރަށް ކަނޑުގެ ލޮނުގަނޑު އުސްވެފައިވެ އެވެ. އެ ރޭޓުން ބަލާ ނަމަ 100 އަހަރުގެ ތެރޭގައި 1.4 ފޫޓަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިނިސްޓަރު ވިދާޅުވީ މޫސުމީ ގޮތުން ލިބޭ ގެއްލުމޭ ކިޔައި އަތްއުރާލައިގެން ތިބެވޭކަށް ނެތް ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައަކީ ދިވެހި ރައްޔިތުން، ދިވެހި ރާއްޖޭގައި ދިރިއުޅެން ބޭނުމޭ. އަޅުގަނޑުމެން ދިރިއުޅެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިންނާ އެކީގައި. އަޅުގަނޑުމެންގެ ރަހުމަތްތެރިންނާ އެކީގައި، އަޅުގަނޑުމެންގެ އާއިލާތަކާ އެކީގައި. އެހެންވީމާ މި ރަށްތައް ދޫކޮށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މޫސުމީ ގެއްލުންތައް ކުޑަކުރުމަށް ވިލުންވެރި މުޖުތަމައުއެއް ބިނާކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ ބަދަލުތަކަށް ހޭނެން ޖެހޭނެކަމަށް ވަޒީރު ވިދާޅުވި އެވެ.