Roadha Mihaaru
ޕޮލިސް އެކަޑެމީ އަށް ހިތަދޫން ބިން ދޫކޮށްފި

ޕޮލިސް އެކަޑެމީ އަށް ހިތަދޫން ބިން ދޫކޮށްފި

05 ޖެނުއަރީ 2017

އައްޑޫގައި އަޅަން ނިންމާފައިވާ ޕޮލިސް އެކަޑެމީ އަށް ހިތަދޫން މިހާރު ލިބިފައިވާ ކަމަށާއި އެތަނުގެ ބިންގާ މި މަހު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި އަޅަން ނިންމާފައިވާ ޕޮލިސް އެކަޑެމީ އަށް ހިތަދޫން މިހާރު ލިބިފައިވާ ކަމަށާއި އެތަނުގެ ބިންގާ މި މަހު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ ހިތަދޫ ލިންކް ރޯޑްގައި ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސް ހުންނަ ސަރަހައްދުން ޕޮލިސް އެކަޑެމީ އަޅަން ހަމަޖެހިފައިވާ ބިން ވެސް މިހާރު ސާފުކޮށް ނިމިފައިވާ ކަމަށެވެ.

"މި މަހުގެ ތެރޭގައި ބިންގާ އަޅަން މިހާރު އަންނަނީ ތައްޔާރުވަމުން. ބޮޑަށް ލަފާ ކުރެވެނީ މި މަހުގެ ފަހުކޮޅު ކަމަށް ބިންގާ އަޅާނީ،" އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ފެށިގެން މި އަންނަނީ ޕޮލިސް އެކަޑެމީ އަޅާނެ ބިމެއް ހޯދަން 2012 އިން ފެށިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އެކި ފަހަރު އެކި ލޮކޭޝަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވި އެންމެ ފަހުން މި ހަމަޖެހުނު ބިމުގެ ކަންކަން ހަމަޖެހިގެން ދިއުމާއެކު."

އައްޑޫ ޕޮލިސް އެކަޑެމީ އަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއަށް އިންޑިއާ އިން ވަނީ 18 މިލިއަން ޑޮލަރު ހަމަޖައްސައިފަ އެވެ.

ފުލުހުންގެ ޕޮލިސް އެކަޑެމީ އަޅަން ނިންމާފައިވާ ބިމާ ބެހޭ ގޮތުން ކަމާ ގުޅޭ ބޭފުޅުން މަޝްވަރާ ކުރައްވަނީ. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ފުލުހުންގެ ޕޮލިސް އެކަޑެމީ އަޅަން ނިންމާފައިވާ ބިމާ ބެހޭ ގޮތުން ކަމާ ގުޅޭ ބޭފުޅުން މަޝްވަރާ ކުރައްވަނީ. ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

ޕޮލިސް އެކަޑެމީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ ވެސް އިންޑިއާ ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏަކުންނެވެ. މި މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.

"ޒަމާނީ ފެންވަރުގެ ވަރަށް ގިނަ ވަސީލަތްތައް އެކުލެވޭ ގޮތަށް، ފެންވަރު ރަނގަޅު ފުލުހުންގެ އެކަޑެމީ އަށް އައްޑޫގައި މި ގާއިމު ކުރަނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އައްޑޫގައި ފުލުހުންގެ އެކަޑެމީއެއް ގާއިމު ކުރަން ތައްޔާރުވަމުން މި އަންނަނީ، ފެބްރުއަރީ 8، 2012 ގައި ހިތަދޫގައި ހުރި ފުލުހުންގެ ޓްރޭނިން ސްކޫލް ބަޔަކު ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައި ވަނިކޮށެވެ.