Roadha Mihaaru
ލެވަކޫސަން އާއި މޮންޒާއިން މާސެލޯ އަށް ޝައުގުވެރިވޭ

ލެވަކޫސަން އާއި މޮންޒާއިން މާސެލޯ އަށް ޝައުގުވެރިވޭ

30 އޯގަސްޓް 2022

ލެވަކޫސަން (އޯގަސްޓް 30) - ރެއާލް މެޑްރިޑްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަން، މާސެލޯ ވިއޭރޯ ގެންދަން، ޖަރުމަންގެ ބަޔާން ލެވަކޫސަން އާއި އިޓަލީގެ މޮންޒާއިން ޝައުގުވެރިކަން ފާޅު ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލެވަކޫސަން (އޯގަސްޓް 30) - ރެއާލް މެޑްރިޑްގެ ލެޖެންޑް އަދި ކުރީގެ ކެޕްޓަން، މާސެލޯ ވިއޭރޯ ގެންދަން، ޖަރުމަންގެ ބަޔާން ލެވަކޫސަން އާއި އިޓަލީގެ މޮންޒާއިން ޝައުގުވެރިކަން ފާޅު ކޮށްފި އެވެ.

މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ރެއާލް އަށް އުފުލާލަދިނުމަށް ފަހު މާސެލޯ ވަނީ އެ ކްލަބް ދޫކޮށްލާފަ އެވެ. ޓްރާންސްފާ ޕީރިއަޑް ނިމެން ކައިރިވެފައިވާ އިރު ވެސް އަދި އެއް ވެސް ކްލަބަކާ އޭނާ ގުޅިފައެއް ނުވެ އެވެ.

ގޯލް ޑޮޓް ކޮމްގައި ވާ ގޮތުން މާސެލޯ ގެންދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ލެވަކޫސަން އާއި މޮންޒާ އެކަންޏެއް ނޫނެވެ. ފްރާންސްގެ ނީސް އިން ވެސް ބްރެޒިލްގެ ވާތު ބެކް ގެންދަން ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނީސްގެ ވެރިން ވެސް ވަނީ މާސެލޯ ސޮއި ކުރުވުމުގެ ހުއްދަ އެ ޓީމުގެ ކޯޗު ލޫސިއަން ފާވް އަށް ވެސް ދީފަ އެވެ.

އެމެރިކާ އާއި ގަތަރުގެ ކްލަބްތަކުން ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތުތަކަށް މާސެލޯ ޝައުގުވެރި ނުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިތުރު ކްލަބަކަށް ނުކުޅެ މާސެލޯ ކުޅުން ހުއްޓާލުމަކީ ގާތުގައިވާ ކަމެކެވެ. އޭނާގެ ބޭނުމަކީ އޭނާ ހިއްސާ ގެނަފައިވާ ދެ ކްލަބް ހިންގަން ހުސްވެ ހުރުން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މާސެލޯގެ ހިއްސާ އޮންނަ ދެ ކްލަބަކީ ބްރެޒިލްގެ އަޒޫރިޒް އާއި ޕޯޗުގަލްގެ ދެވަނަ ޑިވިޝަން ކްލަބް މަފްރާ އެވެ. ބްރެޒިލް އާއި ދެކުނު އެމެރިކާއިން ފާހަގަ ކުރެވޭ ކުޅުންތެރިންނަށް ޔޫރަޕްގެ ދޮރު ހުޅުވައި ދިނުމުގެ ގޮތުން މަފްރާގެ ތެރެއިން ފުރުސަތު ތަނަވަސް ކުރުމަށް މާސެލޯގެ މެނޭޖުމެންޓްގެ ދަށުން ހިންގާ އެ ކްލަބްަކުން މަސައްކަތް ކުރެ އެވެ.

މާސެލޯ ރެއާލް އާ ގުޅުނީ ޒުވާން އުމުރުގައި 2007 ގަ އެވެ. އެ ކްލަބަށް 400 އާ ގާތް ކުރާ އަދަދަކަށް އޭނާ ވަނީ މެޗު ކުޅެފަ އެވެ. މިދިޔަ ސީޒަން ފެށުމުގެ ކުރިން ރެއާލްގެ ކުރީގެ ޑިފެންޑަރު ސާޖިއޯ ރާމޯސް އެ ޓީމު ދޫކޮށްލުމުން، ރެއާލްގެ ކެޕްޓަން ބޭންޑް މާސެލޯ އަށް ލިބުނެވެ. އެއާއެކު އޭނާ ވީ 100 އަހަރުގެ ތެރޭ ރެއާލްގެ ކެޕްޓަން ކުރި ސްޕެއިން ބޭރު ފުރަތަމަ ކުޅުންތެރިޔާ އަށެވެ.