Roadha Mihaaru
ފޮފާނާ ޗެލްސީ އަށް ވިއްކާލަން ލެސްޓާއިން އެއްބަސްވެއްޖެ

ފޮފާނާ ޗެލްސީ އަށް ވިއްކާލަން ލެސްޓާއިން އެއްބަސްވެއްޖެ

27 އޯގަސްޓް 2022

ލަންޑަން (އޮގަސްޓް 25) - ލެސްޓާ ސިޓީގެ ފްރާންސް ޑިފެންޑަރު ވެސްލީ ފޮފާނާ ޗެލްސީ އަށް ވިއްކާލަން އެ ކްލަބުން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮގަސްޓް 25) - ލެސްޓާ ސިޓީގެ ފްރާންސް ޑިފެންޑަރު ވެސްލީ ފޮފާނާ ޗެލްސީ އަށް ވިއްކާލަން އެ ކްލަބުން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފޮފާނާ އަށް ޗެލްސީ އިން މީގެ ކުރިން ކުރި ތިން ބިޑެއް ލެސްޓާ އިން ގަބޫލުނުކޮށްފަ އެވެ. ލެސްޓާ އިން 80 މިލިއަން ޕައުންޑަށް ވުރެ ކުޑަކޮށް ފޮފާނާ ދޫ ކުރާނެ ކަމަށް ބުނެފައި ވެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުން ލެސްޓާ އިން ވަނީ ޗެލްސީ އިން އޭނާ އަށް އިއްޔެ ހުށަހެޅި 75 މިލިއަން ޕައުންޑުގެ ބިޑު ގަބޫލު ކޮށްފަ އެވެ.

ލެސްޓާގެ ކޯޗުގެ ލަފާގެ މަތިން ޓްރާންސްފާގައި ވަކި ގޮތެއް ނިމެންދެން ފޮފާނާ ދާދި ފަހުން ވަނީ ސީނިއާ ޓީމު ޕްރެކްޓިސް ދޫކޮށް، ޒުވާން ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ޗެލްސީ އާއި ލެސްޓާ މިރޭ ބައްދަލުކުރާނެ އެވެ.

ޗެލްސީގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ކަކުލުގެ އަނިޔާއަކުން ރަނގަޅުވެ އަލުން ޓީމާ ގުޅިފައި ވާއިރު، އެންގޯލޯ ކަންޓޭ ހުރީ ހެމްސްޓްރިންގް އަނިޔާއަކާ ގުޅިގެން މަސްދުވަހަށް ކުޅުމާ ދުރުގަ އެވެ. އެޓީމުން އަލަށް ގެނައި ޑިފެންޑަރު ކަލިދޫ ކުލިބަލީ ހުރީ ސަސްޕެންޝަނުގަ އެވެ. މިއާ އެކު މާކް ކުކުރޭޔާ އާއި ބެން ޗިލްވެލް އެކުގައި ސްޓާޓް ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީ އިން އަންނަނީ ބާސެލޯނާގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމެޔަންގެ ޓްރާންސްފާގައި ވެސް ކުރި ހޯދަމުންނެވެ. ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ ލޯނުގައި އެނބުރި އިންޓަ މިލާނާ ގުޅިފައި ވާއިރު، ޓިމޯ ވާނާ ވަނީ އެނބުރި އާރުބީ ލައިޕްޒިގަށް ބަދަލު ވެފަ އެވެ. އެހެންވެ އެ ޓީމުން އާ ފޯވާޑެއް ބޭނުންވެ އެވެ.

ޗެލްސީ އިން އެންމެ ފަހުން ލީގުގައި ލީޑްސް ޔުނައިޓެޑް އަތުން ބަލިވި އިރު އޭގެ ކުރިން ޓޮޓެންހަމް ހޮޓްސްޕާއާ ކުޅެ ވަނީ އެއްވަރު ވެފަ އެވެ. މިހާތަނަށް ކާމިޔާބު ކުރެވުނީ، ލީގުގެ ފުރަތަމަ މެޗުގައި އެވަޓަން އަތުންނެވެ.