Roadha Mihaaru
"އަގުހެޔޮވާ ވަރަކަށް ޗައިނާގެ މާކެޓް ރަނގަޅުވާނެ"

އާ ރިސޯޓުތައް ހުޅުވައި އަގު ހެޔޮވާ ވަރަކަށް ޗައިނާގެ މާކެޓް ރަނގަޅުވާނެ: ސަފީރު

04 ޖެނުއަރީ 2017

ރާއްޖޭގައި އިތުރު ރިސޯޓުތައް ހުޅުވައި އެ ތަންތަނުގެ އަގުހެޔޮ ވާ ވަރަކަށް ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގައި އިތުރު ރިސޯޓުތައް ހުޅުވައި އެ ތަންތަނުގެ އަގުހެޔޮ ވާ ވަރަކަށް ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ އަދަދު އިތުރު ވާނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ފަސްވަރަކަށް އަަހަރު އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައި އަދި ކުރިއަރާ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައި އޮތް ޗައިނާގެ މާކެޓް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

މި މައްސަލަ ކުރިމަތިވެފައިވާ ކަމަށް އެއްބަސްވެވަޑައިގެން، ޗައިނާގެ ސަފީރު މިއަދު ވިދާޅުވީ އެކި ގައުމުތަކަށް ޗުއްޓީ އަށް ދާ ޗައިނާގެ މީހުންގެ އަދަދު މިދިޔަ އަހަރު 100 މިލިއަނަށް އަރާފައިވާ ކަމަށެވެ. އެ ގޮތުން، ޖަޕާނަށް ފަސް މިލިއަން، ދެކުނު ކޮރެއާ އަށް 9.8 މިލިއަން އަދި އިންޑޮނީޝިއާގެ ބާލީ އަށް 700،000 ޗައިނާގެ މީހުން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިސާލެއްގެ ގޮތުން ބާލީ ނަންގަވައި ސަފީރު ވިދާޅުވީ، އެ ތަނަށް ދާ ޗައިނާގެ މީހުންގެ އަދަދު ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކަމަށާއި އެ ގޮތަށް ދިމާވަނީ އެ ތަނުގެ އަގުތައް ރާއްޖެ އަށް ވުރެ ހެޔޮވުމުން ކަމަށެވެ. އެހެންވެ، ޗައިނާގެ އިގްތިސާދު ކުރިއަރައި އާއްމުންގެ އާމްދަނީ އިތުރުވާ ވަރަކަށް، ރާއްޖެ ފަދަ މަތީ ފަންތީގެ ޓޫރިޒަމަށް މަޝްހޫރު ވެފައިވާ ގައުމަކަށް އަންނަ ޗައިނާގެ މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވެން އެބައޮތް،" އާ އަހަރު ފެށުމުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާގެ ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ސީޗުއާންގައި މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯގައި ރާއްޖެ އިޝްތިހާރު ކުރަނީ.-- ފައިލް ފޮޓޯ: އެމްއެމްޕީއާރުސީ

ޗައިނާގެ ސީޗުއާންގައި މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ޓްރެވަލް އެކްސްޕޯގައި ރާއްޖެ އިޝްތިހާރު ކުރަނީ.-- ފައިލް ފޮޓޯ: އެމްއެމްޕީއާރުސީ

އޭގެ އިތުރުން، ރާއްޖޭގައި އިތުރު ރިސޯޓުތައް ހުޅުވަމުން އަންނަ ވަރަކަށް، ޓޫރިޒަމްގެ ސިނާއަތުގައި ވާދަވެރިކަން އުފެދި، އަގުތައް ހެޔޮ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކުގެ އަދަދު 120 އިން 300 އަށް އަރާ އިރު، އަގުތައް ވެސް ކޮންމެ ވެސް ވަރަކަށް ދަށްވާނެ. އެހެންވީމަ، މާކެޓުގައި ވާދަވެރިން އިތުރުވީމަ، އޭގެ މަންފާ ޓޫރިސްޓުންނަށް ކުރާނެ،" ސަފީރު ވިދާޅުވި އެވެ.

މި އަހަރު އެކަނި ވެސް ރާއްޖޭގައި 10 ވަރަކަށް އާ ރިސޯޓް ހުޅުވާފައިވާ އިރު، އަންނަ އަހަރުގެ ތެރޭގައި އިތުރު 20 ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ވެސް ގިނަ އަދަދެއްގެ ރަށްތައް ޓޫރިޒަމްގެ ބޭނުންތަކަށް ދޫކުރަން ހުޅުވާލާ އަދި މިހާރު ވިއްކާފައިވާ ބައެއް ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ވެސް ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ އިންވެސްޓްކޮށްފަ އެވެ. އެ ގޮތުން، ޗައިނާގެ ތިން ކުންފުންޏަކުން ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރަމުން އަންނަ އިރު، މި ފަހުން ވިއްކާލަން އިއުލާނު ކުރި ކ. ފޭދޫފިނޮޅު ވެސް ގަތީ ޗައިނާގެ ކުންފުންޏަކުންނެވެ.

އެކަމަކު، ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ އިން 30،714 މީހުން ރާއްޖެ އަޔަސް، މިދިޔަ އޮކްޓޯބަރު މަހު އެ އަދަދު ވަނީ 4.1 ޕަސެންޓް ދަށްވެ، 29،444 މީހުންނަށް ތިރިވެފަ އެވެ. އަދި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ހިއްސާ ކުރާ މިންވަރު ވެސް ވަނީ 25.1 ޕަސެންޓަށް ދަށް ވެފަ އެވެ.