Roadha Mihaaru
ފޭދޫފިނޮޅު މައްސަލާގައި އިންޑިއާއަށް ޗައިނާ ރައްދު ދީފި

ފޭދޫފިނޮޅުގެ މައްސަލައިގައި އިންޑިއާ ކަންބޮޑުވާތީ ހައިރާންވޭ: ޗައިނާ ސަފީރު

04 ޖެނުއަރީ 2017

ކ. ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވާތީ ހައިރާންވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ކ. ފޭދޫފިނޮޅު ޗައިނާގެ ކުންފުންޏަކަށް ކުއްޔަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވާތީ ހައިރާންވާ ކަމަށް ޗައިނާ އިން ބުނެފި އެވެ.

ފުލުހުންގެ ބޭނުންތަކަށް ދީފައި އޮތް ފޭދޫފިނޮޅު، ގާތްގަނޑަކަށް ހަތަރު މިލިއަން ޑޮލަރު (61 މިލިއަން ރުފިޔާ) އަށް ޗައިނާގެ ކުންފުންޏަކަށް 50 އަހަރަށް ވަނީ ކުއްޔަށް ދީފަ އެވެ. އެކަމަކު، އެ ކުންފުނީގެ ނަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާ އިންޑިއާގެ ބައެއް ބޭފުޅުންނާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން މިދިޔަ ހޯމަ ދުވަހު ބުނީ ރާއްޖޭގެ ވެރިރަށް މާާލެ އާއި މައި އެއާޕޯޓާ އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ކުންފުންޏަކަށް ވިއްކާލުމުން އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތުތަކަށް އަސަރުކޮށްފާނެ ކަމަށެވެ.

ފޭދޫފިނޮޅު ދެނީ ޓޫރިޒަމްގެ މަސައްކަތަށެވެ. އެހެންވެ، އިންޑިއާގެ ސްޓްރެޓީޖިކް މަސްލަހަތަށް އެ ކަމުން ބުރޫއަރަން ޖެހެނީ ކީއްވެގެން ކަމެއް، އޮފިޝަލުން ވިދާޅުވެފައެއް ނުވެ އެވެ. އިންޑިއާގެ ބައެއް ކުންފުނިތަކުން ވެސް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށާއި އެހެން ކަންކަމަށް ގެންދަނީ އިންވެސްޓްކުރަމުންނެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަން ފޫކާން މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި ފޭދޫފިނޮޅު އެ ގައުމުގެ ކުންފުންޏަކަށް ވިއްކާލިކަން އެ ތަނަށް ރަސްމީކޮށް އަންގައިފައެއް ނުވެ އެވެ. އެ ރަށް ނެގީ ކޮން ކުންފުންޏަކުން ކަމެއް ވެސް ނޭނގޭ ކަމަށާއި އެކަމަކު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އެކަން އާއްމުކޮށް އިއުލާން ކުރައްވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުންފުނީގެ ބޭނުމަކީ ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކުުރުން ކަމަށް ގަބޫލުކުރެވެނީ. އޭގެ އިތުރުން ވެސް ޗައިނާގެ ތިން ކުންފުންޏަކުން ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވަމުން އެބަ އާދޭ،" ވަން ފޫކާން ވިދާޅުވި އެވެ.

ފޭދޫފިނޮޅުގެ ގޮނޑުދޮށުގައި ކުދިންތަކެއް ކުޅެނީ: އެ ރަށް ރިސޯޓަކަށް ހެދުމާ އެކި ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުން.

ފޭދޫފިނޮޅުގެ ގޮނޑުދޮށުގައި ކުދިންތަކެއް ކުޅެނީ: އެ ރަށް ރިސޯޓަކަށް ހެދުމާ އެކި ފަރާތްތަކުން ދަނީ ދެކޮޅު ހަދަމުން.

ސަފީރު ވަނީ އިންޑިއާގެ މީޑިއާތަކުން ފޭދޫފިނޮޅުގެ މައްސަލަ ނެގުމުން އެ ކަމަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ރާއްޖެ ފަދަ ޓޫރިޒަމަށް މަޝްހޫރު ގައުމެއްގައި ބޭރުގެ ކުންފުނިތަކުން އިންވެސްޓް ކުރާނެ ކަމަށާއި އެ ފަދަ ކަމަކާ މެދު އިންޑިއާގެ މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ކޮންމެ ގައުމެއްގެ ބަޔަކަށް ވެސް އެބަ އޮތް،" ސަފީރު ވިދާޅުވި އެވެ.

ފޭދޫފިނޮޅުގެ އިތުރުން 10 ރަށަކާއި ހުވަފެންފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅެއް ބިޑަށް ނުލައި ވިއްކަން ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ ނޮވެމްބަރު މަހު ހުޅުވާލައިފަ އެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޓޫރިޒަމް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން މިދިޔަ ޖުލައި މަހު ގެނައި އިސްލާހުގެ ދަށުން ފުރަތަމަ ފަހަރަށް ވިއްކާލަން އިއުލާނު ކުރި 11 ރަށުގެ ތެރޭގައި ހިމެނޭ 4.1 ހެކްޓަރުގެ ފޭދޫފިނޮޅު ވިއްކާލަަން އޭރު އިއުލާނު ކުރީ ގާތްގަނޑަކަށް ތިން މިލިއަން ޑޮލަރު (47.1 މިލިއަން ރުފިޔާ) އަށެވެ.

ފޭދޫފިނޮޅު ވިއްކާލީ ނުއަގުގައި ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެ ގޮތުން، ބޮޑަށް ހުޅުވާލި ނަމަ، އެ ރަށް އެންމެ ކުޑަކޮށް ވެސް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) އަށް ވިއްކާލެވޭނެ ކަމަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.

މާލެ އަދި އެއާޕޯޓާ ވެސް އެންމެ ކައިރީގައި އޮތް ފަޅުރަށް ޗައިނާގެ ބަޔަކަށް ދިނުމުން އިންޑިއާ އިން ކަންބޮޑުވެފައިވާ އިރު، ވާދަވެރި ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރަމުން ދާ މައްސަލަ އިންޑިއާގެ އެކި ފަރާތްތަކުން ވަނީ ކުރިން ވެސް ޖައްސައިފަ އެވެ. ހާއްސަކޮށް، ޗައިނާ އިން ލޯނު ނަގައިގެން ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނާތީ އެވެ.

އެކަމަކު އިންޑިއާގެ އަނެއް ބަޔަކު ބުނާ ގޮތުގައި ރާއްޖެ ކަހަލަ ގައުމުތަކަށް ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ވެސް ނޯވެވޭނެ އެވެ. އަދި އިންޑިއާ އިން އެހީ ދޭނެ އިރަކަށް ކުރާ އިންތިޒާރު ދިގުނުކުރެވޭނެ ކަމަށް ވެސް، ބައިނަލްއަގުވާމީ ދާއިރާާގެ މައްސަލަތަކާ ބެހޭ ބައެއް ތަޖުރިބާކާރުުން ބުނެ އެވެ.