Roadha Mihaaru
ނިޒާމީ ވޯޓަށް ހިޔާލު ހޯދަން އިންކާރުނުކުރެވޭނެ: ނަޝީދު

ނިޒާމީ ވޯޓާ މެދު ހިޔާލު ހޯދަން އެކަކަށް ވެސް އިންކާރެއް ނުކުރެވޭނެ: ނަޝީދު

18 އޯގަސްޓް 2022

ނިޒާމީ ވޯޓާ މެދު ދެކޭ ގޮތް ރައްޔިތުންގެ ގާތުން އަހައި ހިޔާލު ހޯދަން އެކަކަށް ވެސް އިންކާރު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނިޒާމީ ވޯޓާ މެދު ދެކޭ ގޮތް ރައްޔިތުންގެ ގާތުން އަހައި ހިޔާލު ހޯދަން އެކަކަށް ވެސް އިންކާރު ނުކުރެއްވޭނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފި އެވެ.

އެމްޑީޕީން މާދަމާ ފަށާ އެ ޕާޓީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމުގެ ވޯޓަކަށް ދިއުމަށް ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާ ގުޅޭ ގަރާރެއް ހުށަހަޅުއްވައިފަ އެވެ. ބަރުލަމާނީ ނިޒާމު މިވަގުތު ގެނައުމަށް ތާއީދުނުކުރައްވާ ކަމަށް ވިދާޅުވެ އެ ގަރާރު އަނބުރާ ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ގޮވާލައްވައިފަ އެވެ.

އެ ވާހަކަފުޅަށް ނުސީދާ ގޮތުން ރައްދު ދެއްވައި ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދޭ ރަނގަޅު ގޮތް އެނގޭނީ ހަމަ ރައްޔިތުންނަށް ކަމަށެވެ. އެގޮތް ހޯދޭނީ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ގިނަ މެމްބަރުން އެދޭ ގޮތަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ ގޮތުން މިފަދަ ވޯޓެއް ނެގުމަށް. ރައްޔިތުންގެ ގާތުގައި އެހުމަކީ އެކަކަށް ވެސް އިންކާރު ކުރެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ބަރުލަމާނީއަށް އެމްޑީޕީގެ ކޮންގްރެސްގައި ރުހުން ހޯއްދަވަން ނަޝީދު ކުރައްވާ މަސައްކަތްޕުޅާ ދެކޮޅަށް ނުކުމެވަޑައިގެން ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވޭ ވެރިއަކު އެކުލަވައިލެވޭ ސަރުކާރެއް އޮތުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"އަޅުގަނޑުގެ ވެރިކަމުގައި ހަތަރު އަހަރު ފުރިހަމަ މިވަނީ ވައުދުތައް ފުއްދުމުގައި. ނިޒާމުގައި އޮތް މައްސަލައެއް ކަމަކަށް މުޅިއަކުން ގަބޫލެއް ނުކުރެވޭ. އަޅުގަނޑުގެ އިލްތިމާސަކީ ކޮންގްރެސް އަށް ހުށަހަޅައިގެން ވޯޓަކަށް ދިޔުމުގެ ބަދަލުގައި މިހާރު މި [ގަރާރު] ވިތުޑްރޯ ކުރެއްވުން،" ރައީސް ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ އިންތިހާބުތަކުގެ ތަފާސްހިސާބާ ހަވާލާދެެއްވައި ނަޝީދު ވިދާޅުވަނީ އެ ވިސްނުންފުޅުގައި އިންތިހާބަށް ނުކުމެވަޑައިގެންފި ނަމަ އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވާނެ އެވެ.

ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ބަރުލަމާނީ ނިޒާމް ބަދަލު ކުރުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަން އެމަނިކުފާނަށް ފެންނަ އިސްލާހުތަކެއް ހިމަނުއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ މާ ނަޒާހަތްތެރި ނިޒާމަކަށް ވެގެންދާނެ ކަމަށާއި ނަމަވެސް ބުއްދިވެރިކަމާ އެކު އަމަލުނުކޮށްފި ނަމަ މިސްރާބު ހުރީ ހަރާބުގެ މަގަށް ދިއުމަށް ކަމަށެވެ.