17 އޯގަސްޓް 2022
ވިލިމާލޭގައި، އެއްބަސްވުމާ އެއްގޮތަށް ބަގީގެ ހިދުމަތް ދެމުން ނުދާތީ އެ އެއްބަސްވުން ބާތިލުކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ވިލިމާލޭގައި، އެއްބަސްވުމާ އެއްގޮތަށް ބަގީގެ ހިދުމަތް ދެމުން ނުދާތީ އެ އެއްބަސްވުން ބާތިލުކޮށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.
ބެޓެރި ބޭނުންކޮށްގެން ދުއްވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް މަނާކޮށްފައި އޮންނަ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ ހަވާލުކުރީ ޖޫން 17، 2013 ގަ އެވެ. އިމް ޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ "ނައިންޓީ ނައިން ހޯލްޑިން" ނަމަކަށް ކިޔާ ކުންފުންޏަކަށް ޖެނުއަރީ 16، 2014 ގައި މަސައްކަތްތައް ބަދަލުކޮށްފަ އެވެ.
އެ ކުންފުނީގެ ދަށުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދެމުން އަންނައިރު އެއްބަސްވުމާ އެއްގޮތަށް ހިދުމަތް ދެމުންނުދާ ކަމަށް ވިލިމާލެ ކައުންސިލް މެމްބަރު ނަހުލާ އަލީ ވިދާޅުވެ އެވެ.
ކައުންސިލްގެ މިއަދުގެ ޖަލްސާގައި ނަހުލާ ވިދާޅުވީ ބަގީގެ ހިދުމަތް ދިނުމަށް އެއްބަސްވުން ހަދައި އެ ކުންފުންޏަށް ވިލިމާލެއިން ދެ ބިން ހަވާލުކުރި ކަމަށެވެ. އެއީ ޓިކެޓް ވިއްކާ ޓާމިނަލެއް ހެދުމުގެ އިތުރުން ވެހިކަލްތައް ޕާކުކުރުމަށް 1077 އަކަފޫޓުގެ ބިމެއް ކަމަށެވެ.
ވިޔަފާރި ވެސް ކުރެވޭ ގޮތަށް އެ ކުންފުންޏަށް ބިން ދޫކޮށްފައިވާ އިރު، އެތަނުގައި ގެސްޓްހައުސްގެ ވިޔަފާރިކޮށް، ހަވާލުކުރި މަސައްކަތް ނުކުރާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.
"ޓިކެޓް ބޫތު ހަދަން ދިނީމަ އެތަނުގައި ގެސްޓްހައުސެއް ހަދާފައި ހުރީ. ޓިކެޓިން ބޫތެއް އެތަނަކު ނެތް. އެ އެގްރިމަންޓްގައި ވިޔަފާރި ކުރުމުގެ ހުއްދަ އޮތަސް ޓިކެޓިން ބޫތެއް ހުރުމަކީ އެންމެ ފުރަތަމަ ލާޒިމުކުރާ ކަންތައް ކަމަށްވާތީ އެކަން ނުކޮށް [ޓިކެޓް ބޫތު] ވިޔަފާރި ކުރާކަން ފާހަގަކުރެވޭ،" ކަންބޮޑުވުންތައް ހިއްސާކުރައްވާ ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެ ރަށުގެ ދަތުރުފަތުރުގެ ހިދުމަތް ބޮއްސުންލައި އެކަމުގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އިމަޖަންސީ ހާލަތްތަކުގައި ވެސް ބަލި މީހުން އުފުލާނެ ބަގީއެއް ނުލިބޭ ކަމަށާއި ބައެއް ފަހަރު ބަރޯގައި ވެސް މީހުން އުފުލަން ޖެހިފައި އެބަ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިލިމާލޭގައި ފެރީއާ ހިސާބަށް ދާނެ ގޮތެއް ނެތް. ފޮށިތަންމަތި ދަމާފައި މީހުން މުދާ އުފުލަނީ. އިމަޖަންސީ ހާލަތުގައި މީހަކު ގެންދަން ޖެހުނަސް ނުވަތަ މާބަނޑު އަންހެނަކު ގެންދަން ޖެހުނަސް މީގެ ކުރިން ވެސް ބަރޯގައި ވެސް މީހުން ގެންގޮސްފައި އެބަހުރި." މިވަގުތު ވިލިމާލޭގައި ބޭނުންކުރަނީ އެންމެ ބަގީއެއް ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރަމުން ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމުގައިވާ ގޮތުން ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެއް އެތަނުގައި ބޭނުންކުރަން އޮވެ އެވެ. އަދި ގެންގުޅޭ ވެހިކަލްތަކުގެ ފަސް ޕަސެންޓް ރިޒާވްގެ ގޮތުގައި ވެސް ބާއްވަން އޮވެ އެވެ. އެކަމަކު އެގޮތަށް ވެސް އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެ ހިދުމަތް ދެމުން އަންނަ ގޮތާ ގުޅިގެން ކައުންސިލުން އެތައް ފަހަރަކު އެ ކުންފުންޏާ ބައްދަލުކޮށްފި ކަމަށެވެ. އަދި އެތައް ނޯޓިސްއެއް ވެސް ދީފައިވާ ކަމަށާއި އެކަމަކު ހިދުމަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި އެވެ.
އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެ ނަމަ، އެއްބަސްވުން ބާތިލުކުރުމުގެ ބާރު ކައުންސިލަށް އޮންނާތީ އޭނާ ހުށަހެޅުއްވީ އެގޮތަށް އަމަލުކުރުމަށެވެ.
އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އެ އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަންވާނެ ކަމަށެވެ.
އެ އެއްބަސްވުން ބާތިލުކޮށް ކައުންސިލުން ހިދުމަތް ފެށުމަށް ފައިނޭންސް ހޯދަން ޖެހޭ ކަމަށާއި ފައިނޭންސް ނުލިބިއްޖެ ނަމަ، ލޯނެއް ނަގައިގެން ވެސް އެކަން ކުރަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން ކައުންސިލުގެ އެހެން މެމްބަރުން ވެސް ވަނީ އެއްބަސްވުން ބާތިލުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެތަނުގައި ޕަބްލިކް ހިދުމަތް ދިނުމަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވިލިމާލެއަކީ އިންޖީނުލީ އެއްޗެއް ދުއްވާ ތަނަކަށް ނުވާތީ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދޭއިރު ބެޓަރީ ނުވަތަ އިލެކްޓްރިކް ވެހިކަލް ހޯދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކައުންސިލުގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ގިނަވެގެން ތިން މަހުގެ ތެރޭގައި ކައުންސިލުން ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށުމަށް ކުރަންޖެހޭ ކަންކަންކޮށް އެ ހިދުމަތް ދިނުމަށެވެ.
ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފަށައިފި
ބަގީ އެއްބަސްވުން ބާތިލްކުރުން: ވަގުތީ އަމުރެއް ނެރެފި
ވިލިމާލޭގައި ބަގީ ދަތުރަކަށް 2ރ. ނަގަން ފާސްކޮށްފި
ވިލިމާލެއަށް ބަސްތައް ގެންދިއުމުން ކައުންސިލުން ޕޮލިހަށް
ވިލިމާލެ އަށް ކައުންސިލުން ބަގީ، އެމްޓީސީސީން ބަސް!
ބަގީގެ ހިދުމަތުގައި ކަައުންސިލް އިހުމާލުވެއްޖެ:މިނިސްޓްރީ
ވިލިމާލޭގައި ބެޓެރީ ކާރު ދުއްވާނެ ބަޔަކު ހޯދަނީ
ޖެނުއަރީ 1 ގައި 4 ގަޑިއިރަށް ވެހިކަލް ދުއްވުން މަނާ
ސިޓީ ކައުންސިލުން 364،000ރ. ދޭން ހުކުމެއް
މާލެ ނައިސް ވިލިމާލެ/ހުޅުމާލެއިން ހިދުމަތް ފޯރުކޮށްދެނީ