Roadha Mihaaru
ރާއްޖެއާ ގުޅުން އޮންނަ ޑްރަގު ޑީލަރެއް ހައްޔަރުކޮށްފި

ރާއްޖެއާ ގުޅުން އޮންނަ ޑްރަގު ޑީލަރެއް ހައްޔަރުކޮށްފި

13 އޯގަސްޓް 2022

ގިނަ ގައުމުތަކަކަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ބުނާ އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ވެސް ގުޅުންތަކެއް އޮންނަ ކަމަށް ތުުހުމަތުކުރާ ސްރީ ލަންކާގެ ޑްރަގް ޑީލަރެއް ދުބާއީ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ގިނަ ގައުމުތަކަކަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ހަރަކާތްތެރިވާ ކަމަށް ބުނާ އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި ވެސް ގުޅުންތަކެއް އޮންނަ ކަމަށް ތުުހުމަތުކުރާ ސްރީ ލަންކާގެ ޑްރަގް ޑީލަރެއް ދުބާއީ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.

ލަންކާގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަދުން ޗިކްތަކާ ވިކްރަމަރަޓޭން ހައްޔަރު ކުރީ ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އާއި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން ހިންގި ސިއްރު އޮޕަރޭޝަނެއްގަ އެވެ. އޭނާ ހައްޔަރު ކުރީ މެލޭޝިއާއަށް ފުރަން ގޮސް ހުއްޓައި ދުބާއީގެ އެއާޕޯޓުންނެވެ.

ލަންކާގެ ނޫސްތަކާ ހަވާލާދީ ކޮލަމްބޯޕޭޖްގައި ބުނެފައިވަނީ ނަދުން އުޅުނީ އޭނާގެ އަންހެނުން ކަމަށް ބުނާ މީހަކާ އެކު ދުބާއީއިން ފުރައިގެން މެލޭޝިޔާއަށް ދާށެވެ.

ނަދުންއާއެކު ޖިލީ ނަމަކަށް ކިޔާ މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ. އެކަމަކު އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ބުނެފައި ވެ އެވެ.

ލަންކާގެ ފުލުހުންގެ ނާކޮޓިކްސް ބިއުރޯއިން ނަދުން ހައްޔަރުކުރުމުގެ ސިއްރު އޮޕަރޭޝަނެއް، ބައިނަލްއަގުވާމީ ފުލުހުންނާ ގުޅިގެން ހިންގާތާ މިހާރު މަސް ދުވަސް ވެއްޖެ އެވެ. އެ އޮޕަރޭޝަންގައި ހޯދުނު މައުލޫމާތުތަކުގެ ތެރޭގައި އޭނާ ލަންކާއިން ފިލީ ވަގު ޕާސްޕޯޓެއްގައި ކަން އެނގިފައިވާކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެ އެވެ.

އެ ޕާސްޕޯޓު ހަދާފަވަނީ މަރުވެފައިވާ މީހެއްގެ މައުލޫމާތު ބޭނުންކޮށްގެން އަދި ނަދުންގެ ފޮޓޯއެއް ހިމަނައިގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އަދި ލިބުނު މައުލޫމާތުތަކުގެ ތެރޭގައި އެ ޕާސްޕޯޓުގައި އޭނާ ސިންގަޕޫރު، މެލޭޝިއާ ފަދަ ގިނަ ގައުމުތަކަކަށް ވަނީ ދަތުރު ކޮށްފަ އެވެ.

މިދިޔަ ހަފުތާގައި އޭނާ ދުބާއީއަށް އެތެރެވުމުން އިމިގްރޭޝަންގެ އޮފިޝަލަކަށް އެ ކަން އެނގި އޭނާ ހިފެހެއްޓި ނަމަވެސް ގާނޫނީ ފުށުއެރުންތަކެއްގެ ސަބަބުން ދޫކޮށްލަން ޖެހުނީކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ދުބާއީގެ ރިޕޯޓްތައް ބުނާ ގޮތުގައި ނަދުން ވަނީ ފްރާންސުން ހިމާޔަތް ހޯދައިފަ އެވެ. އަދި އޭނާ އެ ގައުމަށް ބަދަލުވުމަށް ތައްޔާރުވަމުން ދިޔަ ކަމަށް އެ ނޫހުގައި ވެ އެވެ.

ކޮލަމްބޯޕޭޖްގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި ނަދުން އެންމެ ފަހުން އެ ޕާސްޕޯޓުގައި ދަތުރުކޮށްފައިވަނީ ރާއްޖެ އަށެވެ. ގިނަ ގައުމުތަކަކަށް ޑްްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުކުރެވޭ ނަދުން ވަނީ މެލޭޝިއާ، ސިންގަޕޫރު، ސީޝެލްސް އަދި ރާއްޖެއަށް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފަ އެވެ.

ލަންކާގެ ނާކޮޓިކްސް ބިއުރޯގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ދުބާއީ އާއި ލަންކާއާ ދެމެދު ގާއިމްކޮށްފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ނަދުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ލަންކާގައި މި ފަހުން ހިންގި ބަޑިޖެހުމުގެ 20 ހާދިސާއެއްގެ ފަހަތުގައި ވެސް ހުރި މީހަކީ ވެސް ނަދުން ކަމަށް އެ ގައުމުގެ ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެ އެވެ. ތަހުގީގުތަކުން އެނގޭ ގޮތުގައި މައުންޓް ލަވީނިއާގެ ބަޑިޖެހުމުގެ ފަހަތުގައި ވެސް ހުރީ އޭނާ އެވެ.

އެ ހާދިސާތަކުގައި އޭނާ މަރާލި ގިނަ މީހުންނަކީ އޭނާއާ ބެހޭ މައުލޫމާތު ރަސްމީ އިދާރާތަކަށް ފޯރުކޮށްދިން މީހުންނެވެ.