Roadha Mihaaru
އަލްގައިދާގެ ވެރިޔާ އަފްޣާނިސްތާނުގައި މަރާލައިފި

އަލްގައިދާގެ ވެރިޔާ ޒަވާހިރީ އަފްޣާނިސްތާނުގައި މަރާލައިފި

02 އޯގަސްޓް 2022

އެމެރިކާއިން އަފްޣާނިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ވެރިޔާ އައިމަން އަލް ޒަވާހިރީ މަރާލައިފި އެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ދިން ޑްރޯން ހަމަލާއެއްގައި އަލްގައިދާގެ ވެރިޔާ އައިމަން އަލް ޒަވާހިރީ މަރާލައިފި އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭ އިން ކާބުލްގައި ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނެއްގައި އާދީއްތަ ދުވަހު ޒަވާހިރީ މަރާލިކަން އިއުލާނުކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އެވެ. ބައިޑެން ވިދާޅުވީ މިއީ އެމެރިކާ ރައްޔިތުންގެ އެތައް ބައެއްގެ މަރާއި ހަމަނުޖެހުން އުފެއްދުމުގައި އުޅުނު ޒަވާހިރީގެ ނިމުން ކަމަށެވެ.

"މިހާރު މި ވަނީ އިންސާފު ގާއިމުކުރެވިފައި. ޓެރަރިސްޓް ލީޑަރު މަރާލެވިއްޖެ،" ބައިޑެން ވިދާޅުވި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި ޒަވާހިރީ އަށް ހަމަލާ ދިނީ އޭނާގެ ފިލައިގެން އުޅޭ ގޭގެ ބެލްކަނީގައި ހުއްޓަ އެވެ. އޭނާއަށް އަމާޒުކޮށް ދެ ޑްރޯން ފޮނުވާލި ކަމަށްވެ އެވެ. އެ ވަގުތު ގޭގައި ޒަވާހިރީގެ އާއިލާގެ އެހެން ބައެއް މެންބަރުން ވެސް ތިބި ކަމަށާއި އެކަމަކު މަރުވީ ޒަވާހިރީ އެކަނި ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އުސާމާ ބިން ލާދިން 2011 ވަނަ އަހަރު މަރާލުމުން އަލްގައިދާއާ ހަވާލުވި، މިހާރު އުމުރުން 71 އަހަރުގެ ޒަވާހިރީއަށް ހަމަލާ ދިނީ ވަރަށް ޔަގީންކަމާ އެކު އެތައް މަހެއްގެ ރޭވުންތަކަށް ފަހު ރައީސް ބައިޑެންގެ އަމުރަށެވެ. ޒަވާހިރީ އަކީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށް ފަހު އެމެރިކާ އިން ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެކަކެވެ.

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން (ވ) އާއި އޭނާގެ ފަހުން ޖަމާއަތާ ހަވާލުވި އައިމަން އަލް ޒަވާހިރީ

އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިން (ވ) އާއި އޭނާގެ ފަހުން ޖަމާއަތާ ހަވާލުވި އައިމަން އަލް ޒަވާހިރީ

ބައިޑެން ވިދާޅުވީ ޒަވާހިރީގެ މަރަކީ ސެޕްޓެމްބަރު 11 ގެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ލިބުނު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. ބައިޑެން ވިދާޅުވި ގޮތުގައި ޒަވާހިރީ ވަނީ އެމެރިކާއާ ދެކޮޅަށް އެކި ކަންކޮޅުތަކުގައި ދީފައިވާ އެކި ހަމަލާތައް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

ޒަވާހިރީ އަށް އަފްޣާނިސްތާނުގެ ވެރިރަށުގައި ދިން ހަމަލާ އަށް ފަހު، އެ ގައުމުގެ ވެރިކަންކުރާ ތާލިބާނުން ބުނީ މިއީ އެމެރިކާގެ މި އަމަލު ބައިނަލްއަގުވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފް ކަމަށެވެ.

"މިއީ އެމެރިކާއިން މިދިޔަ 20 އަހަރު ކޮށްފައިވާ ފެއިލްވެފައިވާ އަމަލްތަކުގެ ތަކުރާރުވުމެއް. އަދި މިއީ ބައިނަލްއަގުވާމީ މަސްލަހަތާއި އެމެރިކާގެ މަސްލަހަތާއި އަފްޣާނިސްތާން އަދި ސަރަހައްދުގެ މަސްލަހަތު ވެސް އޮތް ކަމެއް ނޫން،" ތާލިބާނުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޒަވާހިރީ މަރާލުމުގެ އޮޕަރޭޝަނާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ -- ފޮޓޯ: އޭއެފްޕީ

ޒަވާހިރީ މަރާލުމުގެ އޮޕަރޭޝަނާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާހަކަ ދައްކަވަނީ -- ފޮޓޯ: އޭއެފްޕީ

ނަމަވެސް އެމެރިކާއިން ބުނީ މި ހަމަލާ ދިނުމުގެ ހައްގު އެމެރިކާއަށް ލިބިގެންވާ ކަމަށެވެ.

ޒަވާހިރީ މަރާލާފައި މި ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުގައި ވިއްސަކަށް އަހަރު ތިބުމަށް ފަހު ފޭބިތާ އަހަރެއްހާ ދުވަސް ފަހުންނެވެ. އެމެރިކާ އާއި ތާލިބާނުން 2020 ވަނަ އަހަރު ހެދި އެއްބަސްވުމުގައި އަލްގައިދާ އަދި މިފަދަ އެހެން ގްރޫޕްތައް ތާލިބާނުންގެ ބާރުގެ ދަށުގައި އޮންނަ އެއްވެސް ސަރަހައްދެއްގައި ހަރަކާތްތެރިވާން ފުރުސަތު ނުދިނުން ހިމެނެ އެވެ. އެކަމަކު ތާލިބާނުންނާ އަބަދުވެސް ގާތް ގުޅުމެއް އޮންނަ އަލްގައިދާގެ ލީޑަރު ކާބުލްގައި އުޅޭކަން ތާލިބާނުންނަށް އެނގޭ ކަމަށް އެމެރިކާ އިން އަބަދުވެސް ބުނެ އެވެ.

ޒަވާހިރީއަށް ދިން ހަމަލާއާ ބެހޭ ގޮތުން ބައިޑެން ވިދާޅުވީ އަފްޣާނިސްތާނަކީ ޓެރަރިސްޓުންނަށް އަމާން ތަނެއް ކަމަށް ދެން ދުވަހަކު ވެސް ވިޔަ ނުދޭނެ ކަމަށެވެ.

ލޮލުގެ ޑޮކްޓަރެއް ކަމަށްވާ ޒަވާހިރީ އަކީ މިސްރުގެ އިސްލާމިކް ޖިހާދު އުފެއްދުމުގެ މޭސްތިރި އެވެ. މެއި 2011 ގައި ބިން ލާދިން މަރާލުމުގެ ކުރިން ޒަވާހިރީ އަކީ ބިން ލާދިންގެ އެންމެ އަރިސް މީހާ އެވެ. ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޒަވާހިރީ އަކީ ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ހަމަލާ ރޭވުމުގެ އެންމެ އިސް މީހާ އެވެ.