Roadha Mihaaru
މިނިވަންކަމަށްޓަކައި ހިމާޔަތްކުރަން ޖެހެނީ އިސްލާމްދީން

މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ހިމާޔަތް ކުރަން ޖެހެނީ އިސްލާމްދީން: ރައީސް

26 ޖުލައި 2022

ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން ދިވެހިންނަށް އަބަދުވެސް ލާޒިމު ކަމަށާއި އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ، ހިމާޔަތް ކުރަން ޖެހެނީ އަޅުގަނޑުމެންގެ އީމާންކަމާއި އަގީދާ އަދި އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ދުނިޔޭގައި ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި، މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުން ދިވެހިންނަށް އަބަދުވެސް ލާޒިމު ކަމަށާއި އެކަމަށްޓަކައި އެންމެ ފުރަތަމަ ރައްކާތެރިވެ، ހިމާޔަތް ކުރަން ޖެހެނީ އަޅުގަނޑުމެންގެ އީމާންކަމާއި އަގީދާ އަދި އިސްލާމްދީން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ ތަގުރީރުގައި އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު 'އެކީ އެއްމާރަކުން' ބަނދެވިފައިވާ ހަގީގީ ސިއްރަކީ އިސްލާމްދީން ކަމަށެވެ.

"އެ ދީނުގެ ރިސާލަތާއި ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާ ވެެގެން ދިއުމަކީ ދެ ދުނިޔޭގައި ވެސް ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ނަސީބާއި ރަހުމަތް. ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މިނިވަންކަމަށްޓަކައި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ

މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިންމު ކަމަކީ އިސްލާމްދީން ހިމާޔަތް ކުރުން ކަމަށް ވިދާޅުވުމަށް ފަހު، ރައީސްގެ ތަގުރީރުގައި ދެން ފާހަގަކުރެއްވީ ދިވެހިންގެ މެދުގައި ހުރި، ހުރިހާ ތަފާތެއް އެއްފަރާތް ކުރަން ޖެހޭ ވާހަކަ އެވެ.

"ސަބަބަކީ މިނިވަންކަމުގެ އުފަލާއި އޭގެ އަސަރާއި ރަހަ އެހެން ހުރިހާ އިހުސާސަކާ ތަފާތު. މިނިވަންކަމުން ފަރުދުންނަށް ލިބޭ ހައްގުތަކާއި އިމްތިޔާޒާއި އިހުތިޔާރަކީ އެންމެންނަށް ހަމަހަމަ އެކައްޗެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ގައުމެއްގެ މިނިވަންކަމަކީ، އެ ގައުމެއް ދިރިދެމި އޮތުމުގެ އެންމެ މުހިއްމު ރުކުނެވެ. އަދި ވިދާޅުވީ، ސުލްހަ މަސަލަސްކަމާއި ހަމަޖެހުމާއި އުފާފާގަތިކަމާއި ތަރައްގީ ވެސް ގުޅެނީ މިނިވަންކަމުގެ ފޮނި މީރުކަމާ ކަމަށެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސަމާސާއެއް ކުރައްވަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި އަހަރުގެ މިނިވަން ދުވަހުގެ ދިދަ ނެގުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ސަމާސާއެއް ކުރައްވަނީ---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެން ދިވެހިންނަކީ ފެށުނީއްސުރެ، މިނިވަންކަމަށް ލޯބިކުރާ ބައެއް. އެކީ އެކަތިގަނޑެއްގެ ގޮތުގައި މިނިވަންކަމަށްޓަކައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ދިވެހިން ވަނީ
ވެފައި. އިންޑިއާ ކަނޑަށް ދޮށީ މި ގައުމުގެ، ލިޔެވިފައި ނެތް ގަދީމީ ތާރީހާއި އޭގެ ފަހުގެ ތާރީހުން މި މަންޒަރު ސާފުކޮށް ބަޔާންވޭ،" ރައީސްގެ ތަގުރީރުގައި ވިދާޅުވި އެވެ.

"މިނިވަން މުސްތަގިއްލު، އަމިއްލަ ވެރިކަމެއްގައި ދެމިތިބުން ނޫން ގޮތަކީ، ދިވެހިން ރުހޭ ގޮތެއް ނޫން. އަޅުގަނޑުމެންގެ ޖީލުތައް އެގޮތުގައި އެތައް ހާސް އަހަރެއް މި ވަނީ ވޭތުކޮށްފައި."

ރައީސް ވިދާޅުވީ، އެންމެން އެއްބައިވަންތަވެ، އެކަތިގަނޑަކަށް ވެގެން ނޫނީ މިނިވަންކަން ލިބުނު ގައުމެއް އަދި ޖަމާއަތެއް ވެސް ނެތް ކަމަށެވެ. ވިދާޅުވީ، މިނިވަންކަންމަތީގައި ދެމިތިބުމަށްޓަކައި ވެސް، އެ ނޫން އެހެން ގޮތެއް ނެތް ކަމަށެވެ.

އެ ދީނުގެ ރިސާލަތާއި ހިދާޔަތުން ދިވެހި އުންމަތް އެކުއެކީ، އަލިވެ އުޖާލާ ވެެގެން ދިއުމަކީ ދެ ދުނިޔޭގައި ވެސް ރާއްޖެ އަށް ލިބޭނެ އެންމެ ބޮޑު ނަސީބާއި ރަހުމަތް. ދިވެހިރާއްޖެ، ރާއްޖޭގެ ގޮތުގައި ފުރާފުރިހަމަވި ސަބަބަކީ މުސްލިމް ދިވެހި ރައްޔިތުން،"--- ރައީސް

"އެދޭ ގޮތާއި ދެކޭ ގޮތާއި ގަބޫލުކުރާ ގޮތާ އެކުއެކީ، ކަންކަމުގައި ހިޔާލު ތަފާތު ވުމަކީ އިންސާނީ ތޮބީއަތް. ކޮންމެ ބައެއް ކަމުގައި ވިޔަސް އެއީ އެކަން އޮންނަ ގޮތް. އެހެން ނަމަވެސް މިނިވަންކަމުގެ ރާސްތާ އޮމާންކަމާއި އަމާންކަމުގައި ގަރާރުވެ، ދެމިއޮތުމަށްޓަކައި މި ދެންނެވި ހުރިހާ ތަފާތެއް އެއްފަރާތް ކުރަންޖެހޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުގެ ކޮންމެ ސިޔާސަތެއް ގުޅެނީ މިނިވަންކަމާ

ރައީސްގެ މިނިވަން ދުވަހުގެ ތަގުރީރުގައި ވިދާޅުވީ، ދިވެހި ސަރުކާރުގެ ކޮންމެ ސިޔާސަތެއް ވެސް ބައްޓަން ކޮށްފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުމަށް ލާބަ ހުރި ގޮތްތަކެއްގެ މައްޗަށް ކަމަށެވެ.

"--- ދިވެހި ދައުލަތް އޭގެ ކީރިތިކަމާއި މޫރިތިކަމާއެކު ހިނގަމުން މި ދަނީ އަބަދުމެ ފުރިހަމަ މިނިވަންކަމާއެކު،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ގައުމެއްގެ ސިޔާސީ މިނިވަންކަމަކީ ބައިނަލްއަގްވާމީ ގޮތުން ދުނިޔެއާއެކު، ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަމެވެ. އެހެންވެ. މި ސަރުކާރުން ގެންގުޅެނީ ދުނިޔެ ބަލައިގެންފައިވާ، ތިލަފަތް ހަމަ ހަރުދަނާ ހާރިޖީ ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.

"ގައުމުތަކާއެކު އޮންނަ ގުޅުންތައް މިހާރު ބަދަހި. ބައިނަލްއަގްވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރު މި ކަންކަމަށް ހެކިވެދޭ. އަޅުގަނޑުމެންގެ ހާރިޖީ ތަރުތީބު އަބަދުވެސް ހިނގަން ޖެހޭނީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މަންފާ ބޮޑު ގޮތުގައި،" މިނިވަންކަން ދެމެހެއްޓުމަށްޓަކައި ހާރިޖީ ސިޔާސަތުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.