02 ޖެނުއަރީ 2017
މާލޭގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިއީ އިއްޔެ ނުވަތަ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެތައް އަހަރެއް ވީ ބޮޑު މައްސަލައެކެވެ. މި ކަމަށް އެދެވޭ ހައްލެއް ނުހޯދި ދިޔައީ ބޮޑުވަމުންނެވެ.
މާލޭގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިއީ އިއްޔެ ނުވަތަ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެތައް އަހަރެއް ވީ ބޮޑު މައްސަލައެކެވެ. މި ކަމަށް އެދެވޭ ހައްލެއް ނުހޯދި ދިޔައީ ބޮޑުވަމުންނެވެ.
ޓެކްސީގެ ހިދުމަތަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެ އެވެ. އެކި ގައުމުތަކުގައި މި ހިދުމަތް ދޭ އުސޫލްތައް ތަފާތު ނަމަވެސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށް އެ ޚިދުމަތް ފޯރުކޮށްދޭން ޓެކްސީ އޮޕަރޭޓަރުންނަށް ސަރުކާރުން ވަރަށް ބޮޑަށް ބާރު އަޅަ އެވެ.
ވެރިރަށް މާލޭގައި ޓެކްސީ ކުރަނީ ސެންޓަރުތައް މެދުވެރިކޮށް ނަމަވެސް އެއީ ގިނަ ފަހަރު ނަމެއްގައި އޮންނަ ކަމެކެވެ. ޓެކްސީގެ ހުރިހާ ބާރެއް އޮންނަނީ ޑްރައިވަރުގެ އަތްމަތީގަ އެވެ. އެކާރު ދުވާލަކު ދަތުރުކުރާނެ މިންވަރެއް އެނގެނީ ވެސް ޑްރައިވަރަށެވެ. ޓެކްސީ ސެންޓަރަކަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. މިހެންވުމުން ޓެކްސީތައް ނުލިބިގެން އާއްމުން ކޮޅުކޮޅަށް ދުވާއިރު ވެސް ޑްރައިވަރުންނަށް އެއީ މާ ބޮޑު މައްސަލައަކަށް ނުވެ އެވެ.
އެކަމަކު ޓްރާންސްޕޯޓް އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގަވައިދުގެ ދަށުން ކޮންމެ ޓެކްސީއެއް މޮނިޓާކުރެވޭނެ އުސޫލްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ކޮންމެ ކާރެއް ވެސް އޮޕަރޭޓްކުރަން ޖެހޭނީ ކޮންމެވެސް ސެންޓަރެއްގެ ބެލުމުގެ ދަށުންނެވެ. އަދި ކޮންމެ ޓެކްސީ ކާރެއް ދުވާލަކު މަދުވެގެން 20 ދަތުރުކުރަން ޖެހެ އެވެ.
އެ އޮތޯރިޓީން ނެރުނު ގަވައިދުގައި ބުނެފައިވާ ގޮތުން އަލަށް ޓެކްސީކުރަން ބޭނުންވާ މީހަކު 50،000ރ. ގެ ޓެކްސީ ލައިސަންސް ފީއެއް ދެއްކުމުން ބޯޑު ދޫކުރާނެ އެވެ. އަދި މާލެ އާއި އެހެން ސަރަހައްދެއް ވެސް އެކަމުގައި ތަފާތެއް ނެތެވެ. އެކަމަކު ރަށްރަށުގައި އެ ހިދުމަތް ދޭ މީހުންގެ ޝަކުވާތަކެއް އެބަ ހުއްޓެވެ.
ފުވައްމުލަކުގެ ޓެކްސީ ޑްރައިވަރަކު ބުނީ 50،000ރ. އަށް ޓެކްސީ ބޯޑު ގަނެގެން އެ ހިދުމަތް ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރަށްރަށުގައި އެ ހިދުމަތް ދޭ މީހުންނަށް އެއަށް ވުރެ ކުޑަ އަގެއްގައި ބޯޑު ލިބެން ޖެހޭނެ ކަމަށް އޭނާ ދެކެ އެވެ.
"މިހާރު މި ގަވައިދު ހެދިއިރު މާލެއެކޭ އަތޮޅުތެރެއެކޭ ތަފާތެއް ނެތް. މާލޭގައި ޓެކްސީއަށް އޮންނަ ޑިމާންޑެއް އެހެން ރަށެއްގައި ނެތް. އަތޮޅުތަކުގައި މިކަން ކުރާ މީހުންނަށް މި އަގަކީ ވަރަށް ބޮޑު އަގެއް. މިހެން ހެދުމުން އަނެއްކާވެސް ބަޔަކު ގަވައިދާ ހިލާފުވާން ޖާގަ ދެވެނީ،" އެ ޑްރައިވަރު ބުންޏެވެ.
ޓެކްސީކުރަން ލައިސަންސް ހޯދުމަށް ހުށަހަޅާއިރު، ރަޖިސްޓްރީ ވެފައިވާ ޓެކްސީ ސެންޓަރުގެ ލިޔުމަކާއި ވެހިކަލްގެ ރަޖިސްޓްރީގެ އަސްލާއި އަހަަރީ ފީ ދެއްކި ކަމުގެ ލިޔުމާއި އިންޝުއަ ކުރި ކަމުގެ ލިޔުން އަދި 100ރ. ގެ ރެވެނިއު ސްޓޭމްޕެއް ހުށަހަޅަން ޖެހެ އެވެ. ލައިސަންސް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ފަސް އަހަރު ފަހުން ލައިސަންސް އާކޮށްދެނީ 5،000ރ. ގެ ފީއެއް ނެގުމަށް ފަހު ކަމަށް ވެސް ގަވައިދުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވީ ޓެކްސީކުރުމުގެ ގަވައިދު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ ވެސް ޓެކްސީ ބޯޑުތައް ބޮޑު އަގުގައި ވިއްކުން ހުއްޓުވުމާއި ޓެކްސީ ކުރުން ލިމިޓެއް ނެތި ހުޅުވާލުމެވެ. އޭގެ ސަބަބުން ޓެކްސީ ނުލިބިގެން އާއްމުންނަށް ދިމާވާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިހާތަނަށް އަމަލުކުރަމުން އައި ގޮތުން ޓެކްސީ ބޯޑުތައް ކުރިން ހޯދި މީހުން އެކަން ކުރަން ބޭނުން ނުވުމުން ކޮންމެވެސް މީހަކަށް ބޮޑު އަގުގައި ވިއްކާލަނީ. އަދި އެ ގޮތަށް އޮތުމުން ޓެކްސީކުރަން ބޭނުންވާ ފަރާތްތަކަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވޭ. މިހާރު މި ގެނައި އިސްލާހުގެ ދަށުން ކުރީގެ ބޯޑު ވިއްކައެއް ނުލެވޭނެ އަދި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ މީހަކަށް މިއޮތީ އެ ފުރުސަތު ހުޅުވާލެވިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ޓެކްސީ ހިދުމަތަށް ޗާޖުކުރަނީ މީޓަރު ބޭނުންކޮށްގެންނެވެ. އެގޮތުން ދަތުރު ފަށަން ވަކި މިންވަރެއް ޗާޖުކުރުމަށް ފަހު ދެން ޗާޖުކުރަނީ ދަތުރުކުރާ ދިގު މިނަށް ބަލައިގެންނެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިހާތަނަށް ކުރަނީ ކިތަންމެ ކުރަސް އަދި ދިގަސް ދަތުރެއް 25ރ. އަށެވެ.
އާ ގަވައިދުގައި ވަނީ، ޓެކްސީ ކުރާ އުޅަނދުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ކޮށްފައިވާ ޓެކްސީ ފެއާ އެނގޭނެ މީޓަރެއް ފަސިންޖަރުންނަށް ފެންނަ ގޮތަށް އެ އޮތޯރިޓީން ކަނޑައަޅާ ތަނެއްގައި ހަރުކޮށްފައި ހުންނަން ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ހިންގާ ބޭންކުތަކުން ދޫކޮށްފައިވާ ކޭޝް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ވެސް ގާއިމުކޮށްފައި ހުންނަން ވާނެ ކަމަށް ގަވައިދުގައި ބުނެ އެވެ.
ޓެކްސީތަކުން މީޓަރަށް ދަތުރުކުރާއިރު ނަގާނެ ފީ އަކީ ކޮބައި ކަމެއް އެ ގަވައިދުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މީޓަރަށް ދަތުރުކުރާއިރު، ޗާޖުކުރަނީ ކިލޯމީޓަރަކަށް ވަކި މިންވަރެކެވެ.
"މާލެއަކަށް މުހިންމެ ނޫން މީޓަރަކަށް ދަތުރުކުރާކަށް. އެއީ މާލޭގައި އެންމެ ދިގު ދަތުރެއް ކުރާއިރު ވެސް ތިން ކިލޯ މީޓަރެއް ހަމައެއްނުވާނެ. އެކަމަކު އައްޑޫ ކަހަލަ ތަންތަނަށް މިއީ ވަރަށް މުހިންމު ކަމެއް. މާލެ ހުޅުލެ ބްރިޖް އަންނައިރު މާލެ އިން ހުޅުމާލެއަށް މުހިންމުވާނެ މީޓަރަށް ދަތުރުކުރަން،" ޓެކްސީ ހިދުމަތް ދޭ ސެންޓަރަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.
"ޓެކްސީތަކުން އަމިއްލަ އަގު ކަނޑައަޅައިފި ނަމަ އާއްމުންގެ ފަރާތުން ވަރަށް ބޮޑު ޝަކުވާ އަންނާނެ."
"މިހާރު"އަށް އެނގިފައިވާ ގޮތުގައި މީޓަރަށް އަގު ނަގާ ނަމަ ފަށަން ހަމަޖެހިފައި ވަނީ ފުރަތަމަ ތިން ކިލޯ މީޓަރަށް 25ރ. ކަމަށް ބަލައިގެންނެވެ. އަދި އޭގެ ފަހުން ޗާޖުކުރާނީ ކިލޯ މީޓަރަކަށް ޖެހޭ މިންވަރަށް ބަލައިގެންނެވެ.
"މާލެ ތެރޭގައި އަޅުގަނޑުމެންނަށް ދަތުރުކުރެވޭނެ 25ރ.އަށް. އެކަމަކު ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް ދަތުރުކުރާ ކަމަށްވާ ނަމަ އަގު ބަދަލުވާން ޖެހޭނެ. އައްޑޫ ކަހަލަ ބިން ބޮޑު ތަންތަނުގައި ވެސް އޮންނަން ޖެހޭނީ އެ އުސޫލުން،" ޓެކްސީ ސެންޓަރުން ވާހަކަދެއްކި މީހާ ބުންޏެވެ.
ޓެކްސީ ހިދުމަތުގެ ގަވައިދަށް ގެނައި އިސްލާހުން އަންނާނެ ބަދަލެއް އަދި ނޭނގެ އެވެ. އެކަމަކު ޓެކްސީގެ ޚިދުމަތަށް ރަނގަޅު ގަވާއިދުތަކެއް ވެސް ބޭނުންވެ އެވެ. އެ ޚިދުމަތުގެ ފެންވަރު ވެސް ރަނގަޅުވާން ޖެހެ އެވެ.
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
އަގުބޮޑުކޮށް ދަތުރުކުރާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޓެކްސީ ޚިދުމަތަށް އެޕްލިކޭޝަން ހަދަން ބަޔަކު ހޯދަނީ
ޓެކްސީ ދުއްވުމުގެ ނިޒާމް ހަމައަކަށް އެޅުވުން
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަށް ހިޔާލު ހޯދަނީ
ބޮޑުއަގުގައި ޓެކްސީކުރުން ހުއްޓުވަން ފުލުހުން ނުކުމެއްޖެ
މާލެ-ހުޅުމާލޭގެ ޓެކްސީ ދަތުރެއްގެ އަގު 40ރ.
10 އަހަރު ނުވާ ކާރުތަކަށް ޓެކްސީ ބޯޑު ވިއްކަނީ
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ