Roadha Mihaaru
ލިވާތު ފަދަ ފާހިޝް އަމަލުތަކާ ދުރުވޭ، މުޑުދާރު ކަމެއް

ލިވާތު ފަދަ ފާހިޝް އަމަލުތަކާ ދުރުވޭ، މުޑުދާރު ކަމެއް!

16 ޖުލައި 2022

އިސްލާމީ އުންމަތަކީ އިސްލާމްދީނުގެ ހިދާޔަތާއެކު ވަރަށް މަތިވެރި އަސާސްތަކެއްގެ މަތީ ބިނާވެފައިވާ އުންމަތެކެވެ. އެ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ ފާޅުވެގެންވާ އަދި ސިއްރުވެގެންވާ އެންމެހައި ފާހިޝް ކަންކަން އެ އުންމަތުގައި ހަރާން ވުމެވެ. އަދި ކިއެއްތަ، އެފަދަ ކަންކަމާ ގާތްވުން ވެސް ވަނީ ނަހީ ކުރެވިފަ އެވެ. "... އަދި ފާހިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ސިއްރުވެގެންވާ ކަންތައްތަކެވެ...." (އަލްއަންއާމް 151).

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

އިސްލާމީ އުންމަތަކީ އިސްލާމްދީނުގެ ހިދާޔަތާއެކު ވަރަށް މަތިވެރި އަސާސްތަކެއްގެ މަތީ ބިނާވެފައިވާ އުންމަތެކެވެ. އެ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ ފާޅުވެގެންވާ އަދި ސިއްރުވެގެންވާ އެންމެހައި ފާހިޝް ކަންކަން އެ އުންމަތުގައި ހަރާން ވުމެވެ. އަދި ކިއެއްތަ، އެފަދަ ކަންކަމާ ގާތްވުން ވެސް ވަނީ ނަހީ ކުރެވިފަ އެވެ. "... އަދި ފާހިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ސިއްރުވެގެންވާ ކަންތައްތަކެވެ...." (އަލްއަންއާމް 151).

ފާހިޝްކަންކަމޭ ބުނާ ބަހުގެ މާނައަކީ ކޮބާ؟

ފާހިޝް ކަންކަމުން ދުރުހެލިވުމަށްޓަކައި އެންމެ ފުރަތަމަ ވެސް ފާހިޝް ކަންތައްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެ އެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ފާހިޝް ކަންތައްތަކަކީ ކުށްތަކާއި އުރެދުންތަކުގެ ތެރެއިން ނުބައިކަމާއި މުޑުދާރުކަން ބޮޑުވެގެންވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ބުނާ ބަސްތަކާއި ކުރާ ކަންތައްތައް ވެސް ހިމެނެ އެވެ. ފާހިޝްގެ އަސްލަކީ ގިނަވުމާއި އިތުރުވުމެވެ. އެހެންކަމުން ބަހެއް ބުނުމުގައި ވެސް ހައްދުފަހަނަޅައި ހިނގައްޖެ ނަމަ އެ ކަމެއް ފާހިޝް ވީ އެވެ. މިސާލަކަށް ޔަހޫދީން ސަލާން ގޮވަން ވެގެން "އައްސާމް އަލައިކުމް" އޭ ބުނުމުން އާއިޝަތުގެފާނު އޭގެ ރައްދުގައި ތިޔަބައިމީހުންނަށް ވެސް "ސާމް" (މަރު) އާއި ލައުނަތާއި ﷲ ގެ ކޯފާ ހުއްޓޭ ވިދާޅުވުމުން އެ ކަމަނާގެ ބަސްފުޅުގައި ހައްދުފަހަނައެޅުމެއް ވާތީ ރަސޫލާ ﷺ ހަދީސް ކުރެއްވީ "ކަމަނާ ތިޔަހެން ވިދާޅުނުވާށެވެ! ހަމަކަށަވަރުން ފާހިޝް ކަންކަމާއި ފާހިޝްވެގަތުމަށް ﷲ ލޯބިވެ ވޮޑިގެން ނުވެ އެވެ."

ފާހިޝްކަންކަމުގެ ތެރޭ ހިމެނޭ ކަންކަމަކީ ކޮބާ؟

ކީރިތި ޤުރްއާނަށް ބަލާއިރު ފާހިޝް ކަމެއްގެ ގޮތުގައި އެންމެ އާންމުކޮށް ބަޔާން ކުރައްވާފައި ވަނީ ޒިނޭ އެވެ. (އައްނިސާއު 15،25، އަލްއިސްރާއު 32، އައްނޫރު 19).

މިގޮތުން ޒިނޭ ހަރާމް ކުރައްވާފައިވަނީ ފާހިޝް ކަންތައްތައް ހަރާމް ކުރައްވާފައިވާ ފަދައިން އެ ކަމާ ގާތްވުން ވެސް ނަހީ ކުރައްވައިގެންނެވެ.

ފާހިޝް ކަންކަމުގެ ގޮތުގައި ބަޔާންކުރައްވާފައިވާ ދެވަނަ ކަމަކީ އައުރަ ނިވާނުކޮށް، މީސްތަކުންގެ ހިތްތަކުގައި ފާހިޝް ކަންކަން ކުރަން ހިތްވަރު ލިބޭ ގޮތަށް އުޅުމެވެ. އަލްއައުރާފު ސޫރަތުގައި މައްކާގެ އަހުލުވެރިން ފާހިޝް އަމަލުތައް ކޮށް، އެ ކަމުގެ އުޒުރެއްގެ ގޮތުގައި "މިއީ ތިމަންމެންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ތިބި ގޮތް ކަމަށާއި ﷲ އެ ކަމަށް އަމުރު ކޮށްފައިވާ ކަމެއް ކަމަށް" ބުނުމުން އޭގެ ރައްދުގައި އަންގަވަނީ "ހަމަކަށަވަރުން ފާހިޝް ކަންކަމަށް ﷲ އަމުރު ނުކުރައްވާނެ" ކަމަށެވެ. އަދި އެ ބައިމީހުން ނޭނގި ތިބެ އެ ހަދަނީ ﷲ ގެ މައްޗަށް ބޮޑު ދޮގެއް ކަމަށެވެ. (އަލްއައުރާފު 28). މި އާޔަތް ބާވާލައްވާފައިވަނީ އޭގެ ކުރިން އޮތް އާޔަތުގައި ޝައިތާނާގެ ހެއްލުންތެރިކަމުގައި ނުޖެހުމަށް އޮތް އަމުރަށް ފަހު އެވެ. އެ ހެއްލުންތެރި ކަމަކީ އާދަމުގެފާނާއި ހައްވާގެފާނު ސުވަރުގެ އިން ނެރެލުމަށްޓަކައި އެ ދެކަނބަލުންގެ ފޭރާން ބާލުވައި، އެ ދެކަނބަލުންގެ އައުރަ ކަޝްފު ކުރިވި ހެއްލުންތެރިކަމެވެ.

ފާހިޝް ކަންކަމުގެ ގޮތުގައި ބަޔާންކުރެވިފައިވާ ތިންވަނަ ކަމަކީ، އެއްޖިންސުން ގުޅުން ހިންގުމެވެ. ހާއްސަކޮށް ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ ނުބައި ލިވާތުގެ އަމަލެވެ. އެއީ އޭގެ ކުރިން އެއްވެސް ބަޔަކު އެކަން ކޮށްފައި ނުވާ ފަދަ ނުބައި އަމަލެކެވެ. (އަލްއައުރާފް 80). އަދި އެ ކަމަކީ އެ މީހުންނަށް އެ ކަމުގެ ނުބައިކަން ނޭނގި ތިބެ ކުޅަ އަމަލެއް ވެސް ނޫނެވެ. (އައްނަމްލު 54).

ލިވާތަކީ އޭގެ ޖަރީމާކަން ވަރަށް ބޮޑުވެގެންވާ މުޑުދާރު ފާހިޝް ކަމެކެވެ. އަހުލާގީ ފަސާދައެކެވެ. ނުރައްކާތެރި ބަލިމަޑު ކަމެކެވެ. އެ ކަން ކުރާ މީހުންގެ އަގު އެރުވުމަށްޓަކައި މުޅި ދުނިޔެ ތެދުވިޔަސް އޭގެ އަހުލުވެރިން ސިފަ ކުރެވޭނީ ހަމަ ތަބީއަތް ފާސިދުވެފައިވާ ހުލުގު ނުބައި، ލަދުވެތިކަން ނިގުޅައި ގަނެވިފައިވާ ބައެއްގެ ގޮތުގަ އެވެ. އެއީ ހައްގާއި ބާތިލު ވަކި ނުވާ ބައެއްގެ ގޮތުގަ އެވެ. އެ ފަދަ މީހުންގެ ކިބައިގައި ނަފުސު ކުށްވެރި ކުރާނެ ފަދަ ޒަމީރެއް ނެތް ބައެއްގެ ގޮތުގަ އެވެ. އަދި ކިއެއްތަ، އެ ފަދަ މީހުންގެ ފެންވަރަކީ ނަފްސުގެ ސާފުކަންމަތީ ތިބެން ބޭނުންވާ މީހުންނާ އެކުގައި ވެސް ނޫޅުމެވެ.

އެހެންވެ ލޫތުގެފާނުގެ ގައުމުގެ މީހުން ބުނީ ލޫތުގެފާނުގެ އާލުން ރަށުން ބޭރުވުމަށެވެ (އައްނަމްލު 56). މި ޒަމާނުގައި މި ނުބައި ފާހިޝް އަމަލަށް ތާއީދުކުރާ މީހުން ވެސް ކޮޕީ ކުރަނީ ހަމަ ލޫތުބާގައިގެ މީހުންނެވެ. އެކަމަކު އެހެން ސިފައެއްގަ އެވެ. އެއީ އިސްލާމް ދީނާއި މުސްލިމުންނާއި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށް އެކި ގޮތްގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ފާހަގަ ކުރި ކަންކަމުގެ އިތުރުން ވެސް ކުށްފާފަތަކުގެ ތެރެއިން އޭގެ ނުބައިކަން ބޮޑުވެގެންވާ ނުވަތަ އިތުރުވެގެންވާ ކޮންމެ ކުށަކީ އަދި ފާފަ އަކީ ފާހިޝް އަމަލުތަކުގެ ތެރެއިން ހިމެނޭނެ ކަންކަމެވެ.

ފާހިޝް ކަންކަމަކީ ޝައިތާނާގެ އަމުރުގެ ތެރެއިން ހިމެނޭ ކަމެއް

ފާހިޝް ކަންކަމަށް އަމުރު ކުރުމަކީ ޝައިތާނާގެ ނުބައި އަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ އަންގަވަނީ "އެ ޝައިތާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަން ބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެން ނުވާ އެއްޗެއް ﷲ އާ މެދު ތިޔަބައިމީހުން ބުނުމަށެވެ." އަލްބަގަރާ 169).

މި ސަބަބަށްޓަކައި މިއާޔަތުގެ ކުރިން އޮތް އާޔަތުގައި ﷲ އަންގަވަނީ ޝައިތާނާގެ ފިޔަވަޅުތަކުގެ މަތީ ނުހިނގުމަށެވެ. އަދި ޝައިތާނާއަކީ ކަނޑައެޅި ބަޔާން ވެގެންވާ ބޮޑު އަދުއްވެއް ކަމަށެވެ. ފާހިޝް ކަންކަމަށް ޝައިތާނާ އަމުރު ކުރާނެކަން ބަޔާންކުރާ އެހެން އާޔަތެއްގައި އެ ކަން ގުޅުވާފައި ވަނީ ފަގީރުކަމަށް ވައުދުވުމާ އެވެ. (އަލްބަޤަރާ 268). މާނައަކީ ޝައިތާނާގެ އަމުރުތަކަށް ކިޔަމަން ވުމުން އިންސާނާއަށް ލިބެނީ ފަގީރު ކަމެވެ. އެންމެ ބޮޑު ފަގީރު ކަމަކީ އީމާންކަމުގެ ނޫރުން މީހާ މަހުރޫމު ވުމެވެ. އެހެންކަމުން ފާހިޝްކަންކަމާއި މުންކަރާތްތަކާއި ބަގާވާތްކުރުން ﷲ ވަނީ ނަހީ ކުރައްވާފަ އެވެ. އޭގެ ބަދަލުގައި ﷲ އަމުރު ކުރައްވަނީ އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަށެވެ. (އައްނަޙްލު 90).

ފާހިޝް ކަންކަމުން ދުރުހެލިވެ ތައުބާވުމުގެ މުހިންމުކަން

ފާހިޝް ކަންކަން ކުރުމާއި އެފަދަ އަމަލުތައް އާންމު ކުރުމަކީ މުއުމިނުންގެ އަހުލާގާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ފާހިޝް ކަންކަން އާންމުކުރަން ލޯބިކުރާ މީހުންނަށް ދުނިޔެ އާއި އާހިރަތުގައި އަޒާބު ހުރިކަން ﷲ ވަނީ ބަޔާން ކުރައްވާފަ އެވެ. (އައްނޫރު 19). މީގެ ތެރޭގައި ފާހިޝް އަމަލުކުރާ މީހުން ހިމެނެ އެވެ. ސަބަބަކީ އެ ފަދަ ކަންކަމުގެ ޚަބަރުތައް ފެތުރުމަށް ވުރެ އެ ކަންކަން އަމަލީ ގޮތުން ކުރުމުން މާ ވަރުގަދަ އަށް އެ ކަންކަން އާންމު ކުރެވޭނެތީ އެވެ.

ވީމާ ފާހިޝް ކަންކަން ކުރުން ވެސް އަދި އެފަދަ ކަންކަން އާންމުކުރުން ވެސް ހުއްޓާލަން ޖެހެ އެވެ. އަދި އެކަމާ ދެރަވެ ހިތާމަ ކުރަން ޖެހެ އެވެ. އޭގެ ފަހުން އެ ފަދަ ކަމެއް ނުކުރާނެ ކަމުގެ އަޒުމް ކަނޑައަޅައި ﷲ ގެ ހަޒްރަތުން މާފަށް އެދެން ޖެހެ އެވެ. ފާހިޝް ކަންކަން ކުރެވުމުން އެ ގޮތަށް ކަންކުރާ މީހުންނަށް ﷲ ތައުރީފު ކުރައްވާފައި ވެ އެވެ. (އާލްއިމްރާން 135).

ވީމާ ދީނަށްޓަކައި ތިމާ ޣީރަތްތެރިވެ، ގިޔާމަތް ދުވަހު ﷲ ގެ ހަޒްރަތުގައި އެންމެ ނުބައި މީހުންނަށް ނުވުމަށްޓަކައި ފާހިޝް ކަންކަމުން ދުރުހެލިވެ، އެ ފަދަ ކަންކަން އާންމު ކުރުމުން ވެސް ދުރުހެލިވާން ޖެހެ އެވެ.