Roadha Mihaaru
އީޔޫގެ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

އީޔޫގެ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

12 ޖުލައި 2022

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް އެހީވާން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް އެހީވާން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދޭ ހިލޭ އެހީއަށް އެދުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

މިދިޔަ މެއި މަހުގެ ނިޔަލަށް ހަމަވާ ގޮތަށް ކުރިން ހުޅުވާލި، "އީޔޫ ސަޕޯޓް ފޯ ރެޒިލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން މިހާރު އެހީ އަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 އެވެ.

އެ ފަންޑު ބެހުމާ ހަވާލުވެފައިވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ބުނީ މުއްދަތު އިތުރު ކުރަން ނިންމީ ކޮވިޑްގެ ދުވަސްވަރު ލިބުނު ގެއްލުންތަކަށް ވީހާ ވެސް ގިނަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެމްއެފްއެމްސީ އިން އިއްޔެ ކުރި ޓްވީޓެއްގައި ވާގޮތުން، އީޔޫގެ އެހީގެ ދަށުން މިހާތަނަށް 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ، 286 ގެސްޓް ހައުސް އާއި 59 ސަފާރީ އަށް ދޫކޮށްފައިވެ އެވެ.

އީޔޫގެ އެހީ ލިބެނީ ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި ސަފާރީތަކުގެ ތެރެއިން 40 އެނދަށް ވުރެ މަދުން އޮޕަރޭޓް ކުރާ ތަންތަނަށެވެ. ޝަރުތު ހަމަވާ ކޮންމެ ވިޔަފާރިއަކަށް އެނދުގެ ނިސްބަތުން ކޮންމެ އެނދަކަށް 2،453.76ރ. ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މި އެހީއަށް އެދި ހުށަހަޅާއިރު، ގެސްޓް ހައުސް ނުވަތަ ސަފާރީ ހިންގުމުގެ ލައިސަންސާއި ފާއިތުވި އެއް މަސް ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަން ޖެހޭނެ އެވެ. އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ޕޯޓަލް https://eusupport.mfmc.mv/ މެދުވެރިކޮށެވެ.

އީޔޫ ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް 34.7 މިލިއަން ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ. އަދި އޭގެތެރެއިން 24 މިލިއަން ރުފިޔާ އަށް އެދުމުގެ ފުރުސަތު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ހުޅުވާލައިފަ އެވެ.

މިއީ ކޮވިޑް-19ގެ ސަބަބުުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުދި ވިޔަފާރިތަކަށް މާލީ ގޮތުް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ދޭ ހިލޭ އެހީއެކެވެ.