Roadha Mihaaru
އީދު ޚުތުބާގައި ގޮވާލީ އެއްބައިވަންތަކަން ދެމެހެއްޓުމަށް

އީދު ޚުތުބާގައި ގޮވާލީ އެއްބައިވަންތަކަން ދެމެހެއްޓުމަށް

09 ޖުލައި 2022

މާތްﷲ ހައްޖާއި އީދު ޝަރްއުކުރައްވާފައި ވަނީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކާ ކަމަށާއި އެހެންވެ އެއްބަޔަކު އަނެއް ބަޔަކާ އެކު އެކުވެރިކަންމަތީ ދިރިއުޅުމަށް އީދު ހުތުބާގައި ގޮވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާތްﷲ ހައްޖާއި އީދު ޝަރްއުކުރައްވާފައި ވަނީ މި އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކާ ކަމަށާއި އެހެންވެ އެއްބަޔަކު އަނެއް ބަޔަކާ އެކު އެކުވެރިކަންމަތީ ދިރިއުޅުމަށް އީދު ހުތުބާގައި ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބޮޑު އީދު ދުވަހުގެ ހުތުބާގައި ބުނީ އީދާއި ހައްޖުގައި ސުލްހަމަސަލަސްކަމާއި އަމާންކަން ވާކަމަށެވެ. ހައްޖުގެ ތެރެއިން ލާފައި ކޮންމެ ހައްޖުވެރިއަކަށް ވެސް އަނެކާއަށް ހުރުމަތްތެރިކޮށް ހިތައި އިހުތިރާމުކުރަން ދަސްވާ ކަމަށާއި އެކަކު އަނެކަކަށް އަދާވާތްތެރި ނުވުމަށާއި ދެކޮޅުވެރިނުވުމާއި މީހުންގެ މިނިވަންކަމަށް އަރައި ނުގަތުމަށް ތަރުބިއްޔަތު ލިބޭ ކަމަށެވެ.

އީދަކީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންގެ މައްޗަށް އޮތް އުފަލެއް ކަމަށާއި އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުން ކަމަށް ހިތުބާގައި ބުންޏެވެ.

އީދު ހުތުބާ ދެއްވަނީ: އެއްބައިވަންތަކަން ދެމެހެއްޓުމަށް ހުތުބާގައި ވަރަށް ބޮޑަށް ބާރު އެޅި.-- ފޮޓޯ: ފަޔާޒު މުސާ/ މިހާރު

އީދު ހުތުބާ ދެއްވަނީ: އެއްބައިވަންތަކަން ދެމެހެއްޓުމަށް ހުތުބާގައި ވަރަށް ބޮޑަށް ބާރު އެޅި.-- ފޮޓޯ: ފަޔާޒު މުސާ/ މިހާރު

ހުތުބާގައި ބުނީ އިސްލާމީ އީދުތައް ފާހަގަކުރަންވާނީ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީ ފަގީރު މީހާގެ މުހުތާދުތައް ފުއްދައިދީ ނިކަމެތި މީހާ ބާރުވެރިކޮށްގެން ކަމަށެވެ. އަދި ބީރައްޓެހިން ރައްޓެހިކުރުމަށް ވެސް ބާރު އެޅި އެވެ.

އިސްލާމް ދީނުގައި އީދަކީ ޝަހްވަތްތަކުގެ ފަހަތުން ދުއްވައިގަތުން ނޫން ކަމަށާއި ކާބޯތަކެތިން ބަނޑުފުރާލުމާއި މާތްﷲ ގެ ހައްދުތަކުން ފަހަނައަޅާ ދިއުން ނޫން ކަމަށް ވެސް ހުތުބާގައި ބުންޏެެވެ.

"އިސްލާމީ އީދުތައް އަންނަނީ މާތްﷲ އަށް އަދާކުރަންޖެހޭ މުހިއްމު އަޅުކަންތަކާ ގުޅިގެންނެވެ. އެހެންކަމުން، އިސްލާމީ އީދުތަކަކީ ﷲ އަށް ކިޔަވަމަންތެރިކަން އަދާކުރުމުގެ މަތީގައިވާ މުނާސަބާތަކެކެވެ،"

އީދު ނަމާދު ނިންމާލުމަށް ފަހު ބަޔަކު ގެއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އީދު ނަމާދު ނިންމާލުމަށް ފަހު ބަޔަކު ގެއަށް ދަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އީދު ހުތުބާގައި ވަނީ ބޮޑު އީދުގެ އުފާ ފާޅުކުރަމުން އަންނައިރު ދުނިޔޭގެ ބައެއް ގައުމުތަކުގައި އުޅެމުންދާ މުސްލިމުންގެ ބިކަ ހާލު ހަނދާންކޮށް، އެމީހުންގެ ހާލަތު ރަނގަޅުވުމަށް އެދި ދުއާކުރުމަށް ވެސް އެދިފަ އެވެ.

"އެމީހުންގެ ރަށްތަކަށް އަމާން ވެރިކުރައްވާތޯ ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާށެވެ. މިގޮތަށް އަހަރެމެންގެ އީދުގެ އުފަލުގައި އެމީހުން ބައިވެރިކުރެވިދާނެ އެވެ،"

އާއިލާތަކާއި އަވަށްޓެރިން އީދުގެ އުފަލުގައި ބައިވެރިކުރުވާ ގޮތަށް ގައުމުގައި ދިރިއުޅެމުންދާ މެހެމާނުން ވެސް އީދުގެ އުފަލުގައި ބައިވެރިކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެ އެވެ.

އީދުން އާ ސޮފުހާއެއް ހުޅުވުމާލުމަށް ނަސޭހަތްތެރިވެ ހުތުބާގައި ވަނީ އަހަރެމެންގެ މިއަދުގެ ހާލަތު މިއަށް ވުރެ ރަނގަޅުކުރަން މަސައްކަތްކުރުމަށާއި މުޅި ހަޔާތުގެ ސަމުގާއަކީ އިސްލާމް ދީނާއި އެ ދީނުގެ ރިވެތި އަހްލާގު ކަމުގައި ހަދައިގެން ކުރިއަށް ދިއުމަށް ވެސް ގޮވާލައިފަ އެވެ. އަދި އެއްބައިވަންތަކަމާއި އެކުވެެރިކަމާ އެކު ކުރިއަށް ދިއުމަށް ގޮވާލި އެވެ.