Roadha Mihaaru
އަޒުމަކަށް ހަދަންވީ ހިތްހެޔޮކަން އިސްކުރުން: ރައީސް

އަޒުމަކަށް ހަދަންވީ ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް: ރައީސް

08 ޖުލައި 2022

އީދުގެ އުފާ ފާޅުކުރާއިރު އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އީދުގެ އުފާ ފާޅުކުރާއިރު އެންމެ ވަރުގަދަ އަޒުމަކަށް ހަދަންވީ އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ ފާހަގަކުރާ މި އަހަރުގެ ބޮޑު އީދުގެ މުނާސަބާގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ހައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން ބޮޑު އީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ހައްޖުގެ އަޅުކަމާ ގުޅިފައިވާ އިބްރަތްތެރި ފިލާވަޅުތަކުން، އިލްހާމް ލިބިގަންނަން ޖެހޭ ކަމަށެވެ.

ނަފްސު ތާހިރު ކުރުމާއި މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި ދަތިތަކާއި މުސީބާތްތަކަށް ކެތްތެރިވުމަކީ ހައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށް ވިދާޅުވި އެވެ. ކުރިމަތިވެފައިވާ ގައުމީ އަދި އިޖްތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އާލާކުރަން ޖެހިފައިވާ ކަންކަންކަމުގައި ވެސް އެގޮތުގައި ދެމިތިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމުގައި، އާއިލާ އަށް އިސްކަން ދިނުމާ އެކު، ގާތްތިމާގެ މީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އީދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ. އަދި ރައްޓެހިންނާއި ރަހްމަތްތެރިންނާއި އެކުވެރިންނާ އެކުގައި ވެސް، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ވަގުތުކޮޅެއް ހާއްސަކޮށްލުމަކީ މުހިންމު ކަމެކެވެ،" ހައްޖުގެ އަޅުކަމަށް މައްކާގައި ހުންނެވި ރައީސް ވިދާޅުވި އެވެ.

މި އީދުގައި އެކަކު އަނެކަކަށް އެހީތެރިވެ، އީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުއާކުރުމަކީ، ހިތްތަކުގައިވާ ހަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާ އެކު ގައުމާއިގެން ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަން ޔަގީންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ކަމެއްގައި ވެސް ތިމާގެ އަމިއްލަ މަސްލަހަތަށް ވުރެ، ގައުމުގެ މަސްލަހަތަށް އިސްކަން ދިނުމަށް ރައްޔިތުންނަށް ރައީސް އިލްތިމާސްކުރެއްވި އެވެ.