Roadha Mihaaru
20 އަހަރު ކުރިން ހިއްކި ބިން ބޭނުންނުކޮށް އެބަހުރި

ވިހި އަހަރު ކުރިން ހިއްކި ބިންތައް ބޭނުންނުކޮށް އެބަހުރި: އީޕީއޭ

29 ޖޫން 2022

ރާއްޖޭގައި މީގެ 20 އަހަރު ކުރިން ހިއްކި ބައެއް ބިންތައް އަދިވެސް ބޭނުންނުކޮށް އެބަހުރި ކަމަށާއި ބޭކާރު ގޮތުގައި ބިން ހިއްކުން ހުއްޓާލަން ޖެހޭ ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި މީގެ 20 އަހަރު ކުރިން ހިއްކި ބައެއް ބިންތައް އަދިވެސް ބޭނުންނުކޮށް އެބަހުރި ކަމަށާއި ބޭކާރު ގޮތުގައި ބިން ހިއްކުން ހުއްޓާލަން ޖެހޭ ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ މެދު މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެށީގެ ކަންކަމާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް ވިދާޅުވީ، ބިން ހިއްކުމާއި ފަޅު ފުންކުރުމަކީ ތިމާވެއްޓަށް އެންމެ ބޮޑަށް ގެއްލުން ލިބޭ ކަންކަމަށްވާއިރު، ބޭކާރު ގޮތުގައި އެ ކަހަލަ މަޝްރޫއުތައް ހިންގުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ނައީމް ވިދާޅުވި ގޮތުގައި، އެކި ބޭނުންތަކަށް މިދިޔަ 20 އަހަރުގެ ތެރޭގައި ރާއްޖޭގައި 50 އަށް ވުރެ ގިނަ ބިން ހިއްކާފައިވެ އެވެ.

"ހިއްކާ ބިންތަކަކީ ކުރިން ވެސް، ހަމަ ވަރަށް ބޮޑަށް ބޭނުންނުކުރެވި ހުންނަ ތަންތަންކަން ކަމަށް ފާހަގަކުރެވިފައި ވަނީ. މީގެ 20 އަހަރު ކުރިން ހިއްކި ބައެއް ބިންތައް އެބަ ފެނޭ ވިނަފަޅާލާފައި އޮންނަތަން ވެސް، އެއްވެސް ކަމަކަށް ދޫނުކުރެވި،" އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން ތަންތަން ހިއްކާއިރު އެއިރެއްގައި ބޭނުން އޮތް މިންވަރަކަށް، ކޮންމެހެން ހިއްކަން ޖެހޭ ތަނެއް ނޫނީ ނުހިއްކުމަކީ ވަރަށް މުހިންމުކަމެއް."

ތިމާވެށި ހިޔާމަތްކުރަން މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވެސް ބައިވެރިވި އެ ކޮމެޓީގައި ނައީމް ވިދާޅުވީ، ކޮންމެ ބިމެއް ހިއްކާއިރު ވެސް އެ ބިން ނުހިއްކާ ތަރައްގީގެ މަޝްރޫއުތައް ހިންގެން ނެތް ކަމަށް އެ އިދާރާ އަށް އެންގިޔަސް، ބިން ހިއްކާ ނިމޭ ފަހުން އެ މަސައްކަތެއް ނުފެށި އެތައް އަހަރެއް ދިގުލައިގެންދާ ކަމަށެވެ. އެހެންވެ، ބޭކާރު ގޮތުގައި ބިން ހިއްކުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިއްކި ގިނަ ތަންތަނުގެ ބޭނުން އެކަށީގެންވާވަރާ ގާތަށް ވެސް ނުކޮށް ހުރީ. އެހެން ހުއްޓާ އެތަނާ ކައިރިން އަނެއްކާ އިތުރު ބިމެއް އެބަ ހިއްކަން އެދޭ،" ނައީމް ވިދާޅުވި އެވެ.