Roadha Mihaaru

މަހުލޫފުގެ ރުޅި ޕީޕީއެމާއި ސަލަފަށް: "ޔޯގާ ހަރާމްވީ މިއަދުތަ؟"

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެ ތަނަށް ވަދެ، އެ ހަރަކާތް ހުއްޓުވީ ސިޔާސީ ބޭނުމެއްގައި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފުގެ ރުޅި ޕީޕީއެމާއި ސަލަފަށް!
އާލިމް އަބްދުއްލަތީފް
އާލިމް އަބްދުއްލަތީފް

21 ޖޫން 2022

މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ޔޯގާ ހެދުން ކުރިއަށް ގެންދަނިކޮށް ބަޔަކު އެ ތަނަށް ވަދެ، އެ ހަރަކާތް ހުއްޓުވީ ސިޔާސީ ބޭނުމެއްގައި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މަހްލޫފް މިއަދު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޔޯގާ ޑޭ ފާހަގަ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭރު މިކަން "ހަރާމް ކަމަކަށް" ނުވާ ކަމަށާއި، ޔޯގާ "ހަރާމްވީ މި އަހަރު" ކަމަށް ވިދާޅުވި އެވެ.

މިއަދު ހެނދުނު ހިނގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށާއި ގަލޮޅު ދަނޑަށް ވަދެ އެތަނުގައި ޔޯގާ ހަދަން ތިބި މީހުންނަށާއި އެތަނުގައި ހުރި އަގުބޮޑެތި މުދަލަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި ޔޯގާ ހެދުމަކީ ދީނީ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ހިންގީ ދީނީ ކަމެއް ނޫން. އަޅުގަނޑުމެން ވެސް މި އައީ ފަތިސް ނަމާދުކޮށްގެން އިނގޭތޯ، ކަސްރަތެއް ކުރަން ވެގެން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ޔޯގާއަކީ ދީނާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ކަސްރަތެއް ކަމަށެވެ. އަދި މިއީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެ އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭނުން ނާޖާއިޒު ފައިދާ ނަގަން ކުރި ކަމެއް ކަމަށެވެ.

ތުހުމަތު ކުރެވެނީ ކޮން ބަޔަކަށްތޯ ސުވާލުކުރުމުން، މަހްލޫފް ވިދާޅުވީ މި ކަމުގައި ޕީޕީއެމްގެ އިސްސަފުގައި މަސައްކަތްކުރާ މީހުން ވެސް ހިމެނޭ ކަމަށެވެ. އަދި ޖަމިއްޔަތުލް ސަލަފް ވެސް މި ކަމުގައި ހިމެނޭ ކަމަށާއި އެ ޖަމިއްޔާ އަށް ވެސް މި ކަންކަން ފެންނަނީ ވަކި ސަރުކާރެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ

ޔޯގާ އިވެންޓާ ދެކޮޅު ހެދުމަށް އެއްވެ ތިބި މީހުން ގަލޮޅު ދަނޑުކުރިމަތީގައި -- ފޮޓޯ

"ސަލަފް ވެސް އެބައުޅޭ މިކަމުގައި. ސަލަފަށް ހަމައެކަނި މި ފެންނަނީ ވަކި ސަރުކާރެއް ނުވަތަ ވަކި ބޭފުޅަކު ރައީސަކަށް ހުންނަ ގަޑީގައި ދެއްތޯ މިކަން. ސަލަފުގެ ލޯ އަނދިރިވެ ކަންފަތް ބީރުވެފައި ނޫންތޯ މި ހުރީ. ކުއްލިއަކަށް މި އަހަރު ޔޯގާ ހެދީމަ ދީނީ ކަމަކަށް ވީ،" މަހްލޫފް ވިދާޅުވި އެވެ.

"ސަލަފް ވެސް އެބައުޅޭ މިކަމުގައި. ސަލަފަށް ހަމައެކަނި މި ފެންނަނީ ވަކި ސަރުކާރެއް ނުވަތަ ވަކި ބޭފުޅަކު ރައީސަކަށް ހުންނަ ގަޑީގައި ދެއްތޯ މިކަން. ސަލަފުގެ ލޯ އަނދިރިވެ ކަންފަތް ބީރުވެފައި ނޫންތޯ މި ހުރީ. ކުއްލިއަކަށް މި އަހަރު ޔޯގާ ހެދީމަ ދީނީ ކަމަކަށް ވީ،" -- މަހްލޫފް

މަހްލޫފް ވިދާޅުވީ، ދީނުގައި ހަރާމް ކަންކަމާއި ހުއްދަ ކަންކަން އޮޅޭ ހިސާބަށް ހިނގައްޖެ ކަމަށާއި ޔޯގާ ހަރާމްވީ ކުއްލިއަކަށް ކަމަށެވެ. އަދި ސައުދީގައި ވެސް ޔޯގާ މަޖުބޫރު މާއްދާއަކަށް ހަދަން އުޅޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ސައުދީ އަށް ވުރެ ވެސް މަތީގައި މި މީހުން އުޅެނީ. ކިޔަވަނީ ސައުދީން. އެ މީހުންނަށް ކިޔަވައިދިން މީހުން ދީނާ ގުޅޭ ކަމެއް ނޫންކަން ގަބޫލުކުރާ އިރު ވެސް މި މީހުން ގަބޫލުކުރަނީ މިއީ ދީނާ ގުޅޭ ކަމެއް ކަމަށް،" މަހްލޫފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ހެނދުނު 6:30 ގައި ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް، ބަޔަކު އަރައިގަނެ، އަޑުގަދަ ކުރަން ފެށުމުން، ޔޯގާ ހަދަން ތިބި މީހުން ބިރުން އެ ތަން ދޫކޮށް ވަނީ ގޮސްފަ އެވެ.

މި މައްސަަލައާ ގުޅިގެން މިހާރު ހަ މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ގަލޮޅު ދަނޑުގައި މިއަދު އެ އިވެންޓް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ބަޔަކު "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް އެތަނުން އެ މީހުން ބޭރަށް ނުކުތުމަށް ގޮވައި ހަޅޭއްލަވަމުން ދިޔަ އެވެ. އެ އިވެންޓް ހިނގަމުން ދިޔައިރު ދަނޑު ތެރޭގައި ފުލުހުންނެއް ނެތެވެ. އެހެންވެ، އޭރު ޔޯގާ ހަދަން ތިބި މީހުން އެތަނުން ނުކުތެވެ. އެ އިވެންޓަށް ހުރަސް އަޅައި ހަމަނުޖެހުން ފެށުމާ އެކު، އެތަނަށް ފުލުހުން ވަދެ ކަރުނަ ގޭސް ވެސް ޖެހި އެވެ.