Roadha Mihaaru
ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން ނިންމައިފި

ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން ސިޓީ ކައުންސިލުން ނިންމައިފި

20 ޖޫން 2022

ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ރަސްފަންނު ދޫނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް މަރިޔަމް ޝިއުނާ މިއަދު ވިދާޅުވީ، އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު 6:30 ގައި ބާއްވާ ޔޯގާ ހަރަކާތަށް ރަސްފަންނު ދޫކޮށްދިނުމަށް ޔޫތު މިނިސްޓްރީން އެދިފައިވާ ކަމަށެވެ.

ނަމަވެސް އެ ތަން ދޫނުކުރަން ނިންމީ އެގޮތަށް ކައުންސިލްގައި އާއްމުންގެ ގިނަ ބަޔަކު އެދެމުންދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ރަސްފަންނު ދޫނުކުރަން ނިންމިއިރު، ޔޯގާ ހެދުމަކީ ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމެކެވެ. ކަންބޮޑުވުން ފާޅުކުރާ ބޭފުޅުން ވިދާޅުވާ ގޮތުގައި ޔޯގާ ހެދުމަކީ އިރަށް އަޅުކަން ކުރުމުގައި ހިމެނޭ ކަމެކެވެ.

ޔޯގާ ހަރަކާތަށް ރަޖިސްޓަރީ ވާން ޔޫތު މިނިސްޓްރީން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ހުޅުވާލުމުން ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

ޔޯގާ އަކީ އިންޑިއާގެ ސާގާފީ އަދާކާދަތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. އދ. އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފަ އެވެ. ޔޯގާ ދުވަސް ފާހަގަކުރަން އޭރު އދ. އަށް ހުށަހެޅި ގަރާރު ކޯ-ސްޕޮންސާ ކުރަން ވޯޓު ދިން 177 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ.

އޭގެ ފަހުން ރާއްޖޭގައި ވެސް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ޔޯގާ ހަރަކާތެއް ބޭއްވި އެވެ.