Roadha Mihaaru

ބެޔާނަށް މާނޭ ވިއްކާލަން ލިވަޕޫލުން އެއްބަސްވެއްޖެ

ލިވަޕޫލް (ޖޫން 17) - ޖަރުމަނުގެ ޗެމްޕިއަން ބެޔާން މިއުނިކުން ލިވަޕޫލަށް ކުޅޭ ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ ގަންނަން 43 މިލިއަން ޑޮލަރުގެ އަގަކަށް ލިވަޕޫލާ އެކު އެއްބަސް ވެއްޖެ އެވެ.

ބެޔާނަށް މާނޭ ވިއްކާލަން ލިވަޕޫލުން އެއްބަސް ވެއްޖެ
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

17 ޖޫން 2022

ލިވަޕޫލް (ޖޫން 17) - ޖަރުމަނުގެ ޗެމްޕިއަން ބެޔާން މިއުނިކުން ލިވަޕޫލަށް ކުޅޭ ސެނެގާލުގެ ފޯވާޑް ސަޑިއޯ މާނޭ ގަންނަން 43 މިލިއަން ޑޮލަރުގެ އަގަކަށް ލިވަޕޫލާ އެކު އެއްބަސް ވެއްޖެ އެވެ.

ލިވަޕޫލުން މާނޭ ވިއްކާނީ 33 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އަދި ތިން އަހަރުދުވަހުގެ މުއްދަތަށް މާނޭގެ މެޗުތަކާއި، ފަރުދީ އަދި ޓީމުގެ ކާމިޔާބީތަކަށް ބަލައި އިތުރު 10 މިލިއަން ޑޮލަރު ހުށަހެޅިފައި ވާކަމަށް ރިޕޯޓް ކުރެ އެވެ.

ލިވަޕޫލުން ވަނީ މީގެ ކުރިން ބެޔާނުން މާނޭ ހޯދަން ހުށަހެޅި ދެ ބިޑަށް ދެކޮޅު ހަދައިފަ އެވެ. ބެޔާނުން ފުރަތަމަ 30 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހެޅިއިރު، ދެން ހުށަހެޅީ 30 މިލިއަން ޕައުންޑުގެ ބިޑެކެވެ. ނަމަވެސް އަންނަ އަހަރުގެ ޖޫން މަހު ކޮންޓްރެކްޓް ހަމަވާ 30 އަހަރުގެ ފޯވާޑަށް ލިވަޕޫލުން 52,1 މިލއަން ޑޮލަރު ބޭނުންވި ކަމަށް ވެއެވެ.

ބެޔާން އިން މާނޭ ގެންދަން ބޭނުންވީ އެޓީމާ އެކު 10 އަހަރު ގިނަ ކާމިޔާބީތަކެއް ހޯދި ފޯވާޑް ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ ޓީމު ދޫކޮށްލަން ބޭނުން ވުމުންނެވެ. މާނޭ ވެސް ލިވަޕޫލާ އެކު ކޮންޓްރެކްޓުގައި އިތުރު އެއް އަހަރު އޮއްވައި ކްލަބް ދޫކޮށްލަން ބޭނުންވާކަން ކްލަބަށް ވަނީ އަންގައިފަ އެވެ. ލިވަޕޫލުން ވަނީ މިހަފްތާ 78.5 މިލިއަން ޑޮލަރު ދީފައި ބެންފީކާ އަށް ކުޅޭ އުރުގުއޭގެ 22 އަހަރުގެ ފޯވާޑް ޑާވިން ނޫނޭޒް ގެނެސްފަ އެވެ.

2019 ވަނަ އަހަރުގެ ޔޫއެފާ ސުޕަ ކަޕުގައި ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާނޭ (ކ)، ސަލާހު (ވ) އަދި ފިރްމީނޯ (މ) އާއެކު.-- ފޮޓޯ: އޭޕީ

2019 ވަނަ އަހަރުގެ ޔޫއެފާ ސުޕަ ކަޕުގައި ޗެލްސީ ކޮޅަށް ލަނޑު ޖެހުމަށް ފަހު މާނޭ (ކ)، ސަލާހު (ވ) އަދި ފިރްމީނޯ (މ) އާއެކު.-- ފޮޓޯ: އޭޕީ

މާނޭ އާއި މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ އަކީ ވެސް ލިވަޕޫލުން ފަހުގެ ތާރީހުގައި ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާ ކުރި ކުޅުންތެރިންނެވެ. ތިން ފޯވާޑުން ވަނީ އެކުގައި 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ޖެހިގެން އައި އަހަރު ވަނީ ލިވަޕޫލުން ލީގު ހޯދަން ކުރި 30 އަހަރުދުވަހުގެ ދިގު އިންތިޒާރަށް ނިމުން ގެނެސްދީފަ އެވެ.

މާނޭ ލިވަޕޫލަށް ބަދަލުވީ 2016 ވަނަ އަހަރު ސައުތެމްޓަން އިން 33.5 މިލިއަން ޕައުންޑަށެވެ. އެއަށް ފަހު މާނޭ ވަނީ ލިވަޕޫލަށް 269 މެޗު ކުޅެދީ 120 ލަނޑު ޖަހައިދީފަ އެވެ. އޭނާ ވަނީ މި ސީޒަނުގައި ލިވަޕޫލަށް 23 ލަނޑު ޖަހައިދީފަ އެވެ.

މި އަހަރަކީ މާނޭ އަށް ކްލަބާއި ގައުމީ ޓީމުގައި ވެސް ކާމިޔާބު އަހަރެކެވެ. އޭނާ ވަނީ ސެނެގާލް އާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބު ކޮށް، ލިވަޕޫލާ އެކު އެފްއޭ ކަޕާއި ލީގް ކަޕް ކާމިޔާބު ކޮށްފަ އެވެ. އަދި ޕްރިމިއާ ލީގު ދެވަނައިގައި ނިންމި އިރު ޗެމްޕިއަންސް ލީގު ފައިނަލް ވެސް ކުޅުނެވެ.