Roadha Mihaaru
އާރްޓީއެލް ފެރީ: ދަތުރުތައް އެތައް ގުނައެއް ހެޔޮވެއްޖެ

އާރްޓީއެލް ފެރީ: ދަތުރުތައް އެތައް ގުނައެއް ހެޔޮވެއްޖެ

17 ޖޫން 2022

މީގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް ޖެހެނީ ކޮންމެ ހަފްތާއަކު ބުރާސްފައްޗަށް މަޑުކުރާށެވެ. އެއީ ހަފުތާގެ ފެރީ އޮންނަ ދުވަހެވެ. މީހުން ހަމަނުވެ އެ ދުވަހު ފެރީ ކެންސަލް ވެއްޖެ ނަމަ ޖެހެނީ 4،000ރ ހޭދަކޮށް، ލޯންޗެއް ކުއްޔަށް ނަގައިގެން ދަތުރު ކުރާށެވެ. ފެރީ ދަތުރުތަކާ ގުޅޭ ގޮތުން މިއީ ހދ. އަތޮޅުގެ އެންމެ ވަކިން އޮންނަ ރަށް، މަކުނުދޫ މީހަކު ދިން ޖަވާބެކެވެ. އެމްޓީސީސީން ފެށި ސްޕީޑް ފެރީ ހިދުމަތުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބުނީ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މީގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް ޖެހެނީ ކޮންމެ ހަފްތާއަކު ބުރާސްފައްޗަށް މަޑުކުރާށެވެ. އެއީ ހަފުތާގެ ފެރީ އޮންނަ ދުވަހެވެ. މީހުން ހަމަނުވެ އެ ދުވަހު ފެރީ ކެންސަލް ވެއްޖެ ނަމަ ޖެހެނީ 4،000ރ ހޭދަކޮށް، ލޯންޗެއް ކުއްޔަށް ނަގައިގެން ދަތުރު ކުރާށެވެ. ފެރީ ދަތުރުތަކާ ގުޅޭ ގޮތުން މިއީ ހދ. އަތޮޅުގެ އެންމެ ވަކިން އޮންނަ ރަށް، މަކުނުދޫ މީހަކު ދިން ޖަވާބެކެވެ. އެމްޓީސީސީން ފެށި ސްޕީޑް ފެރީ ހިދުމަތުގެ ސަބަބުން އެ އަތޮޅުގެ ރައްޔިތުންގެ ޖީބަށް ވަރަށް ބޮޑު ލުޔެއް ލިބުނީ އެވެ.

މުޅި ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ގޮތުގައި "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) ގެ ނަމުގައި ފެށި އެ ޕްރޮޖެކްޓަށް 800 މިލިއަން ރުފިޔާ ހޭދަކުރެ އެވެ. ޕްރޮޖެކްޓްގެ ދަށުން ހދ. އަތޮޅުގައި ދަތުރުތައް ފެށި އިރު ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެ ހިދުމަތް ދޭން ފެށުމަށެވެ.

އެ އަތޮޅުގެ ކުޅުދުއްފުއްޓާ ކައިރީ އޮންނަ ރަށްރަށުން ދޯނި ފެރީގެ ހިދުމަތް އޮވެ އެވެ. އެ ފެރީ އޮންނަނީ ހަފުތާގެ ވަކި ދުވަސްތަކެއްގަ އެވެ. އެ ގޮތަށް ދޯނީގައި ދަތުރު ކުރަން ބައެއް ރަށްރަށުން ގަޑި، ދެ ގަޑިއިރު ވެސް ފެރީ ދަތުރު ކުރަން ޖެހެ އެވެ. ނަމަވެސް އާރުޓީއެލް ލޯންޗާ އެކު ކޮންމެ ދުވަހަކު ދަތުރު ކުރަން ފެށުމުން ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވީ އެވެ.

އާރްޓީއެލް ފެރީއަށް ބަޔަކު އަރަން ދަނީ. މި ފެރީން އަތޮޅުުގެ ހުރިހާ ރަށަކަށް ދެވޭނެ--ފޮޓޯ:އެމްޓީސީސީ

އާރްޓީއެލް ފެރީއަށް ބަޔަކު އަރަން ދަނީ. މި ފެރީން އަތޮޅުުގެ ހުރިހާ ރަށަކަށް ދެވޭނެ--ފޮޓޯ:އެމްޓީސީސީ

މި އާޓިކަލް ލިޔުމަށް ހދ. އަތޮޅުގެ ހަ ރަށެއްގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލައިލީމެވެ. އެ ރަށްރަށުގެ ފެރީ ދަތުރުތައް އެވްރެޖްކޮށް ދެ ގުނަ ވަނީ ހެޔޮ ވެފަ އެވެ. އަދި ދަތުރަށް ހޭދަކުރަން ޖެހޭ ވަގުތު އަވަސްވެ، ދަތުރުފަތުރުކުރުން ވަރަށް ބޮޑަށް ވަނީ ފަސޭހަ އެވެ.

އެ އަތޮޅުގެ ނާވައިދު އަށް އާރްޓީއެލް ފެރީގައި ދެކޮޅަށް 130ރ. ގައި ދަތުރު ކުރެވެ އެވެ. ކުރިން ލޯންޗު ފެރީއެއް އެ ރަށުގައި ނޯވެ އެވެ. އަދި ދޯނި ފެރީގައި ދިއުމަށް ގަޑިއެއްހާ އިރުގެ ދަަތުރެއް ކުރަން ޖެހެ އެވެ. ކުއްލި ހާލަތެއް ދިމާވެގެން ކުޅުދުއްފުއްޓަށް ދާން ޖެހިއްޖެ ނަމަ ލޯންޗެއް ކުއްޔަށް ނަގަން 1،000ރ. ހޭދަކުރަން ޖެހެ އެވެ.

އާރުޓީއެލްއާ އެކު ހދ. އަތޮޅުގެ ފެރީ ނިޒާމުގެ އަގުތަކަށް އައި ބަދަލު ފެންނަ ގޮތް.

އާރުޓީއެލްއާ އެކު ހދ. އަތޮޅުގެ ފެރީ ނިޒާމުގެ އަގުތަކަށް އައި ބަދަލު ފެންނަ ގޮތް.

އެއަތޮޅުގެ ހަނިމާދޫން ކުޅުދުއްފުއްޓަށް ކުރިން ލޯންޗު ފެރީގައި ދާން 200ރ. ހޭދަކުރަން ޖެހެ އެވެ. އަދި އާރުޓީއެލް ފެރީގައި ދިއުމަށް މިހާރު ދެކޮޅަށް ހޭދަކުރަން ޖެހެނީ 130ރ. އެވެ. އެހެންވެ ކުރިއަށް ވުރެ 80ރ. އަގު ހެޔޮވީ އެވެ. ފެރީ ނޯންނަ ދުވަސްތަކުގައި ލޯންޗެއް ކުއްޔަށް ނަގަން ޖެހިއްޖެ ނަމަ 1،800ރ. ވަރު ހޭދަކުރަން ޖެހެ އެވެ.

އެ އަތޮޅު ނޭކުރެންދޫން ލޯންޗު ފެރީގައި ދަތުރު ކުރަނީ މީހަކު 150ރ. ހޭދަކޮށްގެންނެވެ. އެކަމަކު މިހާރު ކުޅުދުއްފުއްޓަށް 90ރ. އަށް ދެވެ އެވެ. އެހެންވެ ގާތްގަނޑަކަށް 60ރ. އަގު ހެޔޮވީ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވީ، އަމިއްލަ ފަރާތްތަކުން ހިންގާ ބައެއް ފެރީ ކެންސަލްވުން ފަދަ ކަންކަން ވެސް ދިމާވާ ކަމަށެވެ. ނަމަވެސް އެމްޓީސީސީ ސްޕީޑް ފެރީއާއެކު އާންމުންނަށް ފެރީ ކެންސަލްވުމުގެ ބިރެއް ނެތް ކަމަށެވެ.

"ކުޅުދުއްފުއްޓަށް ކޮންމެ ދުވަހަކު ދެވުމަކީ ވަރަށް ބޮޑު ފަސޭހައެއް. މިހާރު ކޮންމެ ދުވަހަކަށް ކުޅުދުއްފުށި ހޮސްޕިޓަލުން އެޕޮއިންޓްމެންޓް ލިބުނަސް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަކީ އެ އަތޮޅުގެ ހުރިހާ ރަށަކުން ވެސް އެންމެ ގިނަ ބަޔަކު ދަތުރު ކުރާ ރަށެވެ. ސިއްހީ ފަރުވާ ހޯދުމަށާއި ވިޔަފާރީގެ ބޭނުންތަކަށް އެ ރަށަށް ދާ އިރު ކުޅުދުއްފުއްޓަށް އެންމެ ދިގު ދަތުރެއް ކުރަން ޖެހެނީ އެ އަތޮޅު މަކުނުދޫ މީހުންނެވެ. އެ ރަށުން ކުޅުދުއްފުއްޓަށް ލޯންޗުގައި ދާ ނަމަ ގަޑިއެއްހާ އިރު ހޭދަވާނެ އެވެ.

ހދ. މަކުނުދޫ ކައުންސިލް ރައީސް އާދަމް އައުޒަމް ވިދާޅުވީ، އެމްޓީސީސީގެ ފެރީގެ ހިދުމަތަށް ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

ބަޔަކު ފެރީއަށް އަރަނީ. މި ޕްރޮޖެކްޓަށް ސަރުކާރުން 800 މިލިއަން ރުފިޔާ ހޭދަކުރޭ--ފޮޓޯ:އެމްޓީސީސީ

ބަޔަކު ފެރީއަށް އަރަނީ. މި ޕްރޮޖެކްޓަށް ސަރުކާރުން 800 މިލިއަން ރުފިޔާ ހޭދަކުރޭ--ފޮޓޯ:އެމްޓީސީސީ

"އެންމެ ފުރަތަމަ ހިލޭ ދަތުރުތައް ކުރި އިރު ވެސް ކޮންމެ ދުވަހުގެ ދަތުރު ފުލް ވެފައި އޮންނަނީ. މިހާ ބޮޑަށް ޑިމާންޑް އިތުރުވެފައި ވަނީ ދަތުރުގެ އަގު ހެޔޮވީމާ،" އޭނާ ވިދާޅުވި އެވެ.

އައުޒަމް ވިދާޅުވީ، މީގެ ކުރިން ހަފުތާއަކު އެއް ދުވަހު އެ ރަށުން ކުޅުދުއްފުއްޓަށް ދަތުރުކުރަން އޮންނަ ފެރީ އަށް އެތައް ބަޔަކު މަޑުކުރަން ޖެހޭ ކަމަށެވެ. އެ ރަށުން ކުރިން ކުޅުދުއްފުއްޓަށް ދާން ކޮޅަކަށް 250ރ. ހޭދަކުރި އިރު މިހާރު އެ އަދަދު ވަނީ 100ރ. އަށް ކުޑަވެފަ އެވެ.

ފެރީ ނެތް ދުވަހެއްގައި މަކުނުދޫން ކުޅުދުއްފުއްޓަށް ދިއުމަށް 4،000ރ. ހޭދަކުރަން ޖެހެ އެވެ. އެއީ ތިން ހަތަރު މީހުންނަށް ބަހާލިޔަސް ބޮޑު ހަރަދެކެވެ. ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކަށް އާންމުން އެ ވަރު ވެސް ހޭދަކުރެ އެވެ. މިސާލަކަށް އެއާޕޯޓަށް ދިއުމަށާއި ސިއްހީ ސީރިއަސް ކަމެއް ދިމާވާ ހާލަތުގައި މި ބޮޑު ހޭދަ ކުރަން މަޖުބޫރުވެ އެވެ. އެމްޓީސީސީ ފެރީއާ އެކު އެ ހަރަދު ދެން ކުރަން ނުޖެހޭނެ ކަމަށް އައުޒަމް ވިދާޅުވި އެވެ.

"ބައެއް ފަހަރު މީހުން ހަމަނުވެޔޭ ކިޔާފައި ވެސް ފެރީ ކެންސަލް ކުރޭ. ހީވަނީ އެ ކަހަލަ މައްސަލަތަކަށް ހައްލެއް ލިބޭނެހެން،" އޭނާ ވިދާޅުވި އެވެ.