Roadha Mihaaru

"ޑްރީމް ގާލް 2" ގައި އަޔޫޝްމަން އާއި ސާރާ

ބޮލީވުޑްގެ ތަރި އަޔުޝްމަން ކުރާނާ ލީޑް ރޯލު ކުޅުނު ފިލްމު "ޑްރީމް ގާލް"ގެ ދެވަނަ ބައެއް އުފައްދަން ނިންމައި، އެ ފިލްމުގައި އޭނާއާ އެކު ސާރާ އަލީ ޚާން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ޑްރީމް ގާލް 2" ގައި އަޔޫޝްމަން އާއި ސާރާ

ބޮލީވުޑްގެ ތަރި އަޔުޝްމަން ކުރާނާ ލީޑް ރޯލު ކުޅުނު ފިލްމު "ޑްރީމް ގާލް"ގެ ދެވަނަ ބައެއް އުފައްދަން ނިންމައި، އެ ފިލްމުގައި އޭނާއާ އެކު ސާރާ އަލީ ޚާން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑްރީމް ގާލްގެ ފުރަތަމަ ބައިން 2019 އަހަރު ފެނުނީ އަޔުޝްމަން އާއި ނުޝްރަތު ބަރުޗާ އެވެ. ބޮޑު ހިޓަކަށްވި އެ ފިލްމުގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި ރިޕޯޓްތައް ބުނާ ގޮތުގައި އަޔުޝްމަންއާ އެކު އަންހެން ލީޑު ތަރިއެއްގެ ގޮތުގައި ސާރާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ނަގާފައިވާ ލިސްޓުގެ ކުރީގައި ވަނީ ސާރާގެ ނަން ކަމަށްވެ އެވެ. އެ ލިސްޓުގައި ބިގްބޮސް 15 ކާމިޔާބު ކުރި ޓީވީ ތަރި ތެޖަސްވީ ޕްރަކާޝް ވެސް ހިމެނެ އެވެ. އެކަމަކު، ސައިފް އަލީ ޚާންގެ އަންހެން ދަރިފުޅު، ސާރާ އެ ރޯލަށް މާ ބޮޑަށް ފިޓްވާ ކަމަށް ޕްރޮޑިއުސަރުންނަށް ގަބޫލުކުރެވޭ ކަަމަށްވެ އެވެ.

އެކަމާ ގުޅޭ މަޝްވަރާތައް ވެސް ސާރާއާ އެކު މިހާރު އަންނަނީ ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ފިލްމަކީ އަންނަ އަހަރު ރިލީޒްކުރުމަށް މަސައްކަތްކުރާ ފިލްމެކެވެ.

އަޔޫޝްމަންއާ އެކު އެ ފިލްމުގައި މަސައްކަތްކުރުމަށް ސާރާ އެއްބަސްވެއްޖެ ނަމަ، އެއީ އެ ދެ ތަރިން އެކުގައި ފެންނާނެ ފުރަތަމަ ފިލްމެެވެ.

ޒުވާން ތަރި، ސާރާ އެންމެ ފަހުން ފެނުނީ އަނަންދު އެލް ރާއީ ޑައިރެކްޓްކޮށް ނެރުނު "އަތްރަންގީ ރޭ" އިންނެވެ. އެއީ އަކްޝޭ ކުމާރާއި ދަނުޝްއާ އެކު އޭނާގެ ފުރަތަމަ މަސައްކަތެވެ. އަދި މިފަހުން ސާރާ ވަނީ ވިކީ ކޯޝަލްއާ އެކު އޭނާ ފެންނާނެ ރޮމޭންޓިކް ކޮމެޑީ ފިލްމެއްގެ ޝޫޓިންތައް ވެސް ނިންމާލައިފަ އެވެ. އެ ފިލްމުގެ އިތުރުން ވިކްރަންތު މާސޭއާ އެކު ވެސް އޭނާގެ ފިލްމެއް އެބަ އޮތެވެ.