Roadha Mihaaru
ވިޕް ނެރެނީ ސަރުކާރުން، އެމްޑީޕީއަކުން ނޫން: ބޮންޑޭ

ތްރީ ލައިން ވިޕް ނެރެނީ ސަރުކާރުން، އެމްޑީޕީއަކުން ނޫން: ބޮންޑޭ

06 ޖޫން 2022

ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދޭން ޖެހޭނެ ގޮތް ނިންމައި ތްރީ ލައިން ވިޕް ނެރެނީ ސަރުކާރުން ކަމަށާއި އެމްޑީޕީ މެމްބަރުންގެ ބާރެއް ނޯންނަ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދޭން ޖެހޭނެ ގޮތް ނިންމައި ތްރީ ލައިން ވިޕް ނެރެނީ ސަރުކާރުން ކަމަށާއި އެމްޑީޕީ މެމްބަރުންގެ ބާރެއް ނޯންނަ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ސަރުކާރާއި މަޖިލީހުގެ ބާރުތައް ގާނޫނުއަސާސީން ވަކިކޮށްފައި ވިޔަސް މިހާރު އެ ދެ ބާރު އޮންނަނީ އެއްވެފައި ކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވިޕް ލައިން ނެރެމުން އަންނަނީ ސީދާ ސަރުކާރުން އަންގާ ގޮތަށް ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކު ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލާގައި ހުށަހެޅި މައްސަލަ މަޖިލީހުން ބޭރު ކޮށްލަން މިއަދު ފާސްކުރުމުން ބޮންޑޭ ވިދާޅުވީ އެކަމުގެ ސަބަބުން ބޮޑެތި ފިތުނަތަކެއް އުފެދެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ވޯޓު ދޭނެ ގޮތެއް ކަނޑައަޅަން ސަރުކާރަށް ވިޕް ނުނެރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށެވެ.

"މަޖިލިސް ރައީސް މި އިންނަނީ ރިޔާސަތުގައި. ހުރިހާ އެންމެން އިނގިލި ދިއްކުރާނީ ރައީސް ކުރައްވާ ކަމެއްގެ ގޮތުގައި،" ބޮންޑޭ ވިދާޅުވި އެވެ.

ޕީޖީގެ ޖަލްސާތައް ބާއްވަނީ ސިއްރުން ކަމަށާއި އެ ޖަލްސާތަކުގައި ބައިވެރިވަނީ ދެތިން މީހެއް ކަމަށް ބޮންޑޭ ވިދާޅުވި އެވެ. ހެނދުނު މަޖިލީހަށް އައިއިރު ސަރުކާރުން ވިޕްތައް ނެރެ ނިންމާފައި އޮންނަ ކަމަށް ވެސް ބޮންޑޭ ވިދާޅުވި އެވެ.

"އެމްޑީޕީންނެއް ނޫން މި ވިޕް ނެރެފައި އޮތީ. ސީދާ ސަރުކާރުން އަންގައިގެން މި އޮތީ ވިޕް ނެރެފައި. ހަގީގަތުގައި ބަދުނާމް ކުރަން މަސައްކަތް ކުރަނީ އިއްޒަތްތެރި ރައީސް،" ބޮންޑޭ ވިދާޅުވި އެވެ.

މަޖިލީހުގައި ދެ ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ.

އެ މައްސަލާގައި ވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ނިންމުމާ ހިލާފަށް އެ ދެ ފަނޑިޔާރުން ވަކި ކުރަން ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށް އިދިކޮޅު މެމްބަރުން ވެސް ފާހަގަކުރެއްވި އެވެ.