Roadha Mihaaru
އައިއެސް އަށް އެހީވާ ކަމަށް ކުރި ތުހުމަތު އެމެރިކާ އިން ދޮގުކޮށްފި

އައިއެސް އަށް އެހީވާ ކަމަށް ކުރި ތުހުމަތު އެމެރިކާ އިން ދޮގުކޮށްފި

28 ޑިސެމްބަރ 2016

ވޮޝިންޓަން (ޑިސެމްބަރު 28) - ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނަށް އެމެރިކާ އިން އެހީވަމުންދާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކުރެއްވި ތުހުމަގު ސްޓޭޓް ޑިޕާޓްމަންޓުން ދޮގުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 28) - ސީރިއާގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިންނަށް އެމެރިކާ އިން އެހީވަމުންދާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކުރެއްވި ތުހުމަގު ސްޓޭޓް ޑިޕާޓްމަންޓުން ދޮގުކޮށްފި އެވެ.

ތުރުކީގެ ރައީސް ވިދާޅުވީ އެމެރިކާ އިން އައިއެސް އަށް އެހީވާ ކަމުގެ ހެކި އެބަހުރި ކަމަށެވެ. އަދި ކުރުދީންގެ ވައިޕީޖީ އާއި ޕީވައިޑީ ޖަމާއަތަށް ވެސް އެމެރިކާ އިން އެހީވާ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ. ތުރުކީ ސިފައިން ދަނީ ސީރިއާގެ އުތުރުގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

"އެމެރިކާ އިން ދަނީ ތުރުކީން އައިއެސް އަށް އެހީވާ ކަމަށް ތުހުމަތު ކުރަމުން. އެކަމަކު އެމެރިކާ އިން ދަނީ އައިއެސް، ވައިޕީޖީ، ޕީވައިޑީ އަށް އެހީވަމުން. އެއީ ވަރަށް ސާފު ކަމެއް. ފޮޓޯ އާއި ވީޑިއޯއާ އެކު އެކަމުގެ ހެކި އެބަހުރި،" އަންކަރާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވި އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން މާކް ޓޯނާ ވިދާޅުވީ އުރުދުޣާންގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

އައިއެސް އާއި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އަންކަރާ އިން އޮގަސްޓް މަހު ފެށި އޮޕަރޭޝަނުގައި ތުރުކީ ސިފައިންގެ 37 މީހުން ވަނީ މަރުވެފަ އެވެ. ސީރިއާގައި އެމެރިކާ އިން ދަނީ ކުރުދީ ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެކަމަކު ތުރުކީން ބުނަނީ އެމެރިކާ އިން ގުޅިފައި ވަނީ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާ ކަމަށެވެ. ޕީކޭކޭ އިން ތުރުކީ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާތާ އެތައް އަހަރެއް ވެއްޖެ އެވެ.