Roadha Mihaaru
ލޭ އަޅަމުން ޑޮކްޓަރު ކަމަށް، މިއީ ގަދަ ހިތްވަރެއް!

ލޭ އަޅަމުން ޑޮކްޓަރު ކަމަށް، މިއީ ގަދަ ހިތްވަރެއް!

26 މެއި 2022

މި ބޮޑު ދަތުރު ހުއްޓާލާނެ އެތައް ކަމެއް ސަމާ ނަސީރަށް ކުރިމަތިވި އެވެ. އޭ ލެވެލް ފަށައި ވަކި ހިސާބަކަށް ގޮސް، ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ވާހަކަ އާއިލާއާ ހިއްސާކުރުމުން ލިބުނީ އުންމީދުކުރި ޖަވާބެއް ނޫނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ބޮޑު ދަތުރު ހުއްޓާލާނެ އެތައް ކަމެއް ސަމާ ނަސީރަށް ކުރިމަތިވި އެވެ. އޭ ލެވެލް ފަށައި ވަކި ހިސާބަކަށް ގޮސް، ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ވާހަކަ އާއިލާއާ ހިއްސާކުރުމުން ލިބުނީ އުންމީދުކުރި ޖަވާބެއް ނޫނެވެ.

އެ މީހުން ސަމާ، 25، އަށް ވިސްނައިދިނީ އާއިލާއާ ދުރުގައި އުޅެމުން، ކޮންމެ ތިން ހަފުތާއިން އެއް ފަހަރު ހަށިގަނޑަށް ލޭ އަޅަމުން ޑޮކްޓަރުކަން ކިޔެވުމަކީ ބޮޑު ބުރައަކަށް ވާނެ ކަމަށެވެ. އެކަމަކު އޭނާ އެކަމެއް ގަބޫލެއް ނުކުރި އެވެ. އަމިއްލަ ހަށިގަނޑު މަސައްކަތްކުރާ ގޮތް ދަސްކުރަން ބޭނުންވުމާއި މީހުންނަށް އަޅާލައި ޑޮކްޓަރަކަށް ވެވޭނެ ކަމަށް އަމިއްލަ ނަފްސަށް އޮތް އިތުބާރާ އެކު ގޮތް ދޫނުކޮށް އާއިލާގެ ރުހުން ހޯދި އެވެ.

"އެމްބީބީއެސް ކިޔަވަން ބޭނުންވާ ވާހަކަ ބުނީމާ މައިންބަފައިން އަދި އާއިލާގެ ގިނަ މީހުން ވެސް އެކަމާ ދެކޮޅު ފުރަތަމަ. އޭރު ރާއްޖެއަކު ނުއެއް ކިޔެވޭ [ޑޮކްޓަރުކަމެއް]. އެންމެން ވެސް ބުނީ ކިހިނެއްހޭ އުޅޭނީ ރާއްޖެއިން ބޭރުގައި އެކަނި ގޮސް. ރާއްޖޭގައި ހުރެގެން ކިޔެވޭ ކޮންމެ އެއްޗެއް ވެސް އޯކޭއޭ، ކިޔަވަން ކީއްކުރަން ހެއްޔޭ ބޭރަށް ދަނީ. އެކަމަކު ގޮތްދޫނުކޮށް ހިފެހެއްޓީ. ބުނިން މަންމަ ކައިރީގައި އެހެން ކުދިން ވެސް ދާނެ ނޫންހޭ ރާއްޖެއިން ވެސް. އެ ކުދިން އުޅޭ ގޮތަކަށް އުޅެވޭނެ ނޫންހޭ އަޅުގަނޑަށް،" ސަމާ ބުންޏެވެ.

"ފަހުން މަންމަމެން އެއްބަސްވި. ފަހުން ވަރަށް ސަޕޯޓިވް އެންމެން ވެސް."

އާއިލާގެ ރުހުން ހޯދިތަނާ މޯލްޑިވްސް މެޑިކަލް ކައުންސިލުން ދެން އެންގީ އޯ ލެވެލްގައި ފިޒިކްސް ކިޔަވާފައިނުވާތީ އެމްބީބީއެސް ހަދަން ޖާގަ ނުދެވޭނެ ކަމެވެ.

ސަމާ، ކޮލެޖު ޔުނީފޯމުގައި. ޑޮކްޓަރުކަން ކިޔެވީ މަހަކު އެއް ފަހަރު ލޭ އަޅަމުން.

ސަމާ، ކޮލެޖު ޔުނީފޯމުގައި. ޑޮކްޓަރުކަން ކިޔެވީ މަހަކު އެއް ފަހަރު ލޭ އަޅަމުން.

އެކަމާ ވެސް މާޔޫސް ނުވެ ދެ އަހަރުގެ ސިލަބަސް ދެ ތިން މަސް ދުވަހުގެ ތެރޭގައި އަމިއްލައަށް ކިޔަވައިގެން ލަންކާއިން ފިޒިކްސް އޯ ލެވެލް ޕޭޕަރު ހެދީ "އޭ" ރިޕޯޓަކާއެކުގަ އެވެ.

މިއީ ރާއްޖޭގައި މި ވަގުތު ތިބި ތެލެސީމިއާގެ 652 ކުދިންގެ ތެރެއިން، ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ޒުވާނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައި ކުރި، ބާނިތައް ބޮޑު ދަތުރުން ކުޑަ މިންވަރެކެވެ.

އުމުރުން އެންމެ ހަ މަހުން ފެށިގެން ގަވައިދުން ލޭ އަޅަމުން އަންނަ ސަމާގެ މުޅި ދިރިއުޅުމުން ވެސް ފެންނަނީ އެ ކަހަލަ މިސާލުތަކެކެވެ.

ސަމާ ބުނީ އޯ ލެވެލްއާ ހަމައަށް އުފަން ރަށް، ހއ. އުލިގަމުގައި އުޅުމުން ލޭ އަޅަން ޖެހުނީ އެހެން ރަށްރަށަށް ދަތުރުކޮށްގެން ކަމަށެވެ. އެކަމުގައި ވެސް އޭނާ އެންމެ ބެލީ ކިޔެވުމަށް ބުރޫނާރާނެ ގޮތަށް ކުރާށެވެ.

އެންމެ ކުޑައިރު ލޭ އެޅީ މާލެއިންނެވެ. އޭގެ ފަހުން ހދ. ކުޅުދުއްފުށި އަދި އެއަށްވުރެ ރަށާ ކައިރިން ދިއްދު އާއި ހޯރަފުށިން ވެސް ލޭ އެޅޭނެ ގޮތްތައް ހަމަޖެހުނެވެ

ގްރޭޑް 10 ގައި އުޅެނިކޮށް އުލިގަމުން ލޭ އެޅޭނެ ގޮތް ހަމަޖެހުމާ އެކު ކިޔެވުން ނިންމުމަށް ފަހު މެންދުރު ފަހު ލޭ އަޅަން ދާން އޭނާ އަށް ފަސޭހަވި އެވެ.

އެކަމަކު، އޯ ލެވެލް އަހަރު ސަމާ ކުއްލިއަކަށް ބަލިވެއްޖެ އެވެ. އިންޑިއާގައި ބޮޑު އޮޕަރޭޝަނެއްކޮށް އެއް މަސް ދުވަސް ވަންދެން އައިސީޔޫގައި ފަރުވާ ދިން ކަމަށް އޭނާ ބުންޏެވެ.

ސަމާ މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ މި ވަގުތު އަންނަނީ އައިޖީއެމްއެޗްގައި ހަތަރު ހަފުތާގެ ޓްރެއިނިންއެއް ހަދަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސަމާ މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއު ދެނީ: އޭނާ މި ވަގުތު އަންނަނީ އައިޖީއެމްއެޗްގައި ހަތަރު ހަފުތާގެ ޓްރެއިނިންއެއް ހަދަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަރުވާ އަށް ފަހު އަނބުރާ ރަށަށް ގޮސްފައި ވެސް ސްކޫލަށް ބަރާބަރަށް ހާޒިރުވި އެވެެ. އެކަމަކު އެ އަހަރުގެ ބޮޑުބައި ބަލިކޮށް އުޅުމުން އޯ ލެވެލްގައި ގައުމީ ގަދަ 10 އަށް އަރާނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރި އެވެ. އެހެން ހުއްޓައި އޯ ލެވެލްގެ ރާއްޖޭގެ ގަދަ 10 ގައި ހިމެނުން ވީ ސަމާ ބުނި ގޮތުގައި އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

"ފަރުވާ އަށް ފަހު ރަށަށް އާދެވުނުއިރު ހުރީ ކިޔެވުން އެއްކޮށް ނިމިފައި. ޓެސްޓު އެކަނި ދެން އޮތީ. އެކަމަކު ވެސް މާތްﷲގެ އިރާދަފުޅާ އެކު އޯ ލެވެލް ޓޮޕް 10ގައި ހިމެނުނީމާ އެ ފަހަރު ވަރަށް އުފާވި... އޭރު ވެސް ސްކޫލް ދުލެއް ނުކޮށްލަން. ސްކޫލަށް ވެސް ބަރާބަރަށް ދަމުން އެކަމަކު، އެހެންނޫނިއްޔާ އުޅޭގޮތަށް އެކްޓިވްކޮށް ނޫޅެވޭ. އެ ދުވަސްވަރު އިތުރު ގަޑިތަކަށް ނުދެވޭ. ފިލާވަޅުތައް ވެސް ބައެއް ފަހަރު ނުހެދި ދަނީ. ވަރަށް ބަލިކޮށް އުޅުނީ. ސްކޫލަށް ދަން ކޮންމެ ދުވަހަކު ވެސް،" ސަމާ ބުންޏެވެ.

އޯ ލެވެލްގެ ކާމިޔާބީ އަށް ފަހު މަތީ ސާނަވީ އަށް އޭނާ ބަދަލުވީ މާލެއަށެވެ. ސީއެޗްއެސްއީ އިން އޭ ލެވެލް ނިންމިއިރު ވެސް ކިޔެވުމަށް ބުރު ނާރުވައި ލޭ އަޅަމުން ދިޔަ އެވެ. އެ އިމްތިހާނުން އޭ ލެވެލްގެ ގަދަ 9 ގައި ހިމެނުނެވެ.

ލޭ އަޅައިގެން ކޮލެޖަށް، ވަރަށް ޗެލެންޖިން

އާއިލާގެ އެންމެން ރުހި ގަބޫލުވެ، އެމްއެމްސީން އެދުނު ގޮތަށް ފިޒިކްސް އޯލެވެލް ނިންމައި އަދި ކިޔަވަން މަތީ ތައުލީމްގެ ލޯނަށް އެދެން އުޅެނިކޮށް ހެޔޮ އެދޭ ފަރާތަކުން ސަމާގެ ކޯސް ސްޕޮންސާ ކޮށްދިނުމުން އޭނާ އަށް ލިބުނީ ބޮޑު އުފަލެކެވެ.

ނަމަވެސް އެ ހުރިހާ ކަމެއް ހަމަޖެހި، ކޮލޮމްބޯގައި ހުންނަ ކޮޓެލަވަލަ ޑިފެންސް ޔުނިވާސިޓީގައި 2016 ވަނަ އަހަރުގެ ކުރީކޮޅު ކިޔަވަން ފެށުމުން ސަމާއަށް ފިޒިކަލީ އުނދަގޫތައް ކުރިމަތިވި އެވެ. އަރާމުކުރާނެ ވަގުތެއް ނުލިބި، ދުވަހުގެ ގިނަ ވަގުތު އުޅެން ޖެހުނީ ކޮލެޖު ނުވަތަ ހޮސްޕިޓަލުގަ އެވެ.

ސަމާ ބުނީ އެ އުނދަގޫތަކުގައި އޭނާއަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އެއްކޮށް ކިޔަވަން އުޅުނު ދިވެހި ދަރިވަރުންގެ ފަރާތުން ކަމަށެވެ. ހަފުތާގެ ހަ ދުވަހު ބުރަކޮށް އުޅެމުން އަރާމުކުރަން ލިބޭ ދުވަހު ވެސް ނިދި ގުރުބާންކުރުމަށް ފަހު މަހަކު އެއް ފަހަރު އެ އެންމެން ދަނީ އޭނާ ގޮވައިގެން ލޭ އަޅާށެވެ.

ސަމާގެ ކިޔެވުން ނިންމުމަށްފަހު އަނބުރާ ރާއްޖެ އައުމުން، އޭނާގެ އާއިލާއިން ދިން ސަޕްރައިޒް: އެންމެންގެ ބޮޑު ސަޕޯޓެއް ލިބުނު ކަމަށް ބުނި.

ސަމާގެ ކިޔެވުން ނިންމުމަށްފަހު އަނބުރާ ރާއްޖެ އައުމުން، އޭނާގެ އާއިލާއިން ދިން ސަޕްރައިޒް: އެންމެންގެ ބޮޑު ސަޕޯޓެއް ލިބުނު ކަމަށް ބުނި.

ރާއްޖެއާ ހިލާފަށް، ލޭ އަޅަން ލަންކާގައި ގިނަ ވަގުތު ހޭދަވާ ކަމަށް ސަމާ ބުންޏެވެ. ރާއްޖޭގައި 6-7 ގަޑިއިރުގެ ތެރޭގައި ލޭ އެޅުނަސް ޑާޑެން ހޮސްޕިޓަލުން ލޭ އެޅުމަށް ވެހިކަލެއްގައި 45 މިނެޓު ދުއްވާފައި ހެނދުނު 7:00 ހާއިރު އެ ތަނަށް ގޮސް އެޑްމިޓްވާން ޖެހެ އެވެ. އަނބުރާ ގެއަށް ދެވެނީ ދަންވަރު އެވެ. އަރާމު ކުރާނެ ވަގުތެއް ނުލިބި، ޖެހިގެން އަންނަ ދުވަހު އަރާއިރާ އެކު ތެދުވެ، އޭނާއަށް އަނެއްކާ ވެސް ޖެހެނީ ކޮލެޖަށް ދާށެވެ.

"އެ ހުރިހާ ކުދިން ވެސް ވަރަށް އެހީތެރިކަން ދިން. ބުނާކަށް ވެސް ނުޖެހޭ ކޮމްޕެނީއެއް ދޭށޭ. އަޅުގަނޑަށް ވެސް އިހްސާސްވޭ، ވަރަށް އުނދަގޫކަމެއް ކޮންމެ މަހަކު ހޮސްޕިޓަލަށް ގޮސްފައި އެއް ދުވަސް އެޑްމިޓްވެގެން އޮންނަން. އަދި އެހާ ބުރަކޮށް އުޅޭއިރު. ކޮންމެ މީހަކު ވެސް ބޭނުންވާނެ ލިބޭ ވީކެންޑުގައި ގޭގައި ހުންނަން. އެހެންވެ އަޅުގަނޑު ބައެއް ފަހަރު ބުނަން އޯކޭއޭ ނަޔަސް. އެކަމަކު އެ މީހުން ބުނާނެ އެކަނި ދާކަށް ނުވާނެއޭ. އަންނާނެ ހަމަ އަބަދު ވެސް،" މިދިޔަ ޖެނުއަރީ މަހު ހެދި ކޯހުގެ ފަހު އިމްތިހާނުން ރަނގަޅު ފާހެއް ހޯދި ސަމާ ބުންޏެވެ.

ކޯހުގެ ފުރަތަމަ ދެ އަހަރަށް ފަހު ހޮސްޕިޓަލްގައި ކޮޅަށް އަށް ގަޑިއިރު ވެސް މަސައްކަތް ކުރަން ޖެހެ އެވެ. ލޭ އަޅާތީ ސަމާގެ ކަށިތައް ބަލިކަށިވުމުން ބުރަކަށީގައި ރިއްސާތީ ވެސް އޭނާ އުޅެ އެވެ. އެކަމަކު، ކޮންމެހެން ބުނަން ޖެހިގެން ނޫނީ އޭނާއަކީ ތެލެސީމިއާ ކުއްޖެއް ކަމެއް އެއްވެސް މީހެއް ގާތު ނުބުނެ އެވެ. އެގޮތަށް ބުނެގެން ވެސް ތެލެސީމިއާ ކުއްޖެއް ކަމެއް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ.

"ބައެއް ފަހަރު ހުންނާނެ ބުނެފައި ވެސް އޯކޭ ހޭ އިށީނަސް. ގިނަ މީހުންނަށް އަންޑަސްޓޭންޑްވޭ. އެކަމަކު އެތާގައި ރާއްޖެހާ ތެލެސީމިއާ ގިނަ ނޫންވީމާ ކަންނޭނގެ، ބައެއް މީހުން ގަބޫލެއް ވެސް ނުކުރޭ އަޅުގަނޑު އެހެން ބުނީމާ. އެ މީހުން ބުނަނީ ކިހިނެއްހޭ ތެލެސީމިއާ ކުއްޖަކު ތިހެން އުޅޭނީ،" އޭނާ ބުންޏެވެ.

ސަމާ، އޭނާގެ މަންމަ އާއި ބައްޕައާ ދައްތަ އަދި ބޭބެއާއެކު، ބައްޕަގެ ގްރެޖުއޭޝަންގައި ހަފުލާގައި. އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ މައިންބަފައިންނާއި ކާފަ ކަމަށް ބުނި.

ސަމާ، އޭނާގެ މަންމަ އާއި ބައްޕައާ ދައްތަ އަދި ބޭބެއާއެކު، ބައްޕަގެ ގްރެޖުއޭޝަންގައި ހަފުލާގައި. އޭނާގެ އެންމެ ބޮޑު އިންސްޕިރޭޝަނަކީ މައިންބަފައިންނާއި ކާފަ ކަމަށް ބުނި.

"އެ މީހުން އެންމެ ފުރަތަމަ އަހާ ސުވާލަކީ ތެލެސީމިއާއޭ ބުނީމަ، ތެލެސީމިއާ މައިނަ ދޯއޭ. ނޫނޭ، ތެލެސީމިއާ މޭޖާއޭ ހަމަ، ލޭ އަޅައިގެން ޑެސްފަރޯލް ގުޅައިގެންނޭ މި އުޅެނީ. ބުނީމަ ބައެއް ޑޮކްޓަރުން ވެސް އެބަހުރި ދިމާލަށް ބުނެފައި ކިހިނެއްހޭ އެ ކަހަލަ މީހަކު ތިގޮތަށް ނޯމަލްކޮށް އުޅެނީ. ތިމަންނަމެންނަށް އިނގޭ ތެލެސީމިއާ ކުދިން ތިބެނީ ވަރަށް ބަލިކޮށޭ."

ޑޮކްޓަރުން އެހެން ބުނި ސަބަބުތައް ވެސް އެބަހުއްޓެވެ.

ކިތަންމެ ބުރަކޮށް އުޅެމުން ވެސް ސަމާ ދިޔައީ ބަރާބަރަށް ލޭ އަޅަމުންނެވެ. ދަގަނޑުގެ ބައި ދަށްކުރުމަށް ހަފުތާގެ ފަސް ދުވަހު 20-22 ގަޑިއިރު ވަންދެން ޑެސްފަރޯލް ގުޅައި، ބޭސްތައް ކަމުން ދިޔަ އެވެ. ލޭ އެޅުން ނޫނީ ސިއްހީ އިތުރު މައްސަލައެއް ނެތެވެ.

ދަގަނޑުގެ ބައި އޭރު ދަށްކުރެވިފައި ހުރުމުން ސަމާ މިހާރު ޑެސްފަރޯލް ބޭނުންކުރަނީ ހަފުތާއަކު ދެ ރެ އެވެ.

އެންމެ ގާތްކޮށް އުޅުނު ބޭބެ ނިޔާވުން: ހުރިހާ ކަމެއް ހުއްޓުމަކަށް

އުމުރުގައި އަހަރެއް ތަފާތު ހުރުމުން ސަމާ އާއި އަދުހަމް މުހައްމަދު އުޅެބޮޑުވީ އެއްކޮށެވެ. ތެލެސީމިއާ ބަލީގެ ދެ މީހުންނަށް ވުމުން ދެބެއިންގެ ދެދަރިއަށް ވުރެ އެ ދެ މީހުންގެ ދެމެދު އޮތީ އެއްބަނޑު އެއްބަފާ ކަމުގެ ކުލުނެވެ.

އެހެންވެ، ސަމާގެ ސްޓަޑީ ބްރޭކް ތެރޭގައި އަދުހަމް ކުއްލިއަކަށް ބަލިވުމުން އޭނާގެ ކިޔެވުމަކަށް ރަނގަޅަށް ސަމާލުކަމެއް ނުދެވުނެވެ. ހިޔާލުތައް ގެއްލުވާލީ އެހެން ދިމާލަކަށެވެ.

"ދެބެއިންގެ ދެދަރިއޭ ބުންޏަސް އެއްކޮށް އުޅެ ބޮޑުވީ. ދެ މީހުން ވެސް ތެލެސީމިއާ ބަލި ހުރޭ. ދެ މީހުން ހުންނާނީ އެއްބަނޑު އެއްބަފާ ގުޅުން ހަމަ، ވަރަށް ގާތްކޮށް އުޅުނީ،" އާއިލާގެ ތިން ބެއިންގެ ތެރެއިން އެންމެ ހަގަށް ހުރި ސަމާ ބުންޏެވެ.

އަދުހަމް ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ޖުލައި، 2019 ގަ އެވެ.

"ޓެސްޓު ދުވަސްވަރުގެ ތެރޭގައި ނިޔާވީ. އެ ޖެހިގެން އައި ދުވަހު ވެސް އެގްޒާމެއް އޮތް. ރައްޓެހިންގެ ހެޔޮކަމުން އެ ދުވަހު ވެސް ގޯތުރޫ ކުރެވުނީ. އެ މީހުންގެ ވެސް އެގްޒާމް އޮންނާނެ، އެކަމަކު އެ ދުވަސް އެއްކޮށް އަޅުގަނޑުމެންނާ އެކު ހޭދަކުރީ. ވަރަށް ހިތްވަރު ދިން ހުރިހާ އެންމެން ވެސް. މަންމަ ބުނި ޓެސްޓު ނުހަދާ ދޫކޮށްލަންވީނޫންހޭ ފަހުން ހަދާ ގޮތަށް. ބުނިން ޓެސްޓު ހަދާނީއޭ. އެ ފަހަރު ވަރަށް އުނދަގުލުގައި އުޅުނީ. އުޅެފައި، އެ ޓުސްޓުން ރަނގަޅު ނަތީޖާއެއް ލިބުނީމަ ވަރަށް އުފާވި،" އިންޓާނަލް މެޑިސިން އިން ސްޕެޝަލައިޒްވުމުގެ އުއްމީދުގައި ހުރި ޒުވާނާ ބުންޏެވެ.

ސަމާ (ވ)، އަދުހަމް (ކ) އަދި ދެބެއިންގެ ދެދަރި އެހެން ދައްތައަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ސަމާ (ވ)، އަދުހަމް (ކ) އަދި ދެބެއިންގެ ދެދަރި އެހެން ދައްތައަކާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

ކޯހުގެ ތިން ވަނަ އަހަރު އެންމެ ގާތްކޮށް އުޅުނު ބޭބެއެއް ނިޔާވުމުން ސަމާ އަށް ނަފްސާނީ ގޮތުން އަސަރު ކުރި އެވެ. އެހެންވެ، ކިޔެވުމުގެ ބޮޑުބައި ހޭދަަކުރަން ޖެހުނީ އެ އުނދަގުލާއި ދަތިތަކާއެކުގަ އެވެ.

އެ ޓެސްޓު ނިންމުމަށް ފަހު ސަމާ އައީ މާލެއަށެވެ. ޗުއްޓީ ނިންމުމަށް ފަހު އަނބުރާ ލަންކާ އަށް ދިޔައިރު މީހާގެ އުޅުމަށް ބަދަލުތަކެއް އައިސްފައި ހުރިކަން އަމިއްލަ އަށް ވެސް ގަބޫލުކުރެވުނެވެ. އޭރު ރަނގަޅަށް ނުކެވެ އެވެ. ނުނިދެ އެވެ. ނުކިޔެވެ އެވެ. ލޭ އެޅުން ވެސް ވީ ބޮޑު ކަމަކަށެވެ.

"ހޮސްޕިޓަލުގައި އުޅޭއިރު ދޭތެރެއަކުން ޕެނިކް އެޓޭކް ޖެހިދާނެ އެ ފަހުން،" އޭނާ ބުންޏެވެ.

ސަމާ ބުނީ އެ އުނދަގޫތަކާ ހެދި ނަފްސާނީ ބަލީގެ ޑޮކްޓަރަކަށް ދެއްކުމުން ޑިޕްރެޝަން އަދި އެންޒައިޓީއަށް ޑައިގްނޯޒްވި ކަމަށެވެ. އެ ހިސާބުން ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް އުނދަގޫވި ކަމަށް ބުންޏެވެ. އޭނާ މިހާރު ވެސް އަންނަނީ އެ ކަންކަމަށް ބޭސް ކަމުންނެވެ.

"ކިޔެވުމުގެ ތިން ވަނަ އަހަރުން ފެށިގެން ފައިނަލް އެގްޒާމާ ހަމައަށް ވަރަށް ޗެލެންޖިން ވި އަޅުގަނޑަށް. ކިޔެވުމުގެ ކަންކަން ވެސް، ލޭ އެޅުމުގެ ކަންކަން ވެސް. އެކަމަކު މައިންބަފައިންނާ އާއިލާގެ ހުރިހާ އެންމެންގެ ވެސް ވަރަށް ސަޕޯޓު ލިބުނު. ކައިރީގައި ތިބެނީ ރައްޓެހިން. އެ ހުރިހާ ކުދިންގެ ވަރަށް ސަޕޯޓާއެކު މި ހިސާބަށް އާދެވުނީ،" ސަމާ ބުންޏެވެ.

ސަމާ، މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއުދެނީ.-

ސަމާ، މިދިޔަ ހޮނިހިރު ދުވަހު "މިހާރު" އަށް އިންޓަވިއުދެނީ.-

އިންޓާންޝިޕް ސުވާލެއްގެ ތެރޭގައި

މިހާ ހިތްވަރުން އެމްބީބީއެސް ނިންމުމަށްފަހު ސަމާ އަދި އޭނައާ އެކު ލަންކާގައި ކިޔެވި ދިވެހި ދަރިވަރުން ތބީ އައިޖީއެމްއެޗުން އިންޓާންޝިޕް ހަދަން ނިންމައިގެންނެވެ. އެކަމަކު، އިންޓާންޝިޕަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިތާ ފަސް ދުވަސް ފަހުން ޓެސްޓުގެ ނަތީޖާ ލިބުމުން އެ މަގު ބަންދުވީ އެވެ. އެކަމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި އައިޖީއެމްއެޗްގެ އިސްވެރިންގެ އެހީތެރިކަމަށް ވެސް އެ ދަރިވަރުން އެދުނަސް އަދި އަލި މަގެއް ނުފެނެ އެވެ.

ސަމާ ބުނީ ކޮވިޑް-19 ގެ ސަބަބުން އޭނާގެ ކިޔެވުމުން މިހާރު ވެސް އަހަރުތަކެއް ގެއްލިފައިވާ ކަމަށެވެ. އެހެންވެ، އިންޓާންޝިޕް ހަދަން އިތުރަށް މަޑުކުރާކަށް ބޭނުމެއް ނުވި އެވެ.

"ކޮވިޑް އައިއިރު ރާއްޖޭގައި ތިބީ. މި ކޮޅުގައި ހައެއްކަ މަސް ވަންދެން އޮންލައިންކޮށް ކިޔަވާފައި އެ ކޮޅަށް ދިޔައީ. އޭރު ވެސް ކްލިނިކަލް ބައި ނުގެންދެވިގެން ކިޔެވުން ނުނިމި ލަސްވީ. ބޯޑަރު ބަންދުކޮށްފައި އޮއްވައި ކިޔެވުން ފެށީ. ލަންކާ އަށް ދެވުނީ ވެސް ކިޔެވުން ފެށިތާ މަސް ދުވަސް ފަހުން،" ސަމާ ބުންޏެވެ.

ރާއްޖޭގައި އިންޓާންޝިޕް ހަދަން ބޭނުންވާ ނަމަ ސަމާއަށް އޮތް ގޮތަކީ އަދި އިތުރު އެއް އަހަރު މަޑުކުރުމެވެ. އެހެން ނޫނީ އޮތް ގޮތަކީ ލަންކާއިން އިންޓާންޝިޕް ފުރިހަމަކުރުމެވެ. އެކަމަކު، ލަންކާގައި ލޭ އަޅަން އުޅެންޖެހޭ ގޮތާއި އެ ގައުމު އޮތް ހާލަތުން އެ ތަނަށް ދާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

ސަމާ، ލަންކާގައި ޑޮކްޓަރުކަން ކިޔެވިއިރު ކްލާހެއްގައި ކިޔަވަނީ.

ސަމާ، ލަންކާގައި ޑޮކްޓަރުކަން ކިޔެވިއިރު ކްލާހެއްގައި ކިޔަވަނީ.

"ފައިނަލް އެގްޒާމްގެ ނަތީޖާ ލިބުނީމާ ވަރަށް އުފާވި. އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ އިންޓާންޝިޕަށް ހަދާނެ ގޮތަކާމެދު."

"މިހާރު އެންމެ ބޮޑު އުއްމީދަކީ އިންޓާންޝިޕް ނިންމުމަށް ފަހު ރާއްޖޭގައި މަސައްކަތްކުރަން ލިބޭނެ ދުވަހަކަށް،" މި ދުވަސްވަރު އައިޖީއެމްއެޗްގައި ހަތަރު ހަފުތާގެ ޓްރެއިނިންއެއް ހަދަމުން އަންނަ ސަމާ ބުންޏެވެ.

ހީކުރާ ވަރަށްވުރެ ނުރައްކާ، ފަރުވާ ކުޑަނުކުރޭ

ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވެއްޖެ ނަމަ ސިއްހީ އެހެން މައްސަލަތައް ދިމާވެ އެވެ. އެހެންވެ، ލޭ އެޅުމާ އެއްވަރަށް އެ އިތުރުވާ ދަގަނޑުގެ ބައިތައް މަދުކުރަން ޑެސްފަރޯލް ގުޅަންޖެހެ އެވެ. ތެލެސީމިއާގެ ގިނަ ކުދިން ޒުވާން އުމުރުގައި ނިޔާވަނީ ވެސް އެ ކަންކަމަށް ސަމާލުކަން ނުދެވޭތީ އެވެ.

ސަމާ ބުނީ ކިތަނމެ ބިޒީކޮށް އުޅެމުން ވެސް ޑެސްފަރޯލް ގުޅޭނެ ކަމަށެވެ.

"ބައެއް ކުދިންނަށް ވާ ގޮތަކީ ވަކި ވަރަކަށް ވުރެ ބޮޑުވީމަ، އަމިއްލަ ޒިންމާ ނަގަން ޖެހޭ ހިސާބުން ފެށިގެން އެކަމަށް ފަރުވާ ކުޑަކޮށްލެވެނީ. އަސްލު ހީކުރާ ވަރަށް ވުރެ ވެސް ނުރައްކާތެރި ކަމެއް ދަގަނޑުގެ ބައި އިތުރުވުމަކީ. ހިތުގެ ބަލިތަކާއި ޑައިބެޓީސްއާ މޭގެ މައްސަލަތަކާ ބައިވަރު ކަންކަން އަންނާނެ، ހޯމޯން މައްސަލަތަކާ. އެ ހުރިހާ ކަމެއް ލިމިޓްކޮށް، ނޯމަލް މީހެއް ގޮތަށް އުޅެވޭނެ ދަގަނޑުގެ ބައި ދަށްކޮށް ބެހެއްޓީމަ. އަޅުގަނޑު ވަރަށް އެދޭ ކަމެއް ހުރިހާ ކުދިން ވެސް ފަރުވާގެ ކަންކަން ރަނގަޅަށް ބެލެހެއްޓުން،" ފަރުވާގެ ކަންކަމަށް ފަރުވާ ކުޑަކުރާތީ ކަންބޮޑުވުން ފާޅުކޮށް ސަމާ ބުންޏެވެ.

ސިއްހަތު ސަލާމަތުން ހުރި މީހަކު ވެސް ޑޮކްޓަރުކަން ކިޔެވުމަކީ ބުރަ ކަމެކެވެ. އެކަމަކު ދިރިހުރުމަށް ގަވައިދުން ލޭ އަޅަމުން، ޑެސްފަރޯލް ގުޅައި ބޭސްކަމުން ސަމާގެ ދިރިއުޅުމުން ދައްކުވައިދިނީ އެހެން މީހުންނަށް އާދަޔާ ހިލާފު ހިތްވަރެކެވެ. އޭގެ ޝުކުރު ހައްގުވަނީ ދިގުމުއްދަތަކަށް ގައުމަށް ހިދުމަތްކޮށްދިނުމުގެ އެވޯޑު ހާސިލްކޮށްފައިވާ ސަމާގެ މަންމަ އާއި ބައްޕަ އަދި ކާފަ ދައްކައިދިން މިސާލަށެވެ.