ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގައި ދައުލަތާއި ފުލުހުންނަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް މިއަދު އަމާޒުވެއްޖެ އެވެ.
23 މެއި 2022
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގައި ދައުލަތާއި ފުލުހުންނަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް މިއަދު އަމާޒުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންގޮސްފައިވާތީ އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބެންޗުގެ ގިނަ ސުވާލުތައް އަމާޒުވީ ފުލުހުންނަށާއި ޕީޖީގެ ވަކީލުންނަށެވެ.
ރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ގާނޫނެއް އެބައޮތްތޯ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ހަސަން ޝަފީއު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެފަދަ ގާނޫނެއް ނެތް ކަމަށެވެ.
ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ފުލުހުން ގެންދިޔައީ 615 ވަނަ މާއްދާގެ ދަށުން، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކޮށެވެ.
ޚިޔާލުފާޅުކުރުން ހަނިކުރާ ގާނޫނެއް ނެތީސް، މީހަކު ދަމާލާ ބެނާއެއް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް ވަންނަނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
"ހިޔާލުފާޅު ކުރުމުގެ ގޮތުން ދަމާ ބެނާއަކަށް ނުވަތަ އެފަދަ ކަމަކަށް އިޝާރާތްކޮށް މާނަ ކުރެވޭނީ ކިހިނެއްތޯ؟." ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ފުލުހުން ޖަވާބެއް ދިނުން ރަނގަޅުވާނެ ކަމަށެވެ. ފުލުހުން ބުނީ ޖަވާބެއް ނެތް ކަމަށެވެ.
"އިއްޒަތްތެރި ފަނޑިޔާރު، މިވަގުތު އެކަމަށް އަޅުގަނޑުމެންނަށް ސީދާ ޖަވާބެއް ދެވޭކަށް ނެތް،" ފުލުހުންގެ ފަރާތުން އަޑުއެހުމަށް ހާޒިރުވި އޮފިސަރު ވިދާޅުވި އެވެ.
ޔާމީންގެ ގޭގައި ހަރުކުރި ބެނާ ފުލުހުން ނަގަނީ -- ފޮޓޯ/މިހާރު
ގާނޫނުލް އުގޫބާތު އޮތްގޮތުން މިފަދަ ކުށްތަކުގެ ޝަކުވާ އަންނަން ޖެހޭނީ ކޮން ބައެއްގެ ފަރާތުންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ޝަކުވާ އަންނަންޖެހޭނީ އާންމުންގެ ފަރާތުން ކަމަށެވެ.
"މި ޝަކުވާ އައީ ކޮން ފަރާތަކުންތޯ؟،" ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރު ނިޔާޒް ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އާންމު އުސޫލުން އެފަދަ ޝަކުވާ އަންނަން ޖެހެނީ އާންމުންގެ ފަރާތުން ކަމަށެވެ. އެކަމަކު މި މި މައްސަލައަކީ ފުލުހުން އަމިއްލަ އިސް ނެގުމުގައި ބަލާ މައްސަލައެއް ކަމަށް ފުލުހުން އެއްބަސްވި އެވެ.
އަމުރަށް އެދުނުއިރު ހުރީ ކޮން ހެއްކެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ފުލުހުން ބުނީ ބެނާތައް ނަގަން އެންގި އެންގުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ބެނާއަކީ ކުށަކާ ގުޅުންހުރި ހެއްކެއް ނަމަ އެ ބެނާ އަމިއްލައަށް ނަގަން އޭރު އަންގާފައި އޮތީ ކީއްވެގެންތޯ ވިދާޅުވެ އެވެ.
"ހެކި އެ ފަރާތުން އަމިއްލައަށް ނަގަން އަންގާފައި އޮތް އެންގުމެއް އެބައޮތް ނޫންތޯ؟. ނަގާފައި ތި ބޭފުޅުންނާ ހަވާލުކުރާކަށް ވެސް ނޫން އަންގާފައި އޮތީ. ނަގަން އަންގާފައި އޮތީ. މި ދޭތި ދިމާވޭތޯ އެބަ.؟" ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ.
އެ އެންގުމާ އެއްގޮތަށް އަމިއްލައަށް ބެނާ ނެގި ނަމަ، ދެން ވާނީ ކިހިނެއްތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
"މިސާލަކަށް މީހަކު ކުށެއް ކުރާކަމުގެ ހެކި ތި ބޭފުޅުންނަށް ފެނުނީ. ފެނުނީމަ ތި ބޭފުޅުން ތި އަންގަނީ އެ ބޭފުޅާ އެ ހެކި ނަގާށޭ އަމިއްލައަށް. އެ ބުނެވެނީ ކީކޭތޯ؟. ހެކި ނައްތާލާށެކޭ ނޫންތޯ އެ ބުނެވެނީ." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފުލުހުން ބުނީ މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށާއި އަދި އިތުރު ހެކި ހުރެދާނެ ކަމަށެވެ. އަދި އަމުރަށް އެދުނީ ބެނާ ނަގަން އެންގުމުން އެއަށް އަމަލު ނުކުރުމަކީ ކުށެއް ކަމަށް ބަލައިގެން ކަމަށް ފުލުހުން ބުންޏެވެ.
ބެނާ ފިޔަވައި އިތުރު ހެއްކެއް ގެންދިޔަތޯ ސުވާލުކުރުމުން ފުލުހުން ބުނީ އެހެން އެއްޗެއް ނުގެންދާ ކަމަށެވެ.
ކުށާ ގުޅިގެން ތުހުމަތުކޮށް، ތަހުގީގުގައި ސުވާލު ކުރިންތޯ ބެންޗުން ސުވާލު ކުރެއްވުމުން ބުނީ ތަހުގީގުގައި ސުވާލު ނުކުރާ ކަމަށެވެ. އަދި ބަލައި ފާސްކުރުން ފިޔަވައި އިތުރު ކަމެއް މިވަގުތު ނުކުރާ ކަމަށް ބުންޏެވެ.
"ދެން ކާކަށްތޯ އެނގޭނީ ކިހިނެތްވެގެން ކަން މި ބަލައި ފާސްކުރަނީ ވެސް؟." ފުލުހުންގެ ޖަވާބުން އަނެއްކާވެސް ފަނޑިޔާރު ނިޔާޒް ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ކޮޕީ ދީފައިވާނެ ކަމަށެވެ.
ބެނާ ދަމާފައި ހުރީ ޔާމީން ދިރިއުޅުއްވާ ބައިގެ މަތީގައި ހަދަމުންދާ ފްލޯތަކުގައި ހުރި ދަގަނޑު ހޮޅިތަކެއްގަ އެވެ. އެހެންވެ، އެއީ ދޫވެހީގައި ހަރުކުރި އެއްޗެއް ކަމަށް ބެލެވޭތޯ ނުވަތަ ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އެއީ ދޫވެހީގެ ބައެއް ކަމަށެވެ.
އެ އަޑުއެހުމުގައި ޔާމީން ބައިވެރިވެ ވަޑައިގަތަސް، އެ މަނިކުފާނު ވާހަކަފުޅެއް ނުދައްކަވަ އެވެ.
ފަނޑިޔާރު ޝަފީއު އާއި ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
52 މިލިއަން ދޭން އެންގުމުން ބެންޗުގެ ސުވާލު ޕީޖީއަށް
ބެނާ ނެގި މައްސަލާގައި އާދިއްތަ ދުވަހު ހުކުމް އިއްވަނީ
ޔާމީންގެ ގެކޮޅުން ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓަށް
ޔާމީންގެ ފަސް އަހަރުގެ ޖަލު ހުކުމް ދަމަހައްޓައިފި
ޔާމީން ހައްޔަރުކުރުމުގެ އަމުރު އިސްތިއުނާފުކޮށްފި
ނިހާނަށް ކުރި ޖަލު ހުކުމް ބާތިލްކުރުމުން މިނިވަންވެއްޖެ
ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު
ލަމްހާ ދޫކުރި މައްސަލަ ހައި ކޯޓުން ބަލައެއްނުގަތް
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި