Roadha Mihaaru
ލަމްހާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި

ލަމްހާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ހެކި، 74 މީހުން ހިމެނޭ

19 މެއި 2022

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ ހަލީމަތު ލަމްހާއާ ދެކޮޅަށް 74 މީހުން ހިމެނޭ ގޮތަށް 100 ވުރެ ގިނަ ހެކި ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރި މޭރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ އެކު ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ގެއިން ފެނިފައިވާތީ އިތުރު ދެ ދައުވާއެއް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން މަރުގެ ދައުވާ ސާބިތުކުރަން 110 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި 74 ހެއްކަކީ އެކި ކަންކަން ސާބިތުކުރަން ހުށަހެޅި މީހުންނެވެ. އޭގެ ތަފްސީލަކަށް ނުގޮސް، ދައުލަތުން ބުނީ ހެކި ލިސްޓުގައި އެ ތަފްސީލުތައް ހިމަނާފައިވާނެ ކަމަށެވެ.

އައިޖީއެމްއެޗްގައި ބޭނުންކުރަން ގެނެސްފައި ހުރި ބާރުގަދަ ބޭސްތަކެއް ލަމްހާގެ ކޮޓަރިން ފެނުނު ކަމަށް ބުނެ ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުން 18 ހެއްކެއް ހުށަހެޅި އެވެ.

ދިފާއީ ހެކިންގެ ތެރޭގައި އައިޖީއެމްއެޗްގެ ސީއީއޯގެ ނަން

ދިފާއުގައި ލަމްހާގެ ފަރާތުން ހުށަހެޅީ 11 މީހުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމާއި އެ ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ އަލީ ޝާން އާއި ޑެޕިއުޓީ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް އާއި މޭރީގެ ޕޯސްޓްމޯޓަމް ހެދި ބޭރުގެ ދެ ޑޮކްޓަރުންނާއި ލަމްހާ ދިރިއުޅުނު ގޭގެ ބައެއް މީހުން ހިމެނެ އެވެ. އަދި ތަހުގީގުކުރި ފުލުސް މީހާ ލަމްހާ އުުޅުނު ގެ ފާސްކުރި ދެ ފުލުހަކާއި ސަން އޮންލައިންގައި ޝާއިއުކުރި އިންޓަވިއުއަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިއަކާއި އިތުރު މީހަކު ވެސް ހިމެނެ އެވެ.

މޭރީ އާއި މާވިން: މާވިންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރޭ

މޭރީ އާއި މާވިން: މާވިންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރޭ

އައިޖީއެމްއެޗްގެ ސީއީއޯ ހުށަހެޅީ ލަމްހާގެ ކޮޓަރިން ފެނުނު ބޭސްތަކަކީ އެ ހޮސްޕިޓަލްގައި އެކަނި ބޭނުންކުރާ އެއްޗެއް ނޫންކަން ސާބިތު ކުރުމަށެވެ. ޑެޕިއުޓީ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް ހުށަހެޅީ ވެސް އެކަމަށެވެ.

ލަމްހާ ދިރިއުޅުނު ގޭގެ ދެ މީހަކު ހުށަހެޅީ މޭރީ އާއި މާވިން އެ މީހުންގެ ގޭގައި އުޅޭ ވަގުތު، އެ ދެ މީހުންގެ ދަރިފުޅު ބަލަން ލަމްހާއާ ހަވާލު ކުރުމުން ލަމްހާގެ ގެއަށް އެ ކުއްޖާ ގެންނަކަން ސާބިތު ކުރުމަށެވެ. ފެނުނު ބޭސްތަކަކީ އެހެން ހޮޮސްޕިޓަލްތަކުގައި ވެސް ބޭނުންކުރާ އެއްޗެއް ކަން ސާބިތުކުރަން އެތަންތަނުގެ ލިޔުމާއި އެފަދަ ބޭސްތައް އެތެރެކޮށްފައިވާ ފަރާތްތަކާ ބެހޭގޮތުން ކަސްޓަމްސްގެ ލިޔުންތައް ހެކީގެ ގޮތުގައި ހޯދަން ކޯޓަށް ހުށަހަޅާނެ ކަމަށް ލަމްހާގެ ވަކީލުން ބުންޏެވެ. ހެކިތަކަށް ބެއްލެވުމަށް ފަހު އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމެވެ. އެކަމަށް 15 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ.

މޭރީގެ މަރާ ގުޅިގެން މާވިންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިންނެވެ.