Roadha Mihaaru
ސްޓާލިންކް 32 ގައުމަކަށް؛ ރާއްޖެއަށް އަންނަ އަހަރު

ސްޓާލިންކް 32 ގައުމަކަށް؛ ރާއްޖެ އަށް އަންނަ އަހަރު!

14 މެއި 2022

އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ޖައްވަށް ފޮނުވައިގެން ފަށާފައިިވާ ސްޓާލިންކްގެ ހިދުމަތް މިހާރު 32 ގައުމަކަށް ލިބޭނެ ކަމަށް ބުނެފި އެވެ.

އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ޖައްވަށް ފޮނުވައިގެން ފަށާފައިިވާ ސްޓާލިންކްގެ ހިދުމަތް މިހާރު 32 ގައުމަކަށް ލިބޭނެ ކަމަށް ބުނެފި އެވެ.

މަޝްހޫރު މަހުޖަނު އީލޮން މަސްކްގެ ސްޕޭސް ކުންފުނިން ބުނީ އެ ހިދުމަތް މިހާރު ލިބޭ ގައުމުތަކުން އޯޑަރުކޮށްފައިވާ ޑިޝްތައް "ވަގުތުން" ޝިޕް ކުރާނެ ކަމަށެވެ. ވަރަށް ގިނަ ގައުމުތަކުން، ގިނަ ބަޔަކު ވަނީ ސްޓާލިންކްގެ ޑިޝްތަކަށް އޯޑަރު ދީފަ އެވެ. ރާއްޖެއިން ވެސް ބައެއް މީހުން އޯޑަރުދީފައިވެ އެވެ.

އެ ހިދުމަތް ލިބޭ ގައުމުތަކުގެ މެޕެއް ވެސް އެ ކުންފުނިން އާންމުކުރި އެވެ؛ އެ މެޕުގައިވާ ގޮތުން، އަންނަ އަހަރު ރާއްޖެ އަށް ސްޓާލިންކްގެ ހިދުމަތް ލިބޭނެ އެވެ. މިދިޔަ އަހަރު ޕްރީ އޯޑަރަށް ހުޅުވާލުމުން، ރާއްޖެއިން ވެސް ބައެއް މީހުން ވަނީ އޯޑަރު ދީފަ އެވެ.

ސްޓާލިންކްގެ އިންޓަނެޓް މިހާރު ލިބޭ 32 ގައުމުގެ ތެރޭގައި ޔޫރަޕާއި ދެކުނު އަދި އުތުރު އެމެރިކާގެ ގައުމުތައް ހިމެނެ އެވެ. އަދި އޮސްޓްރޭލިއާ އާއި ނިއުޒިލެންޑާއި ވެސް ހިމެނެ އެވެ. އެ ހިދުމަތް އަންނަ އަހަރު ލިބޭނެ ގައުމުތަކާއި އަދި އެ ޚިދުމަތް ދޭނެ ގައުމުތައް ވެސް އެ މެޕުގައި ހިމަނާފައިވެ އެވެ.

އެކަމަކު، ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު އައިމިނަތު ޝައުނާ މިދިޔަ މާޗު މަހު ވިދާޅުވެފައި ވަނީ ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ދިނުމާ މެދު އަދިވެސް އޮތީ މަޝްވަރާގެ މޭޒުގައި ކަމަށެވެ. އެ ހިދުމަތް ފޯރުކޮށް ދިނުމަށް މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓަރު ރަޔާން ގުޑްނައިޓް ވަނީ މަޝްވަރާކޮށްފަ އެވެ.

އީލޮން މަސްކް ކުރިން ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ސްޓާލިންކް ހިދުމަތް ދިނަސް، އެއްވެސް ސަރުކާރަކުން ހިދުމަތް މަނާކުރާ ނަމަ އެ ގައުމަކަށް ހިދުމަތް ބްލޮކް ކުރާނެ އެވެ.

ސްޓާލިންކުން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވަނީ ހަދައިފަ އެވެ.