Roadha Mihaaru
އޭއާރް ރަހްމާނުގެ ދަރިފުޅު ހަދީޖާ ކައިވެނިކޮށްފި

އޭއާރް ރަހްމާނުގެ ދަރިފުޅު ހަދީޖާ ކައިވެނިކޮށްފި

07 މެއި 2022

އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންގެ ދަރިފުޅު، ހަދީޖާ އިއްޔެ ކައިވެނިކޮށްފި އެވެ.

އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންގެ ދަރިފުޅު، ހަދީޖާ އިއްޔެ ކައިވެނިކޮށްފި އެވެ.

ހަދީޖާ ކައިވެނިކުރީ އޯޑިއޯ އިންޖީނިއަރެއް ކަމަށްވާ، ރިޔާޒުއްދީން ޝެއިހް މުހައްމަދުއާ އެވެ. ހަދީޖާ އަށް މަރުހަބާ ކިޔައި ރަހްމާން ވަނީ ކައިވެނީގައި ނަގާފައިވާ އާއިލީ ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.

ފޮޓޯގައި ފެންނަނީ ހަދީޖާ އާއި އޭނާގެ ފިރިމީހާގެ އިތުރުން ރަހްމާނާއި އޭނާގެ އަނބިމީހާ ސައިރާ ބަނޫގެ އިތުރުން އެމީހުންގެ ދެން ތިބޭ ދެ ކުދިންނެވެ.

ހަދީޖާ ވެސް ވަނީ ކައިވެންޏަށް ފަހު ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އެއީ އޭނާ އެންމެ އިންތިޒާރު ކުރަމުން އައި ދުވަހެވެ.

ހަދީޖާ އާއި ރިޔާޒު އެންގޭޖުވީ މިދިޔަ އަހަރު އެވެ. އެންގޭޖްމަންޓް ހަފްލާއެކޭ އެއްގޮތަށް ކައިވެނި ހަފްލާ އަށް ވެސް ދައުވަތު ދިނީ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންނަށް އެކަންޏެވެ.

ހަދީޖާ މޫނު ބުރުގާ އަޅާތީ މީގެ ކުރިން ގިނަ ބަޔަކު ފާޑުކިޔެވެ. އެކަމަކު ކައިވެނީގެ ހަފްލާގައި ވެސް އޭނާ ހުރީ މޫނު ފޮރުވައިގެން، މާސްކެއް އަޅައިގެންނެވެ.

މޫނުބުރާ އަޅާތީ އަމާޒުވި ފާޑުކިިޔުންތަކާ ގުޅިގެން ހަދީޖާ ވަނީ ފޭސްބުކްގައި އެކަމާ ބެހޭ ގޮތުން ވާހަކަދައްކައިފަ އެވެ. އޭނާ ބުނީ މޫނު ބުރުގާ އެޅުމަކީ އޭނާ އަމިއްލަ އިހުތިޔާރުގައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެކަމުގައި އޭނާގެ މައިންބަފައިންގެ އެއްވެސް ނުފޫޒެއް ނެތް ކަމަށް ބުންޏެވެ.

އެތައް ހިޓް ލަވަތަކެއް ކިޔާފައިވާ އަދި އޮސްކާ އެވޯޑު ވެސް ހޯދާފައިވާ ރަހްމާނުގެ ތިބެނީ ތިން ކުދިންނެވެ. އެއީ ހަދީޖާ އާއި ރަހީމާގެ އިތުރުން ފިރިހެން ދަރިފުޅު އަމީނެވެ.