07 މެއި 2022
މާލޭގައި މި ފަހުން ހިންގާފައިވާ ނުރައްކާތެރި މާރާމާރީތަކާއި ވަޅިހެރުމުގެ ހަމަލާތަކުގައި އުމުރުން 15 އަހަރު ނުވާ ކުދިންތަކެއް ބައިވެރިވާ ކަމަށާއި ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި ކޮންމެ ފަހަރަކު ދޫކޮށްލަންޖެހޭ މައްސަލަ ބޮޑުވެފައިވާކަން އެނގިއްޖެ އެވެ.
މާލޭގައި މި ފަހުން ހިންގާފައިވާ ނުރައްކާތެރި މާރާމާރީތަކާއި ވަޅިހެރުމުގެ ހަމަލާތަކުގައި އުމުރުން 15 އަހަރު ނުވާ ކުދިންތަކެއް ބައިވެރިވާ ކަމަށާއި ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން އެ ކުދިންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި ކޮންމެ ފަހަރަކު ދޫކޮށްލަންޖެހޭ މައްސަލަ ބޮޑުވެފައިވާކަން އެނގިއްޖެ އެވެ.
ގްރޫޕް މާރާމާރީތައް ވަރަށް ބޮޑަށް މައިތިރިވެފައި އޮތުމަށް ފަހު ނުރައްކާތެރި ހަމަލާތަކެއް ދީ ބަޔަކު ޒަހަމްކޮށްލުމުން ފުލުހުން މި ދެތިން ދުވަހު ވަނީ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަން އިއުލާނު ވެސް ކޮށްފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިފަހަރުގެ މާރާމާރީތަކުގައި ވެސް އުމުރުން 15 އަހަރު ނުވާ ކުދިންތަކެއް ބައިވެރިވެ އެވެ.
އީދު ބަންދު ތެރޭ މާލޭގައި ހިންގި މާރާމާރީތަކުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންނަށް ބަލާއިރު އޭގެ ތެރޭގައި ވެސް ހިމެނެނީ އުމުރުން ކިރިޔާ 18 ފުރިފައިވާ މީހުންނާއި އެޔަށްވުރެ ތަންކޮޅެއް ދޮށީ މީހުންނެވެ.
މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ އުމުރުން 18 އަހަރު ނުވާ ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ 15 އަހަރު ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނާތީ، މާރާމާރީތަކުގައި އުޅޭ 15 އަހަރު ނުވާ ކުދިން ކޮންމެ ފަހަރަކު ވެސް ހައްޔަރުކުރުމުގެ ބަދަލުގައި ގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗިލްރެން ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ) އަށް ކަމަށެވެ.
ކުށެއްގެ ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ފުލުހުންގެ ވެެހިކަލަކަށް އަރުވަނީ. -- ފޮޓޯ: މިހާރު
"އެތަނަށް ގެންގޮސް އާއިލާއަށް ގުޅައި، އެ މީހުން ގެނެސް ހަވާލުކޮށްފައި ފޮނުވާލަން ޖެހެނީ. މި އުމުރުގެ ކުދިންނަށް ގާނޫނުގައި އޮންނަނީ ކުށްކުރުމާ ދުރުހެލިކޮށް، ފަރުވާ ދީ، ރީހެބިލިޓޭޓްކުރުމަށް ފިޔަވަޅު އެޅުން ކަމަށް ވިޔަސް ގާނޫނުގައި ބުނާ އެއިން އެއްވެސް ވަސީލަތެއް ގާއިމުކޮށްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މާރާމާރީތަކުގައި އުޅޭ ކުދިން އެފްސީޕީޑީ އަށް ގެންދިއުމުން އެތަނާއި ތަނުގައި ހުންނަ ތަކެއްޗަށް ގެއްލުން ދިނުމަކީ ވެސް އާންމުކޮށް ހިނގާ ކަމެކެވެ. އެކަމަކު ގާނޫނީ ގޮތުން ކުޑަކުއްޖެއް ކަމަށް ބެލެވޭ އުމުރުގެ ކުދިން ކޮންޓްރޯލްކުރުމަށް ބިޑި އެޅުވުމަކީ ވެސް ގާނޫނީ ގޮތުން ކުރެވޭ ކަމެއް ނޫނެވެ.
ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ހައްޔަރުކުރަން ބޭނުންކުރެވޭ އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ހާލެއްގައި ބޭނުންކޮށްގެންނުވާނެ ކަމަށް ބުނެ ގާނޫނުގައި މަނާ ލިސްޓެއް އޮވެ އެވެ. އެއީ؛
● ވަޅި އާއި ބަޑި
● ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު ނުވަތަ ހިލިހިލާ
● ޓޭޒާ ނުވަތަ އެފަދަ އެއްޗެއް
● ޕެޕަ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް
● ސްޓްރެއިޓް ޖެކެޓް
● ތަދު އިހުސާސްކޮށްދޭ އާލާތްތައް
ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު އެންމެ ފުރަތަމަ މަސައްކަތްކުރަންވާނީ ކުއްޖާއާ ވާހަކަ ދައްކައިގެން އެކުއްޖާގެ އެއްބާރުލުން ހޯދަން ކަމަށް ވެސް ގާނޫނުގައި އޮވެ އެވެ.
މާލެތެރޭ ހިންގާ މާރާމާރީތަކުގައި އާންމުކޮށް ބައިވެރިވާ، އުމުރުން 15 އަހަރު ނުވާ ހައެއްކަ ކުދިން އުޅޭ ކަމަށްވެ އެވެ. ކޮންމެ ފަހަރަކު ވެސް މިއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލަން ޖެހުމުން އަނެއްކާ ވެސް އިތުރު ކުށްތަކަށް އަރައިގަނެ އެވެ. މި ކުދިން ހައްޔަރުކޮށް، ގާނޫނުގައި ބުނާ އިސްލާހީ ޕްރޮގްރާމްތައް ހިންގަން ބަލާއިރު އެ ވަސީލަތްތައް ގާއިމުވެފަ އެއް ނެތެވެ. އެހެންވެ މި ކުދިންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތީ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބުނާ ގޮތުން އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ނޫނީ ކުއްޖަކު ހައްޔަރުކޮށްގެން ނުވާނެ އެވެ. އަދި ކުއްޖާ ބަންދުކުރުން އެއީ އެ ނޫން އެހެން ފިޔަވަޅުތައް އެކުއްޖާއާ މެދު އެޅުމަށް ފަހު އަދި އެ ފިޔަވަޅުތައް ނާކާމިޔާބުވުމަށް ފަހު، އެޅޭ އެންމެ ފަހުގެ ފިޔަވަޅެއް ކަމުގައި ވެސް ވާންޖެހެ އެވެ. ކުށުގެ ބޮޑުމިނާއި ހާލަތަށް ބަލައި ކުދިން ބަންދުކުރެވޭނެ ކަމަށް ގާނޫނުގައި އޮތަސް ކުދިން ބަންދުކޮށްގެން ގެންގުޅެން ގާނޫނުން ދައްކާ ތަނެއް ނެތެވެ. އެހެންވެ ގާނޫނުގައި އޮންނަ ގޮތަށް، ފިޔަވަޅެއް ނާޅައި ދޫކޮށްލުމާއި ނަސޭހަތްދިނުމާއި އިންޒާރުދިނުމެވެ. މި ކަންކަމުގެ ތެރެއިން އޮންނަ ކަންކަމަކީ؛
● ފިޔަވަޅެއް ނާޅައި ދޫކޮށްލުން
● އަނގަބަހުން ނަސޭހަތް ދިނުން
● ނުރަސްމީ އިންޒާރެއް ދިނުން
● ރަސްމީ އިންޒާރެއް ދިނުން
● ކޮމިއުނިޓީ ކޮންފަރެންސިން ބޭއްވުން
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި އޮންނަ ގޮތުން ނަމަ، ކުށް ކުރާ 15 އަހަރުން މަތީގެ ކުދިންނަށް ހާއްސަ މަރުކަޒެއް ހަދައި އެ ކުދިން ރިހެބިލިޓޭޓް ކުރުމަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ކުރަންޖެހޭ ކަމެކެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި އޮންނަނީ 15 އަހަރުން ދަށުގެ، ކުށްކުރުމަށް ހުށަހެޅިދާނެ ކުދިން އެކަހެރިކޮށް މަރުކަޒުތަކުގައި ގެންގުޅުމުގެ ބަދަލުގައި އެ ކުދިންނަށް ޕްރޮގްރާމްތައް ހިންގުމަށެވެ. މިއީ ވެސް ޑީޖޭޖޭ އިން ކުރަންޖެހޭ ކަމެކެވެ.
މި ކަންކަމާ ބެހޭ ގޮތުން ޑީޖޭޖޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ވެސް، އުމުރުން 15 ނުވާ، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ އުމުރުގެ ކުދިންނާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ގާނޫނާ ހިލާފް އަމަލުތަކަށް ހުށަހެޅޭ 18 އަހަރު ނުވާ އެއްވެސް ކުއްޖަކީ ކުށް ކުރާ ކުދިން ކަމަށް ނުބެލުމަށް ވެސް އޮވެ އެވެ. މި ކުދިން ކުށުގެ ވެރިން ދުރުކުރުމަށް އޮންނަނީ އެ ކުދިންނަށް ޕްރޮގްރާމްތައް ހިންގައި އަދި އެ ޕްރޮގްރާމްތަކުގައި ކުދިން ބައިވެރިވިރިކުރުވުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފަ އެވެ.
ގެންގޮސް އާއިލާއަށް ގުޅައި، އެ މީހުން ގެނެސް ހަވާލުކޮށްފައި ފޮނުވާލަން ޖެހެނީ. މި އުމުރުގެ ކުދިންނަށް ގާނޫނުގައި އޮންނަނީ ކުށްކުރުމާ ދުރުހެލިކޮށް، ފަރުވާ ދީ، ރީހެބިލިޓޭޓްކުރުމަށް ފިޔަވަޅު އެޅުން ކަމަށް ވިޔަސް ގާނޫނުގައި ބުނާ އެއިން އެއްވެސް ވަސީލަތެއް ގާއިމުކޮށްފައެއް ނެތް
ޖެންޑަ މިނިސްޓްރީން ބުނީ ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ހާއްސަ މަރުކަޒުތައް ނެތުމަކީ އެ މިނިސްޓްރީގެ [ޗިލްރެން އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް] ވެސް އޮތް ކަންބޮޑުވުމެއް ކަމަށެވެ.
"އެއީ މި ސާވިސް އިން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތަށް މި ނަގާ ކުދިންނާ އެކު ކުރާ މަސައްކަތާ ތަފާތު މަސައްކަތަކަށް ވާހިނދު އެ ކުދިންނަށް ހާއްސަ މަރުކަޒު ނެތުމަކީ މި ސާވިސްގެ ގާނޫނީ ޒިންމާގެ ދަށުން ދައުލަތަށް ނަގާ ކުދިންގެ ގޮތުގައި ކަނޑައެޅޭނެ ކުދިން ނޫންކަން ފާހަގަކުރަން،" ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ޖެންޑަ މިނިސްޓްރީން ބުނި ގޮތުގައި ކުށުގެ ވެށީގައި އުޅޭ ކުދިންނަށް ހާއްސަ މަރުކަޒުތައް ހުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީ ޑީޖޭޖޭއާ އެކު އެކި މަސައްކަތްތައް މި އަހަރު ތެރޭ ކުރުމަށް ރާވައި ބައެއް މަސައްކަތް ވެސް މިހާރު ވަނީ ފެށިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ރިސްކް ބިހޭވިއާ ނުވަތަ ކުށުގެ ވެއްޓަށް ހިނގައިދާނެ ކަމަށް ބެލެވޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ދެ އިދާރާ ގުޅިގެން ހިންގުން ކަމަށާއި އެކަމުގެ އިދާރީ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކުޑަކުދިން ކުށުގެ ވެށިން ދުރުކޮށް އިސްލާހުކުރުމުގެ މަގްސަދުގައި ރާއްޖޭގައި ހަދާފައި ހުރި ގާނޫނުތަކުގައި ރާއްޖޭގެ މާހައުލާ ބީރައްޓެރި އަދި ތަންފީޒު ނުކުރޭ ކަންކަން ގިނަ އެވެ.
ގޭންގު މާރާމާރީއެއްގައި ގެއަކަށް ވަދެ ވަޅިޖަހައިފި
ޒުވާނެއްގެ ހަތް ތަނަކަށް ވަޅި ހަރައި ޒަހަމްކޮށްލައިފި
ޒުވާނެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި
މާރާމާރީހިންގަން އުޅުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލައިފި
ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗެހިން ހަމަލާ ދީފި
މާރާމާރީ ހިންގަން އުޅެނިކޮށް ހުއްޓުވައި،އެކަކު ހައްޔަރު
ހަމަލާ ދީފައި ފިލައިގެން އުޅުނު މީހާއަށް ދައުވާކުރަނީ
ގޭންގް ކުށެއް ނުހުއްޓުވުނު،ގާނޫނުގެ އަތް ބަނދެވިފައި!
މާރާމާރީތަކެއް ހިންގަން އަދިވެސް އެބަ ރާވާ: ފުލުހުން
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ