Roadha Mihaaru
ރައީސްގެ ގަރާރު ބާތިލުކުރަން އިދިކޮޅުން ކޯޓަށް

ރައީސްގެ ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަނުން ކޯޓަށް މައްސަލަ ހުށަހަޅައިފި

27 އެޕްރީލް 2022

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އަހުމަދު ޝަބީން އަހުމަދު ޝަބީން

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ ކޯލިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކޯޓަށް މިއަދު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނެރުއްވި ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ އެފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވައިފައިވެ އެވެ.

''....ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެެޅީމެވެ.''

އިދިކޮޅު ކޯލިޝަނުން ރައީސްގެ ގަރާރު ބާތިލު ކުރަން ކޯޓަށް ހުށަހެޅީ، އެ ގަރާރާ ގުޅިގެން ގާނޫނީ ބައެއް މީހުން ވެސް ފާޑުކިޔާފައި ވަނިކޮށެވެ. ބައެއް މީހުން ބުނެފައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާއިރު ގަރާރެއް ނެރުއްވައިގެން އެ ހައްގު ހަނިނުކުރެވޭނެ ކަމަށެވެ.