Roadha Mihaaru
ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި

ރަށްރަށަށް ގެންނަން އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި

26 އެޕްރީލް 2022

މާލެ ސަރަހައްދު ފިޔަވައި އެހެން ބައެއް ރަށްރަށުގައި ބޭނުންކުރުމަށް އިތުރު 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި އެވެ. މިއީ ރާއްޖެ ގެނެސްދޭން މިދިޔަ އަހަރުގެ ޖޫން 10 ގައި ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސެވެ. އޭރު އެއްބަސްވެފައި ވަނީ އެ އުޅަނދުތައް 180 ދުވަހުގެ ތެރޭގައި ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ ސަރަހައްދު ފިޔަވައި އެހެން ބައެއް ރަށްރަށުގައި ބޭނުންކުރުމަށް އިތުރު 96 އެމްބިއުލާންސް ރާއްޖެ ގެނެސްފި އެވެ. މިއީ ރާއްޖެ ގެނެސްދޭން މިދިޔަ އަހަރުގެ ޖޫން 10 ގައި ހެލްތު މިނިސްޓްރީން އެސްޓީއޯއާ ހަވާލުކުރި 96 އެމްބިއުލާންސެވެ. އޭރު އެއްބަސްވެފައި ވަނީ އެ އުޅަނދުތައް 180 ދުވަހުގެ ތެރޭގައި ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކުރުމަށެވެ.

އެ ކުންފުނިން އެ އެމްބިއުލާންސްތައް ރާއްޖެ ގެނެސް މިއަދު ހެލްތު މިނިސްޓްރީއާ އުޅަނދުތައް ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް، އެމްބިއުލާންސްތައް ގެންނަން ހަވާލުކުރި އަގެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެ އުޅަނދުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އެމްބިއުލާންސްތަކަށް ވާ ފައިސާ ދެއްކުމަށް އެސްޓީއޯ އިން ތިން އަހަރުގެ މުއްދަތެއް ވެސް ދީފައިވާ ކަމަށެވެ.

"އެސްޓީއޯއަކީ އަޅުގަނޑުމެންގެ މަަސައްކަތްތަކުގައި އެހީތެރިކަންދޭ ކުންފުންޏެއް. އެމްބިއުލާންސްތައް ހަމައެކަނި ގެނެސްދިނީކީ ނޫން. ތިން އަހަރުގެ މުއްދަތެއް އެބައޮތް ދީފައި ފައިސާ ދެއްކުމަށް. މިއީ އެސްޓީއޯއަކަށް މާބޮޑު ފައިދާތަކެއްވާ ކަމެއް ނޫން، ވަރަށް ބޮޑު ބުރަ ކަމެއް މިއީ،" ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، 96 އެމްބިއުލާންސް އެކި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރާނީ އެސްޓީއޯއިންނެވެ. އަދި ރަށްރަށުގައި ހުރި ބާ އެންބިއުލާންސްތައް އަނބުރާ ގެނެސް ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އެކަމަކު މި އެމްބިއުލާންސްތައް ހަވާލުކުރާ ގޮތަށް ހަމަޖެހިފައިވަނީ ކޮން ރަށްތަކަކަށް ކަމެއް ސާފެއް ނުވެ އެވެ.

މި ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ދަށުން މި އަހަރު ވާނީ "އާދަޔާ ހިލާފަށް" ސަރުކާރުގެ ފޯކަސް ސިއްހީ ނިޒާމަށް އަމާޒުވާނެ އަހަރަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިއްހީ ދާއިރާ އަށް ހާއްސަ ކޮށްގެން ރާވަމުން އައި ސްޓްރެޓެޖީތައް މި އަހަރު ނިމުމުގެ ކުރިން ނިންމައި ހަރުދަނާކަމާ އެކު ހިދުމަތް ދެވޭނެ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އާ ހޮސްޕިޓަލުތަކެއް ހަދާނެ ކަމަށާއި އެ ކަމަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ނަސީމް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްބިއުލާންސްގެ ހިދުމަތް އިތުރަށް ފުޅާވުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވާ ގިނަ ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ އެވެ. ބައެއް ރަށްރަށުގައި އެމްބިއުލާންސް ހަލާކުވެ، އެ ހިދުމަތް މެދުކެނޑިފައި އޮތުމުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ އެމްބިއުލާންސް ގަންނަން ހަވާލުކުރިއިރު، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަަމަވެއްޖެ ކަމަށް 2019 ވަނަ އަހަރު ވެސް މި ސަރުކާރުން އިއުލާނު ކުރި އެވެ.

ޖަޕާން ސަރުކާރުން ހަދިޔާކުރި އެމްބިއުލާންސްތައް ރަށްރަށުގެ ސިއްހީ ހިދުމަތްދޭ ތަންްތަނާ ހަވާލުކުރަން އޮކްޓޯބަރު 12، 2019 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، އެ ދުވަހު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވިއަސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.