Roadha Mihaaru
އިޓާލިއަން ކަޕް: ފައިނަލުގައި އިންޓަ އާއި ޔުވެންޓަސް

އިޓާލިއަން ކަޕް: ފައިނަލުގައި އިންޓައާ ދެކޮޅަށް ޔުވެންޓަސް

21 އެޕްރީލް 2022

ޓިއުރިން (އޭޕްރީލް 21) - ސެމީ ފައިނަލުގައި ފިއޮރެންޓީނާ ބަލިކޮށް އިޓާލިއަން ކަޕުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (އޭޕްރީލް 21) - ސެމީ ފައިނަލުގައި ފިއޮރެންޓީނާ ބަލިކޮށް އިޓާލިއަން ކަޕުގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ދަތުރު ކޮށްފި އެވެ.

ޔުވެންޓަސް ފައިނަލަށް ދިޔައީ ސެމީ ފައިނަލުގެ ދެވަނަ ލެގު 2-0 އިން ކާމިޔާބު ކޮށްގެން، 3-0 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު އެވެ. ފުރަތަމަ ލެގު އެޓީމު ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އަށް ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނިޓުގައި ޖަހައިދިނީ ފެޑެރީކޯ ބާނަޑޭޝްކީ އެވެ. އަލްވަރޯ މޮރާޓާގެ ހުރަހެއް ގޯލްކީޕަރަށް ނުހިފުމުން ކައިރީގައި ހުރި ޑިފެންޑަރު ބޮލުން ސާފްކޮށްލި ވަގުތު، ބާނަޑޭޝްކީ އަށް ލިބުމުން އޭނާ ވަނީ ކީޕަރަށް ފުރުސަތެއް ނުދީ ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.

ޔުވެންޓަސްގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ހުއާން ކުއަޑްރާޑޯ ދިން ޕާހަކުން ޖެހީ ޑަނީލޯ އެވެ. އޭގެ ކުރިން ފަހު ހާފުގައި އެޑްރިއެން ރަބިއޯ ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

މީގެ އިތުރުން ވެސް ޔުވެންޓަސް އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ޑޫސާން ވްލަހޯވިޗް ފޮނުވާލި ބޯޅައެއް ފިއޮރެންޓީނާގެ ގޯލްކީޕަރު ދިފާއު ކުރިއިރު ޑެނިސް ޒަކަރިއާ ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލު ހުރަސް ދަނޑީގައި ވެސް ޖެހިފަ އެވެ.

ފިއޮރެންޓީނާ އިން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. ނަމަވެސް ރޭގެ މެޗުގައި ޔުވެންޓަސްގެ ގޯލު ބެލެހެއްޓި ރިޒާވް ކީޕަރު މަޓިއާ ޕެރިން ވަނީ ހުށިޔާރުކަމާ އެކު ހަމަލާތައް ދިފާއު ކޮށްފަ އެވެ.

މިއީ ޔުވެންޓަސް މުބާރާތުގެ ފައިނަލަށް ދަތުރުކުރި 21 ވަނަ ފަހަރެވެ. މިދިޔަ އަހަރު ޔުވެންޓަސް މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އެޓަލާންޓާ ބަލިކޮށްފަ އެވެ.

ރޯމްގައި ކުޅޭ އިޓާލިއަން ކަޕް ފައިނަލުގައި އަންނަ މެއި މަހުގެ 11 ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ނުކުންނާނީ އިންޓަ މިލާނެވެ.