Roadha Mihaaru
ޚަތިމް އެންދުމުން ސްވިޑްންގައި މުޒާހަރާތައް ހޫނުވަނީ

ޚަތިމް އެންދުމުން ސްވިޑްންގައި މުޒާހަރާތައް ހޫނުވަނީ

20 އެޕްރީލް 2022

ސްވިޑްންގެ ހަރުކަށި ސިޔާސީ ޕާޓީއަކުން، ކީރިތި ގުރްއާން ލިޔެފައިވާ ޚަތިމްތައް އެންދުމުގެ ކެމްޕޭނެއް ފެށުމާ ގުޅިގެން، އުފެދިފައިވާ ހަމަނުޖެހުންތައް ހަފުތާއަކަށް ދެމިގެން ދިޔައިރު، މުޒާހަރާތަކަށް ނުކުންނަ މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 40 މީހަކު ޒަހަމްވެއްޖެ އެވެ.

ސްވިޑްންގެ ހަރުކަށި ސިޔާސީ ޕާޓީއަކުން، ކީރިތި ގުރްއާން ލިޔެފައިވާ ޚަތިމްތައް އެންދުމުގެ ކެމްޕޭނެއް ފެށުމާ ގުޅިގެން، އުފެދިފައިވާ ހަމަނުޖެހުންތައް ހަފުތާއަކަށް ދެމިގެން ދިޔައިރު، މުޒާހަރާތަކަށް ނުކުންނަ މީހުންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން 40 މީހަކު ޒަހަމްވެއްޖެ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެންމާކްގައި އޮންނަ އާންމު އިންތިހާބަށް ތާއީދު ހޯދުމުގެ ސިޔާސީ ހީލަތްތެރި އުކުޅެއްގެ ގޮތުން، އާންމު ތަންތަނުގައި ކީރިތި ގުރްއާން އެންދުމުގެ ހަރަކާތެއް ފަށައިގެން މިއުޅެނީ، ހާޑް ލައިން ޕާޓީގެ ލީޑަރު ރަސްމަސް ޕަލުޑާން އެވެ. ސްވިޑްން އާއި ޑެންމާކްގެ ރައްޔިތުކަން އޮންނަ ރަސްމަސް ޕަލުޑާންގެ ހާޑް ލައިން ޕާޓީއަކީ، ސްވިޑްންގައި އިސްލާމް ދީން އޮތުމަށާއި މުސްލިމުން އެ ގައުމަށް ހިޖްރަކޮށް ވަޒަންވެރިވުމާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެކެވެ.

ޕަލުޑާން މިހާރު ރާވާފައިވަނީ، ސްވިޑްންގައި މުސްލިމުން އެންމެ ގިނަ ސަރަހައްދުތަކަށް މި ރޯދަ މަހުގެ ތެރޭގައި ދަތުރުކޮށް، އެ ސަރަހައްދުގެ އާންމު ތަންތަނުގައި ކީރިތި ގުރްއާން އެންދުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށެވެ. ޕަލުޑާންގެ މި ހަރަކާތާ ދެކޮޅު ހެދުމުގެ ގޮތުން، މިދިޔަ ހުކުރު ދުވަހުން ފެށިގެން ގިނަ އަދަދެއްގެ މުސްލިމުން ސްވިޑްގެ މަގުތަކަށް ނުކުމެ، އިސްލާމް ދީނަށް އިހާނެތިކޮށް ހިތުން ހުއްޓުވުމަށް ދަނީ ގޮވައިލަމުންނެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ މުޒާހަރާތަކަށް ނުކުތް މީހުން ހުއްޓުވުމަށް މަސައްކަތް ކުރުމުން، މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ހަތަރު އުޅަނދެއްގައި ހުޅުޖަހައި އަންދާލައިފަ އެވެ. ހަމަނުޖެހުން މައިތިރި ކުރުމުގެ ތެރޭގައި ފުލުހުން އޮފިސަރަކަށާއި އާންމުންގެ ހަތަރު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، 30 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ސްވިޑްންގެ ނޫސްތައް ބުނާ ގޮތުން ވެރިރަށް ސްޓޮކްހޯމްގައި ވެސް، މުޒާހަރާ ކުރި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި އެވެ. ސްވިޑްންގެ ފުލުހުންގެ ވެރިޔާ އެންޑާސް ތޯންބާގް ވިދާޅުވި ގޮތުގައި މިހާ ހަރުކަށި އަދި އަނިޔާވެރި މުޒާހަރާއެއް އޭނާގެ ވަޒީފާގެ މުއްދަތުގައި މިހާތަނަށް ފެނިފައެއް ނެތެވެ.

ސްވިޑްންގެ އިރުމަތީ ސަހަރެއް ކަމަށްވާ ނޯރްކޮޕިންގްގައި، ގުރްއާން އެންދުމުގެ އެއްވުމެއް ބާއްވަން ޕަލުޑާން އިންތިޒާމު ކުރި ނަމަވެސް، ފުލުހުންގެ ފަރާތުން އެކަށީގެންވާ ހިމާޔަތް ނުލިބުނު ކަމަށް ބުނެ، އެ އެއްވުން ވަނީ އެންމެ ފަހު ވަގުތު ކެންސަލްކޮށްފަ އެވެ. ނަމަވެސް އެ ހަރަކާތާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ އަށް ނުކުތް މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ތިން މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ.

ޕަލުޑާންއަކީ ސްވިޑްންގެ ބައްޕައަކަށާއި ޑެންމާކް މަންމައަކަށް ލިބިފައިވާ، މުސްލިމުންނާ ވަރަށް އިދިކޮޅު ހިޔާލުގެ ސިޔާސީ ލީޑަރެކެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުތީ އިސްލާމް ދީނަށް ފުރައްސާރަކޮށް އުފެއްދި ވީޑިއޯތަކެއް ޔޫޓިއުބްގައި އާންމުކުރުމަށް ފަހު، އާންމުންގެ ސަމާލުކަން ހޯދައިގެންނެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ޑެންމާކްގައި ބޭއްވި އާންމު އިންތިހާބުގައި ވާދަކޮށްގެން ވެސް، ޕަލުޑާންގެ ހާޑް ލައިން ޕާޓީ އަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވެ އެވެ. މިހާރު އޭނާގެ އަމާޒަކީ ޖޫން 2023 ގައި އޮންނަ އާންމު އިންތިހާބުގައި ވެސް ވާދަކުރުމެވެ. ނަމަވެސް ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެވޭ ވަރަށް، އޭނާ އަށް ތާއީދު އޮތް ކަމުގެ ސޮއި ހޯދިފައެއް ނުވެ އެވެ.