Roadha Mihaaru
ފެންޓާސްޓިކް ބީސްޓްސް އަށް ތަރުހީބެއް ނުލިބުނު

ފެންޓާސްޓިކް ބީސްޓްސް އަށް ތަރުހީބެއް ނުލިބުނު

19 އެޕްރީލް 2022

ހެރީ ޕޮޓާ ޔުނިވާސްގެ ދެވަނަ ފްރެންޗައިޒް ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް"ގެ ތިންވަނަ ފިލްމަށް ސިނަމާތަކުގައި ތަރުހީބެއް ނުލިބޭކަން ބޮކްސް އޮފީހުގެ އާމްދަނީ އާއި ކްރިޓިކްސްގެ ރިވިއުތަކުން އެނގިއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ހެރީ ޕޮޓާ ޔުނިވާސްގެ ދެވަނަ ފްރެންޗައިޒް ފިލްމު ސީރީޒް "ފެންޓާސްޓިކް ބީސްޓްސް"ގެ ތިންވަނަ ފިލްމަށް ސިނަމާތަކުގައި ތަރުހީބެއް ނުލިބޭކަން ބޮކްސް އޮފީހުގެ އާމްދަނީ އާއި ކްރިޓިކްސްގެ ރިވިއުތަކުން އެނގިއްޖެ އެވެ.

ފެންޓާސްޓިކް ބީސްޓްސް ގެ ތިންވަނަ ބައި "ދަ ސީކްރެޓްސް އޮފް ޑަމްބަލްޑޯ" ވަނީ މިދިޔަ ހަފުތާ ބަންދުގައި ދައްކަން ފަށައިފަ އެވެ. އެއާ އެކު، އެ ފިލްމު އުފެއްދި ވޯނާ ބްރޮސް އިން ލަފާކުރި އަދަދަށް ވުރެ ވެސް ދަށްކޮށް އާމްދަނީ ލިބިފައިވާ ކަމަށް ބޮކްސް އޮފީހުން ބުންޏެވެ.

މިދިޔަ ހަފުތާ ބަންދުގައި އެމެރިކާގައި އެ ފިލްމަށް ލިބިފައި ވަނީ 43 މިލިއަން ޑޮލަރެވެ. އެއީ ހަފުތާ ބަންދުގައި އެންމެ މަތިން އާމްދަނީ ލިބުނު ފިލްމެވެ. ނަމަވެސް އެއީ މިހާތަނަށް އެ ފްރެންޗައިޒްގެ ފިލްމުތަކަށް އެންމެ ދަށުން އާމްދަނީ ލިބުނު އޯޕެނިން އެވެ.

އެ ފްރެންޗައިޒްގެ ފުރަތަމަ ފިލްމަށް އޯޕެނިންގައި 74.4 މިލިއަން ޑޮލަރު ލިބުނު އިރު، ދެވަނަ ފިލްމަށް ވަނީ 62.4 މިލިއަން ޑޮލަރު ލިބިފަ އެވެ.

ތިންވަނަ ފިލްމަށް ފިނި ތަރުހީބެއް ލިބުނު އިރު، އެ ފިލްމު އުފެއްދުމަށް 200 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.

މި ފިލްމަށް ލިބޭ އާމްދަނީ ދަށްވުމުގެ ފަހަތުގައި ކްރިޓީކުންގެ ނެގެޓިވް ރިވިއުތަކާއި ދަށް ރޭޓިންތައް ވެސް ހިމެނެ އެވެ. ގިނަ ކްރިޓީކުންނަށް ފިލްމު ކަމަކުނުދިޔަ އެވެ. ރޮޓެން ޓޮމާޓޯސްގައި އެ ފިލްމަށް ލިބިފައި ވަނީ 49 ޕަސެންޓްގެ ރޭޓިންއެކެވެ.

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ފިލްމު އަޅުވަމުން އަންނައިރު، ރާއްޖޭގައި ވެސް އެ ފިލްމު އަންނަނީ ދައްކަމުންނެވެ.