Roadha Mihaaru
ހެރީ ސްޓައިލްސްގެ އާ ލަވަ އަށް ބޮޑު ކާމިޔާބީއެއް

ހެރީ ސްޓައިލްސްގެ އާ ލަވަ އަށް ބޮޑު ކާމިޔާބީއެއް

18 އެޕްރީލް 2022

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އެންމެފަހުން ނެރުނު ލަވަ ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ހިމެނިއްޖެ އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް އެންމެފަހުން ނެރުނު ލަވަ ގިނިސް ވޯލްޑް ރިކޯޑް ފޮތުގައި ހިމެނިއްޖެ އެވެ.

އެ ލަވަ ނެރުނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. "އެޒް އިޓް ވޯޒް" ކިޔާ އެ ލަވަ އަށް ޓިކްޓޮކްގައި ވެސް މިދުވަސްކޮޅު ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، އެ ލަވައަކީ މިހާރު ވެސް ހިޓެކެވެ.

ދުނިޔޭގެ ރިކޯޑް ފޮތުން އެ ލަވަ އަށް ޖާގަ ލިބުނީ ސްޕޮޓިފައިން އެ ލަވަ ސްޓްރީމްކުރި އަދަދުންނެވެ.

އެ ލަވަ ސްޕޮޓިފައި އަށް އަޕްލޯޑްކުރިތާ 24 ގަޑިއިރުގެ ތެރޭގައި ވަނީ 16 މިލިއަން ފަހަރު ސްޓްރީމް ކޮށްފަ އެވެ. އެއީ މިހާތަނަށް ސްޕޮޓިފައިގައި ފިރިހެން އާޓިސްޓަކަށް އެންމެ ގިނަ ސްޓްރީމިން ހިޓްސް ލިބުނު ފަހަރެވެ. އެ ރިކޯޑް ކުރިން އޮތީ އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ އެޑެލްގެ އަތުގަ އެވެ.

އެޑެލް މިދިޔަ އަހަރު ނެރުނު ލަވަ "އީޒީ އޮން މީ" އަކީ ސްޕޮޓިފައިގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ސްޓްރީމް ހޯދި ލަވަ އެވެ. އެއާ އެކު އެންމެ ގިނަ ސްޓްރީމް އޮތް އަންހެން އާޓިސްޓަކީ އެޑެލް އެވެ.

ސްޕޮޓިފައިގެ އިތުރުން ހެރީގެ "އެޒް އިޓް ވޯޒް" އަންނަނީ ދުނިޔޭގެ އެކި ޗާޓުތަކުގައި ވެސް އެއްވަނައިގައި ރަސްކަން ކުރަމުންނެވެ. މިވީ ދެ ހަފުތާގެ ތެރޭގައި އެ ލަވަ ވަނީ 34 ގައުމެއްގެ މިއުޒިކް ޗާޓުގެ އެއްވަނަ އަށް ގޮސްފަ އެވެ.