Roadha Mihaaru
ބާކީ 17 އަތޮޅު ފެރީން ގުޅާލުން ވެސް އެމްްޓީސީސީއަށް

ބާކީ 17 އަތޮޅު ފެރީން ގުޅާލުން ވެސް އެމްްޓީސީސީއަށް

15 އެޕްރީލް 2022

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ފެށި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގައި ހިމެނޭ ބާކީ 17 އަތޮޅު ވެސް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ފެށި "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު"ގައި ހިމެނޭ ބާކީ 17 އަތޮޅު ވެސް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ފަސޭހަކަން ހޯދައިދޭން ފެށި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ވެސް ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. ދެ ވަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވައްސާއެކު މުޅި މި މަޝްރޫއު ވެސް ދެން ކުރިއަށްގެންދާނީ އެ ކުންފުނިންނެވެ.

ހައި ސްޕީޑް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމީ ހއ. އާއި ހދ. އަދި ށ. އަތޮޅުގަ އެވެ. ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފެރީ ނެޓްވޯކުން ގުޅާލުމުގެ ދެވަަނަ ފިޔަވައްސާއި ތިން ވަނަ ފިޔަވަހީގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. އެ އެއްބަސްވުމުގެ ދަށުން ޕަބްލިކް ފެރީ ނެޓްވޯކްގެ ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމާއި އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުން ހިމެނެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ޕެސެންޖާ ފެރީ ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. ޕަބްލިކް ފެރީ ނެޓްވޯކް ފަރުމާކުރުމުގައި ސިއްހީ އަދި ސަލާމަތީ މިންގަނޑުތަކާއި، ފަސިންޖަރުންނަށް ފަސޭހަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް އަހައްމިއްޔަތުކަން ދީފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފެރީ ނެޓްވޯކާ އެކު ފެރީ ޓާމިނަލާއި އަރައި ފޭބުމުގެ މާލަންތައް ޒަމާނާ އެއްގޮތަށް ތަރައްގީކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހައި ސްޕީޑް ފެރީގެ ނިޒާމުގައި ބޭނުންކުރާ ލޯންޗުތައް ބަންނަން ހަވާލުކުރީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރާ ގަލްފް ކްރާފްޓާ އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ޓެސްޓްކުރުމަށް ލޯންޗެއް މޫދަށް ބާލައިފަ އެވެ.

އެމްޓީސީސީން ބުނެފައިވާ ގޮތުގައި ގޮތުގައި އެ ލޯންޗުތައް ފަރުމާކުރަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް އަމިއްލައަށް އަރައި ފޭބޭ ގޮތަށެވެ.