Roadha Mihaaru
މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކީ ބެޓްމޭން

މި އަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމަކީ ބެޓްމޭން

12 އެޕްރީލް 2022

ރޮބާޓް ޕެޓިންސަން އާއި ޒޯއީ ކްރެވިޓްސް ލީޑުން ފެންނަ "ދަ ބެޓްމޭން" ފިލްމަކީ މި އަހަރު މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމަށް ވެއްޖެ އެވެ.

ރޮބާޓް ޕެޓިންސަން އާއި ޒޯއީ ކްރެވިޓްސް ލީޑުން ފެންނަ "ދަ ބެޓްމޭން" ފިލްމަކީ މި އަހަރު މިހާތަނަށް ނެރުނު އެންމެ ކާމިޔާބު ފިލްމަށް ވެއްޖެ އެވެ.

ފިލްމު އެޅުވުމާ އެކު ކްރިޓިކުންގެ ފަރާތުން އެ ފިލްމަށް ލިބުނު ލޯތްބަކީ ފިލްމުގެ ކާމިޔާބީ އަށް އިތުރުވި އެއް ބޮޅެވެ. ބޮކްސް އޮފީހުގައި މި އަހަރު އެޅުވި އެންމެ ކާމިޔާބު ފިލްމަކީ ބެޓްމޭން ކަމަށް ވާއިރު، މިހާރު އެ ފިލްމުގެ އާމްދަނީ ވަނީ އެއް ބިލިއަން ޑޮލަރާ ކައިރި ކޮށްފަ އެވެ.

ބެޓްމޭނަށް އެމެރިކާގައި އެކަނި ވެސް ވަނީ 300 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވެ އެވެ. މިދިޔަ ހަފުތާ ބަންދުގައި ލިބިފައިވާ އާމްދަނީއާ އެކު އެ ފިލްމަށް، މުޅި ދުނިޔެއިން 735.1 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ބެޓްމޭންގެ އާމްދަނީ ރަނގަޅުވާނެ ކަމަށް ފިލްމު އެނަލިސްޓުން ލަފާކުރެ އެވެ.

މި އަހަރު އަދިވެސް ބޮޑެތި ފިލްމުތަކެއް އަޅުވާނެ އެވެ. އެނަލިސްޓުން ލަފާކުރާ ގޮތުގައި އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ "ޑޮކްޓާ ސްޓްރޭންޖް: މަލްޓިވާސް އޮފް މޭޑްނެސް" އަކީ ބެޓްމޭންގެ އާމްދަނީގެ ރެކޯޑް މުގުރާލާނެ ފިލްމެކެވެ. އަދި އޭގެ އިތުރުން "ޖުރެސިކް ވޯލްޑް"ގެ އާ ފިލްމަކީ ވެސް ބެޓްމޭންގެ އާމްދަނީ އަށް ވުރެ ބޮޑު އާމްދަނީ އެއް ހޯދާނެ ފިލްމެއް ކަމަށް ލަފާކުރެ އެވެ.