Roadha Mihaaru
ޔާމީންގެ ގާތިލުން ދޫވި މައްސަލަ ހަފުތާއެއް ތެރޭ ކޯޓަށް

ޔާމީންގެ މަރު: ގާތިލުން ދޫވި މައްސަލަ 17ގެ ކުރިން އިސްތިއުނާފްކުރަނީ

11 އެޕްރީލް 2022

ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދީ އަނިޔާވެރިކޮށް މަރާލުމުގެ ބައިވެރިން ދައުލަތާއި ފުލުހުންގެ އިހުމާލުތަކާ ހެދި ކުށް ސާބިތުނުވެ ދޫވި މައްސަލަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ.

ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދީ އަނިޔާވެރިކޮށް މަރާލުމުގެ ބައިވެރިން ދައުލަތާއި ފުލުހުންގެ އިހުމާލުތަކާ ހެދި ކުށް ސާބިތުނުވެ ދޫވި މައްސަލަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރަން ނިންމައިފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރު އަދި މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މިއަދު ވިދާޅުވީ މި މަހުގެ 17 ގެ ކުރިން އެ މައްސަލަ އިސްތިއުނާފްކުރުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފްކުރަން އޮންނަ 60 ދުވަހުގެ މުއްދަތު އަންނަ ހަފުތާގެ ނިޔަލަށް ހަމަވާނެ އެވެ.

ޔާމީން ދިރިއުޅެމުން ދިޔަ ގޭގެ ސިޑިގޮޅީގައި އޭޕްރީލް 2017 ގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް، ތޫނު އެއްޗެހި ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރި އެވެ.

ދަައުވާ ލިބޭ މީހުން

● ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު

● މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލް

● ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާން

● މ. ކުދެހިގޭ ހަސަން ޝިފާޒް

● މ. ތާއިފް އިސްމާއިލް ރަޝީދު

● މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދު

ކްރިމިނަލް ކޯޓުން ޖެނުއަރީ 19 ގައި ހުކުމް އިއްވީ ޔާމީން މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށެވެ. އެއީ ހައިޝަމް އާއި ޒިހާންގެ މައްޗަށެވެ. ދެން ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ ދޫވީ އެވެ.

މި މީހުން ދޫވުމާ އެކު ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނު ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު އެ މީހުން ދޫވީ ބޮޑެތި އިހުމާލުތަކަކާ ހެދި ކަން ކްރިމިނަލް ކޯޓުގެ ހުކުމުގައި އެބައޮތެވެ.

އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރާވައި ފާރަލަމުން ގޮސް ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ހަތަރު މީހަކު މިނިވަންވުމުގައި ފުލުހުންގެ ތަހުގީގާއި ދައުވާގައި ހުރި ގޯސްތައް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ އިރު ހަތަރު މީހަކު ސަލާމަތްވުމުގައި، ޕީޖީ އޮފީހަށް ފުރުސަތު ދިނުމުން ވެސް އިތުރު ދައުވާއެއް އެ މީހުންގެ މައްޗަށް އުފުލާފައި ނުވުން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެންމެންގެ މައްޗަށް ވެސް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި އޮތުމުން ކޯޓުން ދިނީ އެކަން ބަދަލުކުރުމުގެ ފުރުސަތެވެ. އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮތަސް ދައުލަތުން އެ ގޮތަށް ހުށަނޭޅީ ކަމަށް ކޯޓުން ބުންޏެވެ.

ޔާމީންގެ މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވިޔަސް ހުރިހާ ވާރިސުން ގިސޯސް ހިފަން ބޭނުން ނުވާތީ ކޯޓުން ހުކުމްކުރީ ގާތިލުން އުމުރަށް ޖަލަށް ލައި 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ނަގައި ދިނުމަށެވެ.

ޔާމީންގެ މަރާ އެކު އެންމެންގެ ލޯ ކުރިމައްޗަށް މި ފެނުނީ ސީދާ އެކަމުގެ އަޑީގައި ތިބި މީހުން ކަމަކަށެއް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. ޒުވާން ސިކުނޑިތަކަކަށް އަހަރެއްހާ ދުވަސް ކުރިން އެކަން ރާވައި ފާރަލައި އެހާ އަނިޔާވެރިކޮށް ދަރިފުޅު މަރާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލުނުކުރެވެނީ ކަމަަށް އެ އާއިލާ އިން ބުނެ އެވެ.