Roadha Mihaaru
ހިއްސާކުރާ އެންމެ ކަމަކުން ވެސް ފާފަވެރިއަކަށް ވެދާނެ!

ސޯޝަލް މީޑިއާއަށް ދޫކޮށްލެވޭ އެންމެ ވާހަކައަކުން ވެސް ފާފަވެރިއަކަށް ވެދާނެ!

11 އެޕްރީލް 2022

ސޯޝަލް މީޑިއާ ނުވަތަ މީސް މީޑިއާއަކީ މިއަދުގެ ދިރިއުޅުމުގައި އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މީގެ ބޭނުން ހިފުމުން ލިބޭ މަންފާތަކެއް ވެސް ހުރެ އެވެ. އެކަމަކު ނުރަނގަޅު ގޮތުގައި ބޭނުން ހިފައިފި ނަމަ ހިއްސާ ކޮށްލާ އެންމެ އެއްޗަކުން ވެސް މީހާ ފާފަވެރިއަކަށް ވެދާނެ އެވެ.

ޑރ. ސަޢުދުﷲ ޢަލީ ޑރ. ސަޢުދުﷲ ޢަލީ

ސޯޝަލް މީޑިއާ ނުވަތަ މީސް މީޑިއާއަކީ މިއަދުގެ ދިރިއުޅުމުގައި އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މީގެ ބޭނުން ހިފުމުން ލިބޭ މަންފާތަކެއް ވެސް ހުރެ އެވެ. އެކަމަކު ނުރަނގަޅު ގޮތުގައި ބޭނުން ހިފައިފި ނަމަ ހިއްސާ ކޮށްލާ އެންމެ އެއްޗަކުން ވެސް މީހާ ފާފަވެރިއަކަށް ވެދާނެ އެވެ.

ސޯޝަލް މީޑިއާ ނުވަތަ މީސް މީޑިއާއަކީ އިތުރު ތައާރަފަކަށް ބޭނުންވާ އެއްޗެއް ނޫނެވެ. ގްރޫޕްތަކުން ބައްދަލުވާން ބޭނުންކުރާ މަންސަތަކުގެ ތެރޭގައި ފޭސްބުކާއި ޓްވިޓަރާއި އިންސްޓަގްރާމާއި ޓެލެގްރާމާއި ވަޓްސްއެޕާއި ވައިބަ ފަދަ މަންސަތައް ވަރަށް ގިނަ މީހުން ބޭނުންކުރެ އެވެ.

ސޯޝަލް މީޑިއާގެ މަންފާތައް:

އެކަކު އަނެކަކަށް ތައާރަފުވުމާއި ގުޅުން ދެމެހެއްޓުމާއި އެހެން މީހުންގެ ފިކުރުތައް ދެނެގަތުމާއި ތިމާގެ ރައުޔުތައް ފާޅުކުރުމާއި ދީނީ ދައުވަތު ފެތުރުމާއި ދީނީ ސައްހަ މަޢުލޫމާތު ފޯރުވުން ފަދަ ކަންކަން ހިމެނެ އެވެ. ދުނިޔޭގެ އެތައްމިތަނުގައި ކަންކަން ހިނގަމުންދާ ގޮތުގެ ޚަބަރުތައް އެނގުމާއި އެކިއެކި އިލްމީ މައުލޫމާތުތައް ލިބުމަކީ ވެސް މީސްމީޑިއާގެ ރަނގަޅު ސިފަތަކުގެ ތެރެއިން ހިމެނޭ ކަންކަމެވެ.

ސޯޝަލް މީޑިއާގެ ގެއްލުންތައް:

• އެއްވެސް ގައިދެއް ނެތި މިނިވަންކަމާއެކު ބަސްބުނުމާއި އަމަލުތައް ހިންގުމުގެ ފުރުސަތު އޮތުން. މިގޮތަށް އޮތުމުން އިސްލާމީ ނަޒަރުން ބަލާއިރު މަނާ އެތައް ދާއިރާތަކަކަށް މިނިވަންކަމާއެކު ވަދެވުމާއި ހަލާލް، ހަރާމްގެ މިންގަނޑު ފަހަނައަޅައި ދިއުމާއި އިލްހާދީ ފިކުރުތަކަށް ހެއްލޭ ގޮތް މެދުވެރިވުމާއި އިސްލާމް ދީނާ މެދު ޝައްކު އުފެދުމަށް ފުރުސަތުތައް ފަހިވެގެން ދިއުމާއި މީހުންގެ އަބުރާ ބެހުމާއި މީހުންގެ މެދުގައި ފިތުނަ އުފެއްދުމާއި ނަފްރަތު އުފެއްދުމުގެ ވާހަކަތައް ފެތުރުމާއި އަމިއްލަ ނަފްސު ވެސް ފަލީހަތް ވުން ފަދަ ގެއްލުންތައް ލިބެ އެވެ.

• އެންމެ މަންފާ ހުރި ގޮތުގައި ވަގުތުގެ ބޭނުން ނުކުރެވި ވަގުތުތައް ނަގާލެވިގެން ދިއުން. މިހެން ވުމުން ދީނީ ވާޖިބުތަކަށް ފަރުވާކުޑަ ކުރެވޭ ގޮތްވުމާއި އާއިލާ އަށް އަދާކޮށްދޭން ޖެހޭ މަސްއޫލިއްޔަތުގައި ފަރުވާކުޑަކުރުމާއި ކިޔެވުމާއި މަސައްކަތުގެ މަސްއޫލިއްޔަތުތަކަށް އިހުމާލުވެވޭ ގޮތް މެދުވެރިވެ އެވެ.

• ބަދުއަހުލާގީ އަމަލުތަކަށް ހިތްވަރު ލިބޭ ފަދަ ތަކެތި ހިއްސާ ކުރެވިގެން ދިއުން. މިގޮތުން ފާހިޝް އަމަލުތަކަށް މީހާ ހިތް ޖެއްސުވުމާއި އެފަދަ ކަންކަން އަމަލީ ހަޔާތުގައި ތަޖުރިބާ ކުރުމާއި ލަދުހަޔާތް ނެތިދިއުން ފަދަ ކަންކަން ކުރިމަތިވެ އެވެ.

• ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ މެދު އޮންނަ ގުޅުންތަކަށް ބުރޫއެރުން. މީގެ ނަތީޖާއަކީ ކައިވެނިތައް ރޫޅުމާއި އާއިލާގެ މީހުން އެއްތަނަކުން ބައްދަލުކުރުން މަދުވުމާއި ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުން މަދުވެ، ރަޙިމުގެ ގުޅުންތަކަށް ބުރޫއެރުމާއި ޒަވާޖީ ހަޔާތުގައި ހިޔާނާތްތައް ގިނަވުން ފަދަ ކަންކަން މެދުވެރިވުމެވެ.

މި ފާހަގަކުރި ކަންކަމުން ކުރެ އާދައިގެ އެންމެ ކުޑަކަމެއް ވެސް އެއީ ހަގީގަތުގައި ބޮޑު ފާފައެއް ކަމުގައި ވެގެންދެ އެވެ. ޤުރްއާނާއި ސުންނަތުގައި މި ކަމަށް ލިބޭ ދަލީލުތައް ގިނަ އެވެ.

މުސްލިމުން ސަމާލުވާން ޖެހޭ ކަންކަން:

• ބަސް ބުނުމުގައި އަދި އެ ނަގުލު ކުރުމުގައި އިސްލާމީ މިންގަނޑުތައް ދެމެހެއްޓުން. މި ގޮތުން ދެ ޖިންސުގެ މީހުންގެ މެދުގައި ނުރަނގަޅު ފިކުރަކަށް ދެވިދާނެ ކަހަލަ ވާހަކަތަކާއި އާއިލީ ސިއްރުތަކާއި ހަޑިހުތުރު ބަސްތަކާއި ދޮގު މައުލޫމާތާއި ނަފްރަތު އުފައްދާ ވާހަކަތަކާއި އަބުރު ކަތިލައި މަލާމާތް ކުރެވޭ ފަދަ ވާހަކަތަކާއި އެކަމުގެ އިލްމު ލިބިފައި ނުވާ ކަންކަން ހިއްސާ ކުރުމުން ދުރުހެލިވާން ޖެހެ އެވެ.

• ހިއްސާކުރާ މައުލޫމާތެއްގެ ކަށަވަރުކަން ނުހޯދައި އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުން. ފާސިގަކު ޚަބަރަކާއިގެން އަތުވެއްޖެ ނަމަ އޭގެ ސައްހަކަން ކަށަވަރު ކުރަން ޖެހެ އެވެ. (އަލްޙުޖުރާތު 6).

• މީހުންނަށް ގެއްލުން ދިނުމަށް ކުރާ ކަންކަމުން ދުރުހެލިވުން. މި ގޮތުން މީހުންގެ ސިއްރުތަކާއި އައިބުތައް ހޯދަން މަސައްކަތް ނުކުރުމާއި ފިކުރީ މުދަލުގެ ހައްގަށް ރައްކާތެރިވުން ލާޒިމުވެ އެވެ.

• އެހެން މީހުން ފާހިޝް އަމަލުތަކަށް ވަންނަން އެހީތެރިވާ ފަދަ ކަންކަން ނުކުރުން. މީގެ ތެރޭގައި ޝަހުވަތްތައް ހިލިދާނެ ފަދަ ވާހަކަތަކާއި މަންޒަރުތައް ހިއްސާ ނުކުރުމާއި ފިރިހެނުން އަންހެން ވެގެން އަދި އަންހެނުން ފިރިހެންވެގެން ނޫޅުން ފަދަ ކަންކަމުން ދުރުހެލިވުން ހިމެނެ އެވެ.

• ތިމާގެ އަގީދާ އަށް ނުވަތަ ފިކުރަށް ނުވަތަ އަހުލާގަށް އެއްވެސް ކަހަލަ ބުރުލެއް އަރާފާނެ ފަދަ ވާހަކަތަކާއި މަންޒަރުތައް ހުންނަ ސަފުހާތަކަށް ނުވަނުން. ތިމާގެ ފެނުމާއި އިވުމާއި ހިތަކީ އެއާ މެދު ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ކަންކަމެވެ.

• ހަސަދަ އާއި އެސްފީނާ ފަދަ ކަންކަމާއި ބްލެކްމެއިލްކުރުން ފަދަ ކަމަކަށް މަގުފަހިވެދާނެ ފަދަ ވާހަކަތަކާއި މަންޒަރުތައް ހިއްސާ ނުކުރުން.

• އެހެން މީހުން ކުރާ ނޭދެވޭ ކަންކަމަށް ކެތްކުރުމާއެކު އަންގަން ޖެހޭ ފަރާތްތަކަށް އެންގުން.

މި ކަންކަމުގެ އިތުރުން ވެސް ތިމާ ފާފަވެރި ވެދާނެ އެއްވެސް ވާހަކައެއް ނުވަތަ މަންޒަރެއް ބެލުމާއި ހިއްސާކުރުމުން ދުރުހެލިވާން ޖެހޭނެ އެވެ.