Roadha Mihaaru
ބަންގްލަދޭޝް އިން ރާއްޖެ އަށް އާ ސަފީރެއް

ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ފަތްކޮޅު އަރުވައިފި

06 އެޕްރީލް 2022

ބަންގްލަދޭޝްގެ ފަރާތުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ރިއާ އެޑްމިރަލް އެސް.އެމް.އަބުލް ކަލާމް އާޒަދު ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ބަންގްލަދޭޝްގެ ފަރާތުން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު ރިއާ އެޑްމިރަލް އެސް.އެމް.އަބުލް ކަލާމް އާޒަދު ސަފީރުކަމުގެ ފަތްކޮޅު މިއަދު އަރުވައިފި އެވެ.

ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އެރުވުން އޮތީ ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަގާމުގައި ކުރިން ހުންނެވި ރިއާ އެޑްމިރަލް މުހައްމަދު ނަޒްމުލް ހަސަންގެ ދައުރު ވަނީ މިދިޔަ ފެބްރުއަރީ މަހު ހަމަވެފަ އެވެ.

ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ބަންގްލަދޭޝްގެ ސަފީރު ވަނީ އެ ރަސްމިއްޔާތަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފަ އެވެ.

ރައީސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އެއްވެސް ތަފާތު ކުރުމެއް ނެތި ބަންގްލަދޭޝްގެ ރައްޔިތުންނަށް ވެސް ވެކްސިން ލިބޭނެ މަގު ފަހިކޮށްދެއްވީތީ ސަފީރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ.