Roadha Mihaaru
ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭއެއް ނޯންނާނެ: ހައި ކޯޓް

ހައި ކޯޓުގެ ރައްދު ޕީޖީ އަށް: ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭއެއް ނޯންނާނެ

30 މާޗް 2022

ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭ ކިޔައި ވަކި ދެ ކުށެއް ނެތް ކަމަށް ނިންމައި އަދި ޒިނޭގެ މައްސަލަތަކުގައި މިހާރު ދައުވާ ކުރެވޭނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އެކަނި ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ޒިނޭ އާއި ގާނޫނީ ޒިނޭ ކިޔައި ވަކި ދެ ކުށެއް ނެތް ކަމަށް ނިންމައި އަދި ޒިނޭގެ މައްސަލަތަކުގައި މިހާރު ދައުވާ ކުރެވޭނީ ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އެކަނި ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގައި ވެސް ޒިނޭގެ ކުށް އޮވެ އެވެ. ދައުލަތުން ބުނާގޮތުން ގާނޫނުލްއުގޫބާތުގައި އޮތީ "ގާނޫނީ ޒިނޭ" އަދި ޖިންސީ ކުށުގެ ގާނޫނުގައި އޮތީ "ޝަރުއީ ޒިނޭ" ގެ ކުށެވެ. އެއީ ޑީއެންއޭ އާއި ގަރީނާ ބޭނުންކޮށްގެން އެ ގާނޫނުގެ ދަށުން ޒިނޭ ސާބިތު ކުރެވޭއިރު، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޑީއެންއޭ އާއި ގަރީނާ ބޭނުން ނުކުރެވޭތީ ކަމަށް ބުނެ އެވެ.

"ބަޔާންވެދިޔަ އެއްވެސް ގާނޫނެއްގައި ޝަރުއީ ޒިނޭ އަދި ގާނޫނީ ޒިނޭ މިހެން ބަޔާންކުރާ ކުށެއް ނެތެވެ." ހުކުމުގައި ބުނެފައިވެ އެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ކުރި ޒިނޭގެ ދައުވާއެއް މެޖިސްޓްރޭޓް ކޯޓަކުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ވަނީ ދެ ގާނޫނުގައި ޒިނޭ ސާބިތުކުރާ ހެކީގެ މިންގަނޑަށް ބަލައިގެން ކުށް ތަފާތު ކުރުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އަދި ޒިނޭގެ މައްސަލަތަކުގައި މިވަގުތު އިސްވެފައި އޮތީ ޖިންސީ ކުށުގެ ގާނޫނު ކަމަށް ވާތީ، ދެ ގާނޫނު މަސްހުނި ކޮށްގެން ދައުވާ ނުކުރެވޭނެ ކަމަށް އެ ހުކުމުގައި ވެ އެވެ.

"ވީމާ ޒިނޭގެ ކުށާ ގުޅިގެން އެއީ ގާނޫނީ ޒިނޭއެކޭ، މިއީ ޝަރުއީ ޒިނޭއެކޭ ބުނެ، ޒިނޭގެ ކުށުގެ މައްޗަށް ދެ ގާނޫނު މަސްހުނި ކޮށްގެން، ކުށުގެ އަމަލުގެ ތުހުމަތުގައިވާ މީހާއަށް އޭނާގެ މައްޗަށް އަންނާނީ ކޮން ބާވަތެއްގެ ޒިނޭއެއްގެ ކުށެއް ކަން އަންދާޒާ ނުކުރެވޭނެ ފަދަ ނިޒާމެއްގެ ދަށުން ދައުވާ ކުރެވިދާނެ ކަމަކަށް ނުދެކެމެވެ." ފަނޑިޔާރު މުހައްމަދު ނިޔާޒް ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި ހުކުމުގައިވެ އެވެ.

"ބަޔާންވެދިޔަ އެއްވެސް ގާނޫނެއްގައި ޝަރުއީ ޒިނޭ އަދި ގާނޫނީ ޒިނޭ މިހެން ބަޔާންކުރާ ކުށެއް ނެތެވެ."

ޕީޖީ ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި --- ފޮޓޯ/މިހާރު

ޕީޖީ ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި --- ފޮޓޯ/މިހާރު

ހުކުމުގައިވާ ގޮތުން ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހުގެ ދަށުން، އެ ގާނޫނުގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނު އިސްކޮށްފައި ވާތީ، ގާނޫނުލްއުގޫބާތުގައި އޮތް ޒިނޭގެ ކުށުގެ އުސޫލު މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެއް ކުށެއް ދެ ގާނޫނުގައި އޮވެއްޖެ ނަމަ، އަބަދުވެސް ރައްޔިތުންގެ މަޖިލީހުން އަމަލުކުރާ ގޮތަކީ އޭގެ ތެރެއިން ކޮންމެވެސް އެއް ގާނޫނެއް އިސްކުރުން ކަމަށް ހުކުމުގައިވެ އެވެ.

"ޒިނޭގެ ކުށާ ގުޅިގެން ޕްރޮސެކިއުޝަނުން އަމަލު ކުރަން ޖެހެނީ ޖިންސީ ކުށުގެ ގާނޫނުގައި ބަޔާންކުރާ ގޮތަށެވެ. ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ ޒިނޭގެ ކުށާ ގުޅޭގޮތުން ހުރި އުސޫލުތައް ވަނީ ގާނޫނީ ގޮތުން ހުއްޓުމަކަށް އައިސްފަ އެވެ،" ހުކުމުގައި ބުންޏެވެ.

ޖިންސީ ކުށުގެ ގާނޫނުގެ އޮތްގޮތުން، ޒިނޭގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ ހައްދުގެ އަދަބުގެ އިތުރުން ތައުޒީރީ އަދަބު ވެސް ދެވިދާނެ ކަމަށް ހުކުމުގައި ބަޔާންކުރި އެވެ.

ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.