Roadha Mihaaru
އުއްޗު: ދޫދެއްވުމެއް ނެތް ތަރައްގީގެ ތަސައްވަރެއްގައި!

އުއްޗު: ދޫދެއްވުމެއް ނެތް ތަރައްގީގެ ތަސައްވުރު!

02 އެޕްރީލް 2022

ކާމިޔާބުގެ ވާހަކަ އެއްފަރާތުގައި ބާއްވަމާ ހިނގާށެވެ! މި ރަށަކީ، ބައިވަރު އެހެން ތާރީހުތަކެއް ވެސް ބަދަލުކޮށްލި ރިސޯޓެކެވެ. މިއީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރަަށް ހާލުގައި އޮއްވައި، ރާއްޖޭގައި އޮތް ހަމައެކަނި އެއާޕޯޓާ 157 މޭލު ދުރުގައި ތަރައްގީކޮށް، ޓޫރިޒަމްގެ ކާމިޔާބު ލިސްޓަށް އެރި ފުރަތަމަ ރިސޯޓެވެ. މާލެއާ ދުރުން ރިސޯޓެއް ހަދައިގެން ކާމިޔާބު ވެދާނެކަން މި ރިސޯޓުން މިސާލު ދެއްކިތާ ކިތަންމެ ދުވަހެކެވެ.

ކާމިޔާބުގެ ވާހަކަ އެއްފަރާތުގައި ބާއްވަމާ ހިނގާށެވެ! މި ރަށަކީ، ބައިވަރު އެހެން ތާރީހުތަކެއް ވެސް ބަދަލުކޮށްލި ރިސޯޓެކެވެ. މިއީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ވަރަަށް ހާލުގައި އޮއްވައި، ރާއްޖޭގައި އޮތް ހަމައެކަނި އެއާޕޯޓާ 157 މޭލު ދުރުގައި ތަރައްގީކޮށް، ޓޫރިޒަމްގެ ކާމިޔާބު ލިސްޓަށް އެރި ފުރަތަމަ ރިސޯޓެވެ. މާލެއާ ދުރުން ރިސޯޓެއް ހަދައިގެން ކާމިޔާބު ވެދާނެކަން މި ރިސޯޓުން މިސާލު ދެއްކިތާ ކިތަންމެ ދުވަހެކެވެ.

ޅ. އަތޮޅުގައި އޮތް މި ރިސޯޓް، ކުރެއްދޫގެ ވަށައިގެން، އަދި އެއަށް ވުރެ މާ ދުރުގައި ވެސް މިހާރު އަގުބޮޑު ރިސޯޓްތައް ހުރީ ތަރައްގީ ކޮށްފަ އެވެ. އެކަމަކު، މީގެ 35 ވަރަކަށް އަހަރު ކުރިން، މި ރަށުގައި ރިސޯޓެއް ހަދައި، ކާމިޔާބު ވުމަކީ އެއްބަޔަކު ގަބޫލުކޮށްފާނެ ގޮތުގައި މޮޔަ ހިޔާލެކެވެ. އެ ހިޔާލު މޮޔަ ނުވި އެއް ބޭފުޅަކީ، ރާއްޖޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ މުހަންމަދު މޫސާ (އުއްޗު) އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުޑަދޫގައި އުއްޗު ފޮޓޯއަކަށް އިށީނދެވަޑައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުޑަދޫގައި އުއްޗު ފޮޓޯއަކަށް އިށީނދެވަޑައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ ޓޫރިޒަމްގައި މި ފާހަގަކުރާ ރަންޔޫބީލްގައި އެންމެ ރަންވަނަތަކެއް ހޯއްދެވި އެއް ބޭފުޅަކީ އުއްޗު އެވެ. ޓޫރިޒަމްގެ ބިންގާ އެޅިގެން އައީ އޭނާގެ ވަރަށް ކައިރިންނެވެ. އެއްބަނޑު އެއްބަފާ ކޮއްކޯފުޅު މަޝްހޫރު ވިޔަފާރިވެރިޔާ، އަދި އޭރު އެންމެ 22 އަހަރުގެ ޒުވާން ހުސެއިން އަފީފާއި މަސްްއޮޑި އަހުމަދު ނަސީމާއި ކޮލި މުހަންމަދު އުމަރު މަނިކު [އެމްޔޫ މަނިކު] އިސްވެ ތިއްބަވައިގެން ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖް ހެއްދެވި އިރު، އުއްޗު އަކީ، ދުރުގައި ހުންނަވައިގެން ވަރަށް ބޮޑު އެހީތެރި ކަމެއް ވެ ވަޑައިގެންނެވި ބޭފުޅެކެވެ. އޭރު ވެސް އުއްޗު އަކީ ވިޔަފާރިވެރިއެކެވެ. އެކަމަކު، ހީވާގި ވިޔަފާރިވެރިއެކެވެ.

ޓޫރިޒަމް ފެށި، ފިރުކެމުން އައީ އުއްޗުގެ އެހީތެރިކަމާ އެކު

"ޓޫރިޒަމް ފެށުނު އިރު އަޅުގަނޑު އުޅޭނީ ބާޒާރުމަތީގައި ފިހާރައެއް ހުޅުވައިގެން،" މީގެ 50 އަހަރު ކުރީގެ ހަނދާންތަކަށް، 77 އަހަރުގެ ވިޔަފާރިވެރިޔާ ވަޑައިގަތެވެ.

އުއްޗު މީހަކާ ފޯނުން ވާހަކަ ދައްކަވަނީ: ހީނ ސަމާސާ ކުރައްވާ ބޭފުޅެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު މީހަކާ ފޯނުން ވާހަކަ ދައްކަވަނީ: ހީނ ސަމާސާ ކުރައްވާ ބޭފުޅެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު އަކީ ބާޒާރުމަތީގައި އެންމެ ހަރަކާތްތެރިކޮށް އުޅުއްވި އެއް ވިޔަފާރިވެރިޔާ އެވެ. އުއްޗުގެ ކޮއްކޮ، އަފީފު ވިދާޅުވި ގޮތުގައި "އުއްޗު އަކީ ވަރަށް ހިތްވަރުގަދަ" ބޭފުޅެކެވެ.

"އެންމެންނަށް ވުރެ ކުރިން ފިހާރަ ހުޅުވާނެ. އެންމެ ފަހުން ލައްޕާ ފިހާރައަކަށް ވާނީ ވެސް އުއްޗުގެ ފިހާރަ،" 'މިހާރު' އަށް ދެއްވި އިންޓަވިއުއެއްގައި އަފީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އޭރު ފައިސާވެރި އާއިލާއެއް ނޫން. އެހެންވެ ހުރިހާ ކަމެއްހެން އޭރު ބެލެހެއްޓެވީ އުއްޗު."

އެއްބަނޑު އެއްބަފާ ފަސް ބޭފުޅުންގެ ތެރެއިން އުއްޗު އަކީ ހަތަރު ވަނަ އަށް ދޮށީ ބޭފުޅާ އެވެ. އަދި އަފީފާ ޖެހިގެން ދޮއްޓަށް ހުންނެވި ބޭފުޅާ ވެސް މެ އެވެ. އެހެންވެ، ޓޫރިޒަމް ކަހަލަ، އޭރު "ގޮތް ނޭނގޭ" ވިޔަފާރިއެއްގެ ތެރެއަށް އަފީފު ވަޑައިގަތުމާ އެކު، އޭގެ ބައެއް ކަންކަން ވެސް އުއްޗު އަށް ޖެހިވަޑައިގަތެވެ.

އުއްޗު އޭނާ ހެއްދެވި އެންމެ އަގުބޮޑު ރިސޯޓް، ކުޑަދޫ އަށް މިދިޔަ ހަފުތާގައި ފައިބާ ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު އޭނާ ހެއްދެވި އެންމެ އަގުބޮޑު ރިސޯޓް، ކުޑަދޫ އަށް މިދިޔަ ހަފުތާގައި ފައިބާ ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަފީފު އުޅުއްވީ މޮހޮދޭމެންނާ [އެމްޔޫ މަނިކު] އެކީގައި. ބައެއް ދުވަސްދުވަހު ފިހާރައިގައި އިންދާ އަފީފު ބުނުއްވާނެ މިއަދު މި އުޅެނީ ތަރުކާރީކޮޅެއް ނުލިބިގެންނޭ. ދެ ހަފުތާއިން އެއް ހަފުތާ އޭރު އެއާ ލަންކާ އަންނާނީ. އެއިން އަންނާނީ ހައެއްކަ އަށެއްކަ ބާސްކެޓް،" އުއްޗު ވިދާޅުވި އެވެ.

"އެއިން އެއްޗެއް ނައިސްފިއްޔާ އަފީފު ބުނުއްވާނެ އުއްޗު ދޭބަލާށޭ ދޮން ފަޅޯކޮޅަކާ ދޮން އަނބުކޮޅެއް މާރުކޭޓުން ގަަނެލަން. ގަނެފައި ފޮނުވާލަދީބަލާށޭ. އަނެއް ދުވަހަކު ބުނެފާނެ ޅަފަޅޯކޮޅެއް ފޮނުވާލަދީބަލާށޭ ކިއުކަންބާ އެއް ނެތޭ އައިސްފައެއް. ސެލެޑް ހަދަން ވެއްޖެއޭ."

ޓޫރިޒަމް ފެށުމުގެ ތެރޭގައި އުއްޗު ރަސްމީކޮށް ބައިވެރިވެ ވަޑައިނުގަތަސް، އޭނާ ވިދާޅުވި ގޮތުގައި އަފީފު ވިދާޅުވިހާ ކަމެއް އޭރު އޭނާ އައީ ކުރައްވަމުންނެވެ.

ކުރެއްދޫގައި މިދިޔަ ހަފުތާގައި ފާހަގަކުރި، ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ހަފުލާގައި އުއްޗު: އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގައުމުތަކުގެ މިނިވަން ދުވަސްތައް ފާހަގަކުރޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރެއްދޫގައި މިދިޔަ ހަފުތާގައި ފާހަގަކުރި، ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ހަފުލާގައި އުއްޗު: އެ ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ގައުމުތަކުގެ މިނިވަން ދުވަސްތައް ފާހަގަކުރޭ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެކަން ވެސް ކުރަމުން އައީ ދެބެއިންގެ ކަމެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މީރުފެންފުށި ކުއްޔަށް ހިފައި، ޓޫރިޒަމްގެ ތެރެއަށް ވެންނެވުން

އަފީފު ހުންނެވީ ކުރުނބާ ވިލެޖް ރިސޯޓްގެ މެނޭޖަރެއްގެ ގޮތުގަ އެވެ. ކުރުނބާ ވިލެޖް، 1972ގައި ހުޅުވުމާއެކު އޭރުގެ ސަރުކާރުން، ރައީސް އިބްރާހިމް ނާސިރު އިސްވެ ހުންނަވައި މާލެ އާ ކައިރި ބައެއް އެހެން ރަށްރަށް ވެސް ޓޫރިޒަމަށް ފައްކާ ކުރަމުން ގެންދިޔަ އެވެ. އޭގެ ތެރޭގައި ހިމެނޭ އެއް ރަށަކީ މާލެ އަތޮޅުގައި، މާލެއާ 50 ކިލޯމީޓަރު ދުރުގައި އޮތް، މީރުފެންފުއްޓެވެ.

"އެ ރަށް [ނާސިރު] ހަދަމުން ދަނިކޮށް ހުއްޓިގެން ނީލަމަށް ލީ. ދެން އަޅުގަނޑުމެން އެ ރަށް ނެގީ،" އުއްޗު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް، ކުޑަދޫގައި އުއްޗު -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރިސޯޓް، ކުޑަދޫގައި އުއްޗު -- ފޮޓޯ: ނިޝާން އަލީ | މިހާރު

މީރުފެންފުށި ކުއްޔަށް ނެގުމަށް ފަހު، އުއްޗު ވެސް ވަޑައިގަތީ އެ ރަށަށެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު އޭނާގެ ފިހާރަ ވެސް ދިޔައީ ވަރަށް ރަނގަޅަށް ހިންގަމުންނެވެ.

"ސައިބޯނި އުފައްދައިގެން ސައިބޯނި ވެސް ވިއްކަމުން އަޅުގަނޑު ދިޔައީ. އިމްޕޯޓް އެކްސްޕޯޓް ވެސް ކުރަން އޭރު ފަށައިފިން،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު ރަސްމީކޮށް މާލެ ދޫކޮށްލައިފައި ގޮސް އެ ރަށަކު އަޅުގަނޑު ނުހުންނަން. ގޮސްލައިފައި އައިސްފައި ފިހާރައިގައި ވެސް އުޅެމުން އެހެން ދިޔައީ."

ޓޫރިޒަމް ދާއިރާ އަށް ވެންނެވީ، އުއްޗު ވިދާޅުވި ގޮތުގައި "ކޮންމެހެން ވަންނާކަށް ނޫނެ"ވެ. އެކަމަކު ވިޔަފާރި ފުޅާވަމުން ދިޔަ ވަރަކަށް އިތުރު ވިޔަފާރިތަކަށް އިންވެސްޓް ކުރުމަކީ ވިޔަފާރީގެ މުހިންމު ބައެއް ކަމަށް އޭނާ އަބަދުވެސް ގަބޫލުކުރައްވަ އެވެ.

ކުޑަދޫގެ ރީތި ގޮނޑުދޮށުގައި އުއްޗު ފޮޓޯތަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުޑަދޫގެ ރީތި ގޮނޑުދޮށުގައި އުއްޗު ފޮޓޯތަކަށް ހުއްޓިވަޑައިގެން -- ފޮޓޯ: ނިޝާން އަލީ | މިހާރު

"[ޓޫރިޒަމް ދާއިރާ އަށް] ވަންނަން މަޖުބޫރުވާނެ ނޫންތޯ ވިޔަފާރި ތަރައްގީވަމުން ދާ ވަރަކަށް. އަބަދުވެސް އެއްކަމެއްގައި އިންނަންވީމަ ކަމަކުނުދާނެ އެއްވެސް މީހަކު. އެހެން ނޫނީ މާ ފަހަތަށް ދާނީ،" އޭނާ ވިދާޅުވި އެވެ.

ނަވާރަ ސަތޭކަ ހަތްދިހަ އަށް ވަނަ އަހަރު 128 ކޮޓަރިއާ އެކު ހުޅުވި މީރުފެންފުއްޓަކީ، އުއްޗުގެ ފުރަތަމަ، އަދި އަފީފާ އެކު ވެސް ފުރަތަމަ ފެއްޓެވި ޓޫރިޒަމް ވިޔަފާރި އެވެ. އެ ރަށް، ރިސޯޓަކަށް ވުޖޫދަށް ގެންނަން ދެބެއިން ވަރަށް ބޮޑު ގުރުބާނީއެއް ވި އެވެ. އެ ހިސާބަށް އައިއިރު، ވަރަށް ބޮޑެތި ގެއްލުންތައް ވެސް ވި އެވެ. ވަރަށް ގިނަ ކަންކަން ދަސްކުރައްވަން ވެސް ޖެހިވަޑައިގަތެވެ. ކަމުގެ އިލްމެއް ލިބިފައި ތިބި އެއްވެސް މީހަކު ނެތުމުން، އަމިއްލަ އަށް ވެސް އެތައް ކަމެއް ކުރައްވަން ޖެހިވަޑައިގަތެވެ.

އުއްޗު: ތަފާތު މިޒާޖެއްގެ ބޭފުޅެއް، އޭނާ އަކީ ވިސްނުން ތޫނު ބޭފުޅެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު: ތަފާތު މިޒާޖެއްގެ ބޭފުޅެއް، އޭނާ އަކީ ވިސްނުން ތޫނު ބޭފުޅެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު ވިދާޅުވި ގޮތުގައި ޓޫރިޒަމް، މީގެ 50 އަހަރު ކުރިން ފެށިގެން އައީ ދަސްކޮށްފައި ނެތް އިލްމެއްގެ ތެރެއިން ކަމަށް ވާތީ، އޭގެ ފިލާވަޅުތައް ނަގަން ޖެހުނީ އަމަލީ ގޮތުން އެކަން ކޮށްގެންނެވެ.

"އޭރު ޓޫރިސްޓުންނަށް ބަތްކޮޅަކާ އެއްޗެހި މި ދެނީ. އިތުރަށް ވެސް ދެނީ ސަމް މޯ އޭ ބުނީމަ. ބާސްކެޓެއްގައި ހަަތަރު ފަސް އަލަނާސި [ރާއްޖެ އިން ބޭރުން ފަހަރަކު] މި އަންނަނީ. އޭރު [ބްރެކްފާސްޓަށް] ޖޭމު ވެސް ކައްކަނީ އަޅުގަނޑު. ފަޅޮލުން ވެސް ޖޭމް ކައްކަނީ. ޖޭމަކީ އޭރު އިމްޕޯޓް ކުރާ އެއްޗެއް ނޫން. ކިހިނެއް އިމްޕޯޓް ކުރަނީ؟،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާ އަށް އުއްޗު ވަޑައިގެން، އޭގެ ތެރޭގައި އުޅުއްވަމުން ކަންކަން ދަސްކުރަމުން ދިޔަ އެވެ. އޭރު އޭނާ ވިދާޅުވި ގޮތުގައި، ކަންކަން ކުރަމުން އައީ ދަތި ހާލުގަ އެވެ. އަދި، އޭރަށް ބަލާއިރު ވެސް ކުރާ މަސައްކަތާ އަޅާ ބަލާއިރު ލިބޭ އެއްޗެއް ވެސް އެއީ އެހާ ރަނގަޅު އަދަދެއް ނޫނެވެ.

ކުރެއްދޫގައި އުއްޗު އޭނާ ދިރިއުޅުއްވާ ގޭގެ އުނދޯލީގައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރެއްދޫގައި އުއްޗު އޭނާ ދިރިއުޅުއްވާ ގޭގެ އުނދޯލީގައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މީރުފެންފުށި ފެށި އިރު އަޅުގަނޑުމެންގެ އޮންނަނީ އެންމެ ދޯންޏެއް. އެ ދޯނީގައި އަޅުގަނޑު އެ މީހުން ގޮވައިގެން އެކްސްކާޝަނަށް ވެސް ދަނީ. ފުރަތަމަ ދުވަސްކޮޅު އައީ ދެ ހަފުތާއިން އެއް ހަފުތާ 10-18 ޓޫރިސްޓުން. މުޅި ދުވަސް ހޭދަކުރާ އިރު، ލިބެނީ ބޮލަކަށް އެންމެ 18 ޑޮލަރު."

އެކަމަކު އޭނާ ވިދާޅުވީ، ގޮންޖެހުންތައް ހުރަސްކޮށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅުއްވަމުން ގޮސް، އިތުރު ރިސޯޓަކާ ހަމައަށް، ފަސް އަހަރު ފަހުން ވަޑައިގެންނެވުނު ކަމަށެވެ. އެއީ ގަސްފިނޮޅެވެ. އެކަމަކު އެތަން ހަދަން ބޭނުންވާ ފައިސާ ހޯދުން ވީ ކުޑަވަރެއްގެ މުސީބާތަކަށެވެ!

"ގަސްފިނޮޅު ނަގައިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދިޔައީ. އޭރު އެ ބޭންކް އެކަނި އޮންނާނީ ވެސް. އެ ބޭންކުން އަޅުގަނޑުމެންނަށް ލޯނު ދެނީ 22.5 ޕަސެންޓް އިންޓަރެސްޓްގައި. އެކަމަކު އަޅުގަނޑުމެން ހަތަރު މިލިއަން ޑޮލަރު ނެގިން. އިޓަލީ ގްރޫޕެއް އައިސް އެތަނަށް ގޮވައިގެން ދިޔައީމަ ބޭންކުން އަޅުގަނޑުމެންނަށް ލޯނު މި ދެނީ އެ މީހުން އެ ޔަގީންކަން ދިނީމާ،" ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ ހަމައެކަނި ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ވެސް އެއް ހިއްސާދާރު ވިދާޅުވި އެވެ.

ކުރެއްދޫގައި އުއްޗު ދިރިއުޅުއްވާ ގޭގައި ޓީވީ ބައްލަވަނީ: ގަވައިދުން ހަބަރުތައް ބައްލަވާ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރެއްދޫގައި އުއްޗު ދިރިއުޅުއްވާ ގޭގައި ޓީވީ ބައްލަވަނީ: ގަވައިދުން ހަބަރުތައް ބައްލަވާ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުތުރަށް ޓޫރިޒަމް ފުޅާކުރެއްވުމުގެ ވިސްނުން

މި ރިސޯޓް، ކުރެއްދު އަކީ މާލެ އިން ދުރުގައި މީގެ 35 އަހަރު ކުރިން ޓޫރިޒަމް ފެށި ފުރަތަމަ ރިސޯޓެވެ. އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ މި ރަށުގައި ފުރަތަމަ ރިސޯޓެއް ހަދައި ހިންގަން ފެށީ ކްރައުން ކޮމްޕެނީންނެވެ.

"އަފީފުމެން [ކްރައުން ކޮމްޕެނީން] ހިންގާތާ އަހަރެއްހާ ދުވަސް ފަހުން އަޅުގަނޑު މި ރިސޯޓް ގަތީ. އަޅުގަނޑު ބުނީ މި ރަށް ވިއްކާށޭ،" އޭނާ ވިދާޅުވި އެވެ.

އޭރު ވެސް، މި ރިސޯޓަށް އޮތް އެންމެ ބޮޑު ހުރަހަކީ، އުއްޗު ވިދާޅުވި ގޮތުގައި މާ ދުރުގައި އޮތް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން މީހުން ގެނައުމުގެ މައްސަލަ އެވެ. މީގެ ތިރީހަކަށް އަހަރު ކުރިން، ޖެހިގެން އޮތް ބ. އަތޮޅުގައި ކުންފުނަދޫގައި ރިސޯޓެއް ހިންގަމުން ގޮސް އެ މީހުން ވެސް ޓޫރިޒަމް ވިޔަފާރި ހުއްޓާލަން ޖެހުނު މައިގަނޑު ސަބަބަކީ އެއީ އެވެ. ޅ. އަތޮޅަށް ލޯންޗެއްގައި ޓޫރިސްޓުން ގެންދަން ވެސް ހައެއްކަ ގަޑިއިރު ހޭދަވެ އެވެ.

"މިހާރު" އަށް އުއްޗު އިންޓަވިއު ދެއްވަނީ: ޓޫރިޒަމްގެ މުހިންމު ވާހަކަތައް ދެއްކެވި -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިހާރު" އަށް އުއްޗު އިންޓަވިއު ދެއްވަނީ: ޓޫރިޒަމްގެ މުހިންމު ވާހަކަތައް ދެއްކެވި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގައި ދަތުރުފަތުރު ކުރެވެން އޮތް ހަމައެކަނި ގޮތަކީ، ދޯނިން ނުވަތަ ލޯންޗުންނެވެ. އެ ނޫން ގޮތަކަށް ޓޫރިސްޓުން އުފުލަން ކިރިޔާ ވެެސް ފެށުނީ މީގެ 25 އަހަރު ކުރިން ހަމިންބާޑު ހެލިކޮޕްޓަރުގެ ދަތުރުތައް ފެށި ހިސާބުންނެވެ.

"މި ރަށް ދުރުކަމުން އޮއިލް ޓޭންކަރެއްގައި ވެސް ޓޫރިސްޓުން ގެނައިން. އޭގެ ފަހުން އެމެރިކާ އިން ވެސް އުޅަނދެއް ގަނެގެން، އޭތިން ގެނެސްގެން ހަތަރު ގަޑިއިރަށް ދަތުރު ބަދަލުވީ. އަސްލު މިތަން ތަރައްގީވީ އެ އުޅަނދު ގެނެސްގެން. އެކަމަކު 200 ފީފާ ތެޔޮ ހަރަދުވާނެ މަހަކު އެ އަށް،" މިހާރު އާންމުކޮށް ކުރެއްދޫގައި އުޅުއްވާ އުއްޗު، މި ރިސޯޓްގައި ހުންނަވައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެގޮތަށް ޓޫރިސްޓުން އުފުލުން ހުއްޓާލީ ސީޕްލޭން ފެށުނީމަ."

ކުރެއްދޫ ރިސޯޓްގެ ޖެޓީ ކައިރި އަށް އެއާ ޓެކްސީއެއް ކައިރިކޮށްފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރެއްދޫ ރިސޯޓްގެ ޖެޓީ ކައިރި އަށް އެއާ ޓެކްސީއެއް ކައިރިކޮށްފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ތަރައްގީ ކުރުމަކީ އުއްޗުގެ އަބަދު ދެކެވަޑައިގަންނަވާ ހުވަފެނެކެވެ. އޭގެ ހެއްކަކީ، ކުރެއްދޫގެ އިތުރުން، ހަމައެކަނި ޅ. އަތޮޅުގައި ވެސް ހަތަރު ރިސޯޓް އޭނާ ހައްދަވައި ހިންގަވަމުން ގެންދެވުމެވެ. އެއީ ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ކުޑަދޫ އާއި ހުރަވަޅި އާއި ކޮމަންޑޫ، އިންނަހުރާ އެވެ. މީގެ އިތުރުން މި އަތޮޅު މާބިންހުރާގައި އަންނަނީ ރިސޯޓެއް ތަރައްގީ ކުރަމުންނެވެ.

"މީގައި ވާ ގޮތަކީ ދަންނަވަންތޯ، ލާރި ގޮސްގެން ލާރި ލިބޭނީ. ބިރުން އުޅެގެނެއް ނުވާނެ. އެއްގޮތަކަށް ވެސް ނުވާނެ. މިއީ ހަމަ ފުޓުބޯޅަ ކުޅުން ކަހަލަ ކަމެއް. އެންމެންނަކަށް ނުވެއް ކުޅެވޭނެ، ކެރިގެން ކުޅޭ މީހާ ކުރިއަށް ދާނީ،" ޓޫރިޒަމްގައި މާލެ އާ ދުރަށް ވަޑައިގެން، ރިސްކް ނެންގެވީ ކިީއްވެތޯ ދެންނެވުމުން އުއްޗު ވިދާޅުވި އެވެ.

އުއްޗު: އޭނާ އަކީ އުތުރަށް ޓޫރިޒަމް ފެތުރުއްވި އެންމެ ވަރުގަދަ ވިޔަފާރިވެރިޔާ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު: އޭނާ އަކީ އުތުރަށް ޓޫރިޒަމް ފެތުރުއްވި އެންމެ ވަރުގަދަ ވިޔަފާރިވެރިޔާ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ހެދިފައި އޮތް އެއްޗެއް ވީމަ އެއްލައެއް ނުލެވޭނެ ނޫންތޯ. މި ތަން ހެދުނީމަ އަޅުގަނޑުމެން ބެލީ މިތަން ސްޓޭޝަނަކަށް ހަދާނީއޭ. މި ތަނަށް ދެން ފޭބުނީމަ މި ތާނގައި ތިބެގެން އެހެން ތަންތަން ހަދަން ފެށުނީ."

މިއީ މިހާރު ކުރީގެ އުއްޗުއެއް ނޫން، އެކަމަކު އަދިވެސް ތަރައްގީގެ ތަސައްވުރު

އުއްޗު އަކީ، އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އޭނާގެ ވަރަށް ގާތް ރަހުމަތްތެރިންނާއި މުވައްޒަފުން ވެސް ގަބޫލު ކުރާނެ އެއް ކަމަކީ، އެއްވެސް އިރަކު އަތްފޮޅާލައިގެން އޭނާ ނުހުންނަވާނެ ކަމެވެ.

އެކަމަކު ސިއްހީ ހާލަތު ވެސް ތަން ނުދޭތީ އާއި، ވިޔަފާރި ބޮޑުކަމުން އޭނާ ވަނީ ވިޔަފާރި ހިންގުމުގައި އަމަލީ ގޮތުން ދުރަށް ވަޑައިގެންފަ އެވެ. އޭގެ ބަދަލުގައި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ އޭނާގެ ބޭފުޅުންނެވެ. އެކަން އޭނާ ސިފަކުރައްވަނީ މި ގޮތަށެވެ؛

އުއްޗު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އޭނާ އަކީ ގިނަ ރިސޯޓްތަކެއް ހެއްދެވި ބޭފުޅެއް-- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު ފޮޓޯއަކަށް ހުއްޓިވަޑައިގެން: އޭނާ އަކީ ގިނަ ރިސޯޓްތަކެއް ހެއްދެވި ބޭފުޅެއް-- ފޮޓޯ: ނިޝާން އަލީ | މިހާރު

"ކުރިން އަޅުގަނޑު ވިޔަފާރިކުރީ އިންޑިއާ ސްޓައިލަށް. މިހާރު މި ކުރަނީ ޔޫރަޕް ސްޓައިލަށް،" ހަ ބޭފުޅުންގެ ބައްޕަ ވިދާޅުވި އެވެ.

"އިންޑިއާ މީހާ ފިހާރަ ހުޅުވާނީ ވެސް. ހަނޑޫ، ހަކުރު، ފުށް މިނާނީ ވެސް އޭނާ. ތަން ސާފު ކުރާނީ ވެސް އޭނާ. ލިބޭ ލާރި ޖީބަށް ވެސް ލާނީ އޭނާ. އޭނާ އިންނާނީ އިރުއޮއްސެން ދެން ވެސް ފިހާރައިގައި އިޑްލީ/ ދޯސާ ކަހަލަ އެއްޗެއް ކާލައިގެން. އެކަމަކު އޭނާ އަށް 100 ޕަސެންޓް ޕްރޮފިޓް [ލިބޭނެ]. އެކަމަކު އޭނަ އޭނާގެ އަނބިދަރިންނަށް ދޭނެ ވަގުތެއް ނޯންނާނެ."

"އެއާ ހިލާފަށް ޔޫރަޕް މީހާ ބޭންކަކުން ނޫނީ އެހެން ތަނަކުން ލޯނު ނަގައިގެން އިންވެސްޓްކޮށްގެން އޭނަ އަނބިދަރިން ގޮވައިގެން ތަންތަނަށް ވެސް ދާނެ، މެނޭޖަރުން ލައިގެން އެ މީހުން އެ ވިޔަފާރި ކޮށްދޭނެ. އެކަމަކު އޭނާ އަށް ލިބޭނީ 20-25 ޕަސެންޓް."

އުއްޗު: ދުރުވިސްނުންތެރިއެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗު: ދުރުވިސްނުންތެރިއެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އުއްޗުގެ ރިސޯޓްތައް މިހާރު މެނޭޖްކުރަނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިންނެވެ. އުއްޗު އަކީ، ރިސޯޓް ވިޔަފާރީގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ވަރަށް ގިނަ އެހެން އިންވެސްޓްމަންޓްތައް ވެސް ކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި މައި ހިއްސާދާރުގެ ގޮތުން ޓްރީޓޮޕްް އާއި މަޑިވަރު އެއާޕޯޓް ވެސް ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައިވަރު އެހެން ވިޔަފާރިތައް ވެސް އެބަހުއްޓެވެ.

އުމުރުގެ ބޮޑުބައި ޓޫރިޒަމް ދާއިރާގައި ހޭދަކުރެއްވި އިރު، އުއްޗު އަކީ، ވަރަށް ގިނަ އެހެން ޝަހުސިއްޔަތުތަކާއި ވިޔަފާރިވެރިންނާ ތަފާތު ބޭފުޅެކެވެ. އޭނާ އަކީ ދިރިއުޅުއްވުން ވަރަށް އާދައިގެ ބޭފުޅެކެވެ. ކޭން ބައްލަވާ ގޮތާއި އާންމު ދިރިއުޅުއްވުން ކިހާ އާދައިގެ ކަން އެނގޭނީ އެ މަންޒަރު ފެންނަ ބަޔަކަށެވެ.

ބަންގްލަދޭޝްގެ މިނިވަން ދުވަސް، ކުރެއްދޫގައި ފާހަގަ ކުރުމަށް އެ ރިސޯޓްގެ މުވައްޒަފުންނާ އެކު، އުއްޗު ކޭކެއް ފަޅުއްވައި ދެއްވުމަށް ފަހު މުވައްޒަފެއްގެ އަނގައިގައި ކޭކު ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބަންގްލަދޭޝްގެ މިނިވަން ދުވަސް، ކުރެއްދޫގައި ފާހަގަ ކުރުމަށް އެ ރިސޯޓްގެ މުވައްޒަފުންނާ އެކު، އުއްޗު ކޭކެއް ފަޅުއްވައި ދެއްވުމަށް ފަހު މުވައްޒަފެއްގެ އަނގައިގައި ކޭކު ލައްވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާގެ ތަސައްވުރެއް އޮވެ އެވެ؛ އެއީ ތަރައްގީ އެވެ. އާ ކޮންސެޕްޓްތަކެވެ. މުވައްޒަފުންގެ ހިތްހަމަޖެހުމެވެ. އޭގެ ހެކިތައް އޭނާގެ ރިސޯޓްތަކުން ފެންނަން އެބަހުއްޓެވެ. އުއްޗު ވިދާޅުވި ގޮތުގައި، އޭނާ ގަބޫލުކުރައްވާ ހަމައަކީ، "ރިސޯޓަކީ އަޅުގަނޑުގެ އެކަނި ތަނެއް ނޫން" ކަމެވެ.

"އެހެން ނޫނިއްޔާ ކިހިނެއްތޯ މިކަން ކުރާނީ،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ ޝައުގުވެރިކަމާ އެކު، އުއްޗު މިހާރު ވެސް އަންނަނީ މަޝްރޫއުތައް ހިނގާ ގޮތްތައް ކައިރިން ބައްލަވަމުންނެވެ. އޭނާގެ ކޮންމެ ޕްރޮޖެކްޓެއްގެ ބިންގަލުން ފެށިގެން ގޮސް، ރިބަންފަށް ކަނޑާލަންދެން އުއްޗު އެތަނެއްގައި ހުންނަވަ އެވެ. އެކަން މިހާރު ވެސް އޮތީ ބަދަލު ނުވެ، ހަމަ އެގޮތުގަ އެވެ.