Roadha Mihaaru
ބެކަމްގެ އިންސްޓަ އެކައުންޓް ޔުކްރެއިންގެ ޑޮކްޓަރަކަށް

ބެކަމްގެ އިންސްޓަގްރާމް އެކައުންޓް ހިންގަން ޔުކްރެއިންގެ ޑޮކްޓަރަކަށް ދީފި

22 މާޗް 2022

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އިންސްޓަގްރާމް އެކައުންޓް ހިންގަން ޔުކްރެއިންގެ ޑޮކްޓަރަކާ ހަވާލުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ އިންސްޓަގްރާމް އެކައުންޓް ހިންގަން ޔުކްރެއިންގެ ޑޮކްޓަރަކާ ހަވާލުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބެކަމް އޭނާގެ އިންސްޓަގްރާމް އެކައުންޓް ޔޫކްރެއިންގެ ޑޮކްޓަރަކާ ހަވާލުކުރީ، ރަޝިއާ އިން ޔުކްރެއިނަށް ދެމުންދާ ހަމަލާތަކުގައި، އެ ދަތި އުނދަގޫ ހާލުގައި އެ ގައުމުގެ ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތް މުޅި ދުނިޔެ އަށް އެންމެ ގާތުން ދައްކައިދިނުމުގެ ގޮތުން ކަމަށެވެ.

ބެކަމް އޭނާގެ އެކައުންޓް ހަވާލުކުރީ ހާކިވްގައި މާބަނޑު މީހުން ވިއްސާ ސެންޓަރެއްގެ އިސްވެރިއެއް ކަމަށްވާ ޑރ. އައިރީނާއާ އެވެ. އެ ޑޮކްޓަރު ވަނީ، 71،6 މިލިއަން ފޮލޮވާސް ތިބޭ ބެކަމްގެ އިންސްޓަގްރާމް ސްޓޯރީގައި އެމީހުންގެ ހާލަތު ދައްކާލައިފަ އެވެ.

ޑރ. އައިރީނާ ވިދާޅުވީ އޭނާގެ ސްޓާފުން 24 ގަޑިއިރު މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހަނގުރާމައިގެ ފުރަތަމަ ދުވަހު ހުރިހާ މާބަނޑު މީހުންނާއި މައިން ބޭތިއްބީ ބޭސްމަންޓްގައި. އެއީ ވަރަށް ހިތްދަތި، ބިރުވެރި ތިން ގަޑިއިރު،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އިންޓެންސީވް ކެއާ ބޭނުންވާ ކުޑަކުދިން ބޭސްމަންޓަކަށް ނުގެންދޭ. އެއީ ބޭސްމަންޓްގައި އެ ކުދިންނަށް ފަރުވާދެވޭނެ ގޮތެއް ނެތުމުން،" އެތަނުގައި އުފަންވި ބައެއް ކުދިންގެ ފޮޓޯތައް ހިއްސާކޮށް އޭނާ ވިދާޅުވި އެވެ.

ޔުނިސެފްގެ ގުޑްވިލް އެމްބަސެޑަރެއްގެ ގޮތުގައި 2005 އިން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ބެކަމް ވަނީ ޔުނިސެފާ ގުޅިގެން ޔުކްރެއިނަށް އެހީވުމުގެ ގޮތުން ޑޮނޭޝަން ފަންޑެއް ހުޅުވައިފަ އެވެ. ބެކަމްގެ ދެމަފިރިން ވެސް ވަނީ އެ ފަންޑަށް ފައިސާގެ އެހީ ދީފަ އެވެ.