Roadha Mihaaru
މެމްބަރުން ހަމަނުވެ އުވާލާ ހިސާބަށް ނުދާނެ:އެމްއާރުއެމް

މައުމޫންގެ އިސްލާހީ ހަރަކާތް، އެމްއާރުއެމް އުވުމުގެ ބިރެއް ނެތް

20 މާޗް 2022

ޕީޕީއެމުން ވަކިކުރެއްވުމުން އިސްލާހީ ހަރަކާތް ކުރިއަށް ގެންދަވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަފާނެ ކަމުގެ ބިރެއް ނެތް ކަމަށާއި އޭގެ ކުރިން 3،000 މެމްބަރުން ހަމަކުރެވޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމުން ވަކިކުރެއްވުމުން އިސްލާހީ ހަރަކާތް ކުރިއަށް ގެންދަވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަފާނެ ކަމުގެ ބިރެއް ނެތް ކަމަށާއި އޭގެ ކުރިން 3،000 މެމްބަރުން ހަމަކުރެވޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

މައުމޫން އިސްލާހީ މަަސައްކަތް ފެއްޓެވީ ޕީޕީއެމްގެ ވެރިކަމުގައި އެ ޕާޓީގައި ހުންނަވައިގެންނެވެ. އެއީ އެމަނިކުފާނު ޕާޓީއާ ދެކޮޅަށް ނުކުމެވަޑައިގެން އޭރުގެ އިދިކޮޅު (މިހާރު ވެރިކަން ކުރާ ކޯލިޝަން) އަށް ބައިއަތު ހިއްޕެވުން ކަމުގެ ހިތްހަމަނުޖެހުންތަކާ އެކު ކައުންސިލް ބައްދަލުވުމެއްގައި އެ މަނިކުފާނު މަގާމުން ވަކިކުރީ އެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައި ހުންނަވައި މައުމޫން ހިތްހަމަނުޖެހުންފާޅުކުރައްވަން ފެއްޓެވީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ރައްޔިތުންނާއި ގައުމަށް ގެއްލުންވަމުންދާ ކަަމަށް ވިދާޅުވެ އެވެ.

ޕީޕީއެމުން ވަކިކުރެއްވުމުން މައުމޫން އުފެއްދެވި އެމްއާރުއެމްގައި މިހާރު ގާނޫނު ބުނާ އަދަދަށް މެމްބަރުންނެއް ނެތެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލުމަށެވެ. މެމްބަރުން ހަމަނުވެއްޖެ ނަމަ އުވާލަން ޖެހޭ ލިސްޓުގައި އެމްއާރުއެމް އާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި އެމްޓީޑީ އާއި ޑީއާރުޕީ އާއި ލޭބަ ޕާޓީ ހިމެނެ އެވެ.

މި ޕާޓީތަކަށް މި ހަފުތާގައި ނޯޓިސް ފޮނުވާނެ އެވެ.

އެމްއާރުއެމްގައި ތިބީ 2،300 މެމްބަރުންނެވެ. މި އަދަދަށް ދަށްވީ އެ ޕާޓީން ބުނި ގޮތުގައި އެންގުމަކާ ނުލައި އެ ޕާޓީގެ މެމްބަރުން އެހެން ޕާޓީތަކަށް ގެންދިއުމުންނެވެ.

އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިއަދު ވިދާޅުވީ އެމްއާރުއެމްގެ ކައުންސިލް މެމްބަރުންނާއި އެކި ކޮމިޓީތަކުގެ މެމްބަރުން ވެސް މި ފަހުން އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ވައްދާފައި އެބަތިބި ކަމަށެވެ. އެއީ އެ މެމްބަރުންނަށް އެނގިގެން ކޮށްފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އާ ޕާޓީތައް ވުޖޫދަށް ގެންނަން އެމްއާރުއެމްގެ މެމްބަރުންނަށް ނޭނގި ހުރީ ވައްދާފައި، އެ އަދަދު އުޅޭ 800 އިން މަތީގައި،" އޭނާ ވިދާޅުވި އެވެ.

ޕާޓީތަކުގައި މީހުން ތަކުރާރުވިޔަސް ބެލޭނެ އެކަށީގެންވާ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުގައި ނެތެވެ. އެއީ ހުށަހަޅާ ފޯމުތަކުގެ ފިންގަޕްރިންޓް ވެރިފައި ނުކުރެވޭތީ އެވެ.

އަލީމް ވިދާޅުވި ގޮތުގައި އެ ޕާޓީގައި ވަރަށް އަވަހަށް 3،000 ހަމަވާނެ އެވެ. އިލެކްޝަންސަށް ހުށަނާޅާ ވެސް ފޯމުތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ރޯދައިގެ ފަހުން އެބަހުރި ދަތުރުތަކެއް ވެސް ރާވާފައި. އަޅުގަނޑުމެން މެމްބަރުން އިތުރުކުރުމުގެ ހަރަކާތް މަޑުޖައްސާލައިގެން ތިބީ ކޮވިޑް ފެތުރިފައި އޮތީމަ،" އަލީމް ވިދާޅުވި އެވެ.

"އަލުން ޕާޓީއަށް މީހުން އިތުރުކޮށް ހަރަކާތްތަކެއް ވަނީ ރާވާފައި."

ޕީޕީއެމަށް ދޫކޮށްލައްވައި، އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު މައުމޫން ފެއްޓެވީ ޕީޕީއެމަށް ކުރިމަތިވި ގާނޫނީ މައްސަލަތައް ޝަރީއަތުން އެމަނިކުފާނާ އެއްކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަން ވެސް ގެއްލުމުންނެވެ. އެ ޕާޓީ ދޫކޮށްލަން މައުމޫނަށް ޖެހިވަޑައިގަތީ، ކޮއްކޯފުޅު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު އުފެދުނު މައްސަލަތަކުގަ އެވެ.

އެމްއާރުއެމްއަކީ މައުމޫން އުފައްދެވި ތިން ވަނަ ސިޔާސީ ޕާޓީ އެވެ. ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ގާނޫނަކުން 2005 ގައި ދިނުމުން އެމަނިކުފާނު އުފެއްދެވީ ޑީއާރުޕީ އެވެ. އެ ޕާޓީގެ ހިންގުމުގައި، އޭރު ހުންނެވި ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އުފެއްދެވީ ޕީޕީއެމް އެވެ.