Roadha Mihaaru
އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަމްޕް އަށް

އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހަމްޕް ހޯދައިފި

18 މާޗް 2022

ސްޕޯޓްސް މިނިސްޓްރީން މިރޭ ބޭއްވި ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕް) ހޯދައިފި އެވެ.

ސްޕޯޓްސް މިނިސްޓްރީން މިރޭ ބޭއްވި ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕް) ހޯދައިފި އެވެ.

މިއީ ރާއްޖޭގައި ބާއްވާ އެއްވެސް އެވޯޑަކުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަމްޒާ ހޯދި ފުރަތަމަ ފަހަރެވެ. ސްޕޯޓްސް އެވޯޑްގައި އޭނާއާ ވާދަކުރީ މީގެ ކުރިން ދެ ފަހަރަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދައިފައިވާ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އޭދަފުށީ ސްކޫލް ޓީމުން ފާހަގަ ކުރެވުމުން ސީނިއާ ކެރިއާ ނިއު ރޭޑިއަންޓުން ފެށި ހަމްޕް ވަނީ، ޒުވާން އުމުރުގައި ގައުމީ ޓީމަށް ކުޅެން ފަށައިފަ އެވެ. ގައުމީ ޓީމަށް 50 އާ ގާތް ކުރާ އަދަދަކަށް އޭނާ ވަނީ މެޗު ކުޅެފަ އެވެ.

ބަންގްލަދޭޝްގައި 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެ އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔަކީ ހަމްޕެވެ. ފައިނަލް މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ސެންޓޭ އިންޑިއާ ކޮޅަށް ވައްދާލި ލަނޑު ޖެހީ ހަމްޕް ދިން ހިތްގައިމު ޕާހަކުންނެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ހަމްޕް އާދަޔާ ހިލާފް މޮޅު ގޯލެއް ބަންގްލަދޭޝް ކޮޅަށް ޖެހި އެވެ. ރާއްޖެއިން ނެގި ކޯނަރު ގޯލްގެ ތެރެއަށް އޭނާ ވައްދައިލީ ބައިސްކަލް ކިކަކުންނެވެ.

ހަމްޒާ

ހަމްޒާ

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ގައުމީ އަންހެން ޓީމުގެ ކީޕަރު އާމިނަތު ލީޒާ ލިޒީ އެވެ. އެ އެވޯޑްގައި އޭނާއާ ވާދަކުރީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ޝާލިޔާ އާއި މަރްޔަމް ރިފާ އެވެ.

އަންހެން ފުޓްބޯޅައިގައި ރާއްޖެއިން މިހާތަނަށް ހޯދި ދެ މެޑަލްގައި ވެސް ލިޒީ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ގައުމީ ޓީމަށް ލިޒީ ކުޅެން ފެށިއިރު ރާއްޖެ އަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެ އެވެ. ނޮވެމްބަރު 2012 ގައި ކުވެއިތުއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ މޮޅުވި އެވެ. އެ މެޗުގައި ވެސް ރާއްޖޭގެ ގޯލް ބެލެހެއްޓީ އޭނާ އެވެ.

އޭގެ ފަސް އަހަރު ފަހުން ސިންގަޕޫރުގައި އޮތް ކުއާޑްރެންގިއުލާ މުބާރާތުން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައި އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ އަންހެން ޓީމުން ފުރަތަމަ މެޑަލް ހޯދި އެވެ. އެ މުބާރާތުގެ ތިން ވަނަ ހޮވި މެޗު އިންޑޮނޭޝިއާ އާދެކޮޅަށް ދިވެހި ޓީމުގެ ތަރިއަކަށްވީ ޕެނަލްޓީ ޝޫޓް އައުޓްގައި އިންޑޮނޭޝިއާގެ ދެ ޕެނަލްޓީ ހުއްޓުވި ލިޒީ އެވެ.

ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި އަންހެން ފުޓްބޯޅަ ޓީމުން މެޑަލް ހޯދި އިރު ވެސް ގޯލްގައި ހުރީ ލިޒީ އެވެ. މިހާރު އޭނާ އަކީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެވެ.